ރޮޒައިނާ އާދަމް

"ބުނަންޖެހޭ އެއްޗެއް ބުނާނަން، ވާއެއްޗެއް ވާނެ"

ފުރައްސާރަކުރި ނަމަވެސް ވިދާޅުވާން ބޭނުންފުޅުވާ އެއްޗެއް ސާބިތު ކަމާއެކު ވިދާޅުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާގެ "މަޅީގައި" އެއްވެސް މެންބަރަކު ނުޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ލިޔުއްވާފައިވާ މެސެޖެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މިއީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕްގައި އެމަނިކުފާނު ލިޔުއްވާފައިވާ މެސެެޖެއް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

އެ މެސެޖްތަކަށް ބިނާކޮށް ނޫހަކުން ލިޔެފައިވާ ހަބަރެއް ހިއްސާކުރައްވާ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޔެސް ބޮސް" ކިޔަން ދަސްވެފައި ނެތުމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމަށް އޭނާއަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަން ކަމަށެވެ.

"މިހެން މިކަން އޮތަސް، ފުރައްސާރަ ކުރިޔަސް، ބުނަންޖެހޭ އެއްޗެއް ސާބިތުކަމާއެކު ހަމަ ބުނަމުންދާނީ. ވާ އެއްޗެއްވާނެ،" ނަޝީދުގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރޮޒައިނާ ވިދާޅުވިއެވެ.

އޭގެ ފަހުން ރައީސް ނަޝީދަށް ޓެގް ކުރައްވާވެސް އެކަމަނާ ވަނީ ޓްވީޓެއް ކުރައްވާފައެވެ. ވިދާޅުވީ ނަޝީދު ކުރައްވާ ގައުމަށް ފައިދާ ހުރި ކޮންމެ ރަނގަޅު ކަމެއްގައި އެމަނިކުފާނުގެ ފަހަތުގައި އެންމެ ގާތުގައި މަސައްކަތް ކޮށްދެއްވުމަށް ހުންނަވާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑުގެ ޒަމީރު ގަބޫލުނުުކުރާ ކަންތައްތަކުގައި ދެކޮޅު ހަދާނަން. އަދި ބުނަންވެސް ބުނާނަން. އެއީ ރައީސް ނަޝީދުއާ އެއްވެސް ޒާތީ ކަމެއް އޮވެގެން ނޫން،"

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކުގައި ރައީސް ސޯލިހު ދިފާއު ކުރައްވާ އެންމެ ބޮޑަށް ވާހަކަދައްކަވަމުން ގެންދަވަނީ މެންބަރު ރޮޒައިނާއެވެ. އެކަމާއި ގުޅިގެން ރައީސް ނަޝީދަށް ވަފާތެރި އެޕާޓީގެ އެކްޓިވިސްޓުން ގެންދަވަނީ ފާޅުގައި ރޮޒައިނާ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ގައުމެއްގެ ވެރިކަން އެއްފަހަރާ ދެ މީހުންނަށް ނުކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދަށް، މެންބަރު ރޮޒައިނާ އާދަމް ނުސީދާކޮށް ފާޑުވިދާޅުވެފައިވެއެވެ.