ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާނީ އެންމެ ރަނގަޅު ނިންމެވުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
އަމީންގެ މައްޗަށް އިތުބާރުނެތްކަމުގެ މައްސަލައެއް ހުށަހެޅުމާމެދު ގޮތެއް ނިންމުމަށް މިއަދު އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ބައްދަލްވުމުގައި އަމީނަށް އިތުބާރު އެބައޮތް ކަމަށް 31 މެންބަރަކު ވަނީ ވޯޓް ދެއްވާފައެވެ. 58 މެންބަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލްވުމުގައި 27 މެންބަރަކު ވަނީ އަމީންގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައެޅުމަށް ވޯޓް ދީފައެވެ.
ނަމަވެސް އެ ނިންމުން ބޮލާލާ ޖެހުމަށްފަހު އެމްޑީޕީގެ 24 މެންބަރަކު ސޮއިކޮށް އަމީންގެ އިތުބާރު ނެތް ކަމަށް މައްސަލަ ވަނީ މަޖިލީހަށް ހުށައަޅުއްވާފައެވެ. އެ ހުށައެޅުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ އަދި އެމްޑީޕީގައި ފާހަގަކޮށްލެވޭ މެންބަރުން ސޮއިކުރައްވާފައިވެއެވެ.
އެ ގަރާރުގައި ރޮޒައިނާ ސޮއިނުކުރައްވާތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާނީ އެންމެ ރަނގަޅު ނިންމެވުން ކަމަށެވެ. މިއަދު ބޭއްވި ޕީޖީ ބައްދަލްވުމުގައި އެހެން ވިދާޅުވެފައިވާނެ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ އޭނާ ވޯޓްދިނީ ރައީސުލްޖުމްހޫރިއްޔާ އެ މައްސަލާގައި ކުރިއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ގޮތް ޕީޖީ ގުރޫޕުން އޮޅުން ފިލުވުމަށް ކަމަށެވެ.
"އަޅުގަނޑު ވޯޓް ދިނީ އާރުޖޭ [ރައީސުލް ޖުމްހޫރިއްޔާ] މި ކަމުގައި ކުރިއަށްދާން ވިސްނާފައި އޮތް ގޮތް ޕީޖީ ލީޑާޝިޕުން އޮޅުން ފިލުވުމަށް. އެއީ އެމްޑީޕީގެ އެންމެ އިސް ލީޑަރު،" ރޮޒައިނާ ވިދާޅުވިއެވެ.
ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ވަނީ ނިންމާފައެވެ.
ދައުވާ ނުކުރަން ނިންމި ނިންމުން ސާފުކޮށް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުތައް ގަންނަން ހަވާލު ކުރުމުގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ގަބޫލުކުރެވުނަސް، މިނިސްޓަރު އަމީންގެ އިތުރުން އެކަމުގައި ދައުވާކުރަން އޭސީސީން ފޮނުވި ބޭފުޅުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅަން ދަތި ކަމަށެވެ.
އަމީންގެ އިތުބާރު ނެތް ކަމަށް ސޮއިކުރެއްވި މެންބަރުން
- އީވާ އަބްދުﷲ - ގަލޮޅު އުތުރު ދާއިރާ
- އަހުމަދު ހަލީމް - ބިލެއްދޫ ދާއިރާ
- ހަސަން ލަތީފް - ހެންވޭރު ހުޅަނގު ދާއިރާ
- އިމްތިޔާޒު ފަހުމީ - މާފަންނު އުތުރު ދާއިރާ
- އިލްޔާސް ލަބީބް - ހުޅުމީދޫ ދާއިރާ
- ހިސާން ހުސައިން - ތުޅާދޫ ދާއިރާ
- ހަސަން އަފީފް - ވިލުފުށި ދާއިރާ
- ހުސައިން ފިރުޝާން - މަޑަވެލި ދާއިރާ
- އަހުމަދު ޒާހިރު - ގައްދޫ ދާއިރާ
- އިބްރާހިމް ރަޝީދު - މާފަންނު މެދު ދާއިރާ
- އިބްރާހިމް ނާޒިލް - ހިތަދޫ ދެކުނު ދާއިރާ
- މުހައްމަދު ވަހީދު - އުނގޫފާރު ދާއިރާ
- މުހައްމަދު ރަޝީދު - މައްޗަށްގޮޅީ އުތުރު ދާއިރާ
- މޫސާ ސިރާޖް - ފޮނަދޫ ދާއިރާ
- މީކާއީލް އަހުމަދު ނަސީމް - ގަލޮޅު ދެކުނު ދާއިރާ
- މުހައްމަދު ރަޝީދު - ފުވައްމުލަކު އުތުރު ދާއިރާ
- ހުސައިން މުހައްމަދު ދީދީ - ފުވައްމުލަކު
- އަލީ އާޒިމް - މެދު ހެންވޭރު ދާއިރާ
- މުހައްމަދު ރާއީ - މަކުނުދޫ ދާއިރާ
- ހަސަން އަހުމަދު - އިނގުރައިދޫ
- ހަސަން ޒަރީރު - މަތިވެރި ދާއިރާ
- ހަސަން ޝިޔާމް - ތޮއްޑޫ ދާއިރާ
- އަހުމަދު ވަހީދު - ދިއްދޫ ދާއިރާ
- އަހުމަދު ރަޝީދު - ހިތަދޫ މެދު ދާއިރާ