ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް އެމްޑީޕީން ވަކިކުރަން އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވައިފި އެވެ.
ނަޝީދު އެ ހުށައެޅުއްވުން ހުށައެޅުއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕް އަދި އެމްޑީޕީގެ ޕީޖީ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށެވެ.
ރައީސް ނަޝީދު ވިދާޅުވީ "ރޮޒައިނާ އާދަމް އެމްޑީޕީގެ މެމްބަރު ކަމުން ވަކި ކުރުމަށް އަޅުގަނޑު ހުށަހަޅަން" ކަމަށެވެ. ނަޝީދު ވަނީ މީގެ ކުރިންވެސް ރޮޒައިނާއަށް ފާޑުވިދާޅުވެފައެވެ. އަދި ރޮޒައިނާގެ މަޅީގައި އެމްޑީޕީގެ އެއްވެސް މެންބަރަކު ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ނަޝީދު އެ ގޮތަށް ހުށައެޅުއްވުމުން ތޮއްޑޫ ދާއިރާގެ މެންބަރު ޝިޔާން އެކަމަށް ތާއީދު ކުރެެއްވިއެވެ. އިތުރު އެއްވެސް މެންބަރަކު އެކަމަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އެމްޑީޕީން މެންބަރު ރޮޒައިނާ ވަކިކުރެއްވުމަށް ނަޝީދު ހުށައަޅުއްވާފައިމިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅުއްވުމަށް ނަޝީދު އިސްވެ މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.
ނަޝީދުގެ އެ މަސައްކަތްޕުޅަށް އެންމެ ފާޅުގައި ފާޑުވިދާޅުވާ އެއް ބޭފުޅަކީ ރޮޒައިނާއެވެ. ރޮޒައިނާ ގެންދަވަނީ ސަރުކާރު ހިންގުމަށް ދަތި ކުރެއްވުމަށް ނަޝީދު ކުރައްވާ މަސައްކަތްތަކާއި ދެކޮޅަށްވެސް ފާޅުގައި ފާޑުވިދާޅުވަމުންނެވެ.
އެކަމާއި ގުޅިގެން ރައީސް ނަޝީދަށް ވަފާތެރި އެމްޑީޕީގެ އެކްޓިވިސްޓުން ގެންދަނީ ރޮޒައިނާއަށް ހުތުރު ބަސްތަކުން ފާޑުކިޔަމުންނެވެ. އަދި ރޮޒައިނާ މަސައްކަތް ކުރައްވަނީ އެމްޑީޕީ ފުނޑާލަން ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.
އެ ތުހުމަތުތަކާއި ގުޅިގެން އޭނާ ވިދާޅުވީ އެމްޑީޕީ ފުނޑާލަން ނޫޅޭ ކަމަށާ އެކަން އެކަމަނާއަށް ނުވެސް ކުރެވޭނެ ކަމަށެވެ.
"އަޅުގަނޑު ޕާޓީ ފުނޑާކަށް ނޫޅެން، އަދި އަޅުގަނޑު ކަހަލަ ނިކަމެއްޗަކަށް މި ޕާޓީއެއް ނުފުނޑޭނެ. އެކަން ކުރެވޭނީ ބޮޑުންނަށް،"
ރޮޒައިނާ ވިދާޅުވީ އެކަމަނާ ހުންނެވީ އެމްޑީޕީގެ އިސް ލީޑަރު ރައީސް ސޯލިހާއެކު ކަމަށެވެ. އަދި ވިދާޅުވީ އެމްޑީޕީއަކީ ބައެއް މީހުންގެ ނަޒަރުގައި ވަކި އާއިލާއެއްގެ އެއްޗެއް ކަމަށާ ނަމަވެސް އެއީ އެހެން އޮންނަ ކަމެއް ނަމަ އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެމްޑީޕީ ރަޖިސްޓްރީ ކޮށްފައި ނޯންނާނެ ކަމަށެވެ.
"އެމްޑީޕީގައި ކޮންމެ މެންބަރަކަށްވެސް ޕާޓީގައި އެއް ހައްގުތަކެއް ލިބިގެންވޭ. އަދި ބަޔަކު ކިތަންމެ ރުޅިއަޔަސް އެ ހައްގުތަކުގެ ބޭނުން ކުރާނަން،"
ރޮޒައިނާ ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުން އެމްޑީޕީގެ ލީޑަރު ވަރަށް ސާފު ކަމަށެވެ. އަދި އެމްޑީޕީގެ ޕީޖީ ގަވާއިދުން އެމްޑީޕީގެ ޕީޖީ އަމަލު ކުރަންޖެހޭ ގޮތްވެސް ވަރަށް ސާފު ކަމަށެވެ.
"ޕާޓީން ނިންމުންތައް ނިންމަންޖެހޭ ގޮތްވެސް ލިޔެފައި އޮވޭ. އަޅުގަނޑު މަސައްކަތެއް ނުުކުރަން ރައްޔިތުންނަށް ގެއްލުވާ ގޮތަކަށް. އަދި މީހަކު ބުނާހާ ގޮތަކަށްވެސް. ބަޔަކަށް އެކަން ބަލައިނުގަނެވުނަސް ހެޔޮ،"
ރޮޒައިނާ ސިޔާސީ މަސައްކަތް ފެއްޓެވީ ނަޝީދުގެ ޒަމާންވީ ވާދަވެެރިޔާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު ޑީއާރުޕީންނެވެ. މަޖިލީހުން އެކަމަނާއަށް ފުރަތަމަ ފުރުސަތު ދެއްވެވީވެސް މައުމޫނެވެ. ރަައީސްގެ ހާއްސަ މެންބަރެއްގެ ގޮތުގައި މަޖިލީހަށް އައްޔަން ކުރެއްވިއެވެ.
އޭގެ ފަހުން 2009 ވަނަ އަހަރު ޑީއާރުޕީގެ ޓިކެޓްގައި ނިކުންނަވާ ތުލުސްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިއެވެ.
ރޮޒައިނާ އެމްޑީޕީއާއި ގުޅިވަޑައިގެންނެވީ 2013 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައެވެ.
ރޮޒައިނާގެ ފިރިކަލުން މުހައްމަދު ނާޝިޒަކީ ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެވެ.