މިނިސްޓްރީ އޮފް ހެލްތު

އަމީން އިސްތިއުފާ ދެއްވައިފި

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ މިރޭ އަމީން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އެ ސިޓީގައި ރައީސް ސޯލިހާއެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށްވާތީ އެކަން އެ ގޮތަށް ކުރައްވާ ކަަމަށް ވިދާޅުވެފައިވެއެވެ.

އަމީންގެ ސިޓީގައި ވިދާޅުވެފައިވަނީ މަގާމުން ދުރުކުރުމަށް "ވާންކުރާ ކުރުމަކީ" އޭނާއަށް އަމާޒުވާ އެތި ފަހަރެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި އަސާސެއް ނެތް ކަންކަމުގައި ސަރުކާރު ބަލިކޮށްލުމަށް އެތަށް ކަމެއް ހިނގަމުންދާ ކަމަށެވެ.

"އަޅުގަނޑު މަގާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތްގެ މަގާމުން އިސްތިއުފާ ދިފީމެވެ،"

އަޅުގަނޑު މަގާމުން ދުރުކުރުމަށް ވާންކުރާ ކުރުމަކީ ކޮންމެހެން އަޅުގަނޑަށް އަމާޒުވާ އެތިފަހަރެއް ކަމަކަށް ނުދެކެމެވެ. އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާއި ކުރެވުނު މަޝްވަރާއިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެން ކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލުކުރޭތީ، މިއަދުން ފެށިގެން މިނިސްޓަރު އޮފް ހެލްތްގެ މަގާމުން އިސްތިއުފާ ދިފީމެވެ.
އަބްދުﷲ އަމީން | ކުރީގެ ހެލްތް މިނިސްޓަރު

އަމީންގެ ސިޓީގައި ކޮވިޑް-19 ގެ ބަލާއާފާތުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ މަަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތައްވެސް ވަނީ ތައުރީފު ކުރައްވާފައެވެ.

އަމީންގެ ސިޓީގައި އޭނާ ވިދާޅުވީ ރާއްޖެއަކީ ސިޔާސީ ގޮތުން ވަރަށް ހަލަބޮލި ގައުމެއް ކަމަށެވެ.

"ރާއްޖެއަކީ ސިޔާސީ ގޮތުން ހަލަބޮލި ގައުމެކެވެ. ވާދަވެރިކަންވެސް ބޮޑު ގައުމެކެވެ. ޒަމާނުއްސުރެ އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގައުމަށް ލިބެންޖެހޭ ހަގީގީ އެތަށް ކުރިއެރުމަށް އެތަށް ހުރަސްތަކެއް ކުރިމަތިވިއެވެ. މަނިކުފާނު ވެރިކަމުގައި އުއްމީދު ގުޅިފައިވަނީ އަންނަން އޮތް އެތަށް ޖީލަކާއެވެ. އެހެނަސް މިކަމަށް ހުރަސް އެޅުމަށް އުއްމީދު ނެތިކޮށްލުމަށް އަދި މަނިކުފާނު ބަލިކޮށްލުމަށް ރޭވުންތެރި މަސައްކަތްތައް އަމާޒުވެއެވެ. ހަގީގަތެއް އަދި އަސާސެއް ނެތް ކަންކަމުގެ ވަސްވާހުގައި ސަރުކާރު ބަލިކޮށްލުމަށް މަސައްކަތް ހިނގައެވެ،" އަމީންގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ރާއްޖެއަކީ ސިޔާސީ ގޮތުން ހަލަބޮލި ގައުމެކެވެ. ވާދަވެރިކަންވެސް ބޮޑު ގައުމެކެވެ. ޒަމާނުއްސުރެ އުފެދިފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ގައުމަށް ލިބެންޖެހޭ ހަގީގީ އެތަށް ކުރިއެރުމަށް އެތަށް ހުރަސްތަކެއް ކުރިމަތިވިއެވެ. މަނިކުފާނު ވެރިކަމުގައި އުއްމީދު ގުޅިފައިވަނީ އަންނަން އޮތް އެތަށް ޖީލަކާއެވެ. އެހެނަސް މިކަމަށް ހުރަސް އެޅުމަށް އުއްމީދު ނެތިކޮށްލުމަށް އަދި މަނިކުފާނު ބަލިކޮށްލުމަށް ރޭވުންތެރި މަސައްކަތްތައް އަމާޒުވެއެވެ. ހަގީގަތެއް އަދި އަސާސެއް ނެތް ކަންކަމުގެ ވަސްވާހުގައި ސަރުކާރު ބަލިކޮށްލުމަށް މަސައްކަތް ހިނގައެވެ.
އަބްދުﷲ އަމީން | ކުރީގެ ހެލްތް މިނިސްޓަރު

އަމީން މަގާމުން އިސްތިއުފާ ދެއްވާފައިިމިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅާފައިވަނިކޮށެވެ. އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ 24 މެންބަރަކު ސޮއިކުރައްވާފައިވެއެވެ. އެމްޑީޕީން އަމީންގެ އިތުބާރު ނެތް ކަމަަށް ހުށައަޅާފައި މިވަނީ އަމީންގެ މައްޗަށް އިތުބާރު އެބައޮތް ކަމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ނިންމާފައިވަނިކޮށެވެ.

އަދި ވެންޓިލޭޓަރުތައް ހޯދުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީ އިން ޕީޖީ އޮފީހަށް ހުށަހެޅި މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވަނިކޮށެވެ.

ދައުވާ ނުކުރަން ނިންމި ނިންމުން ސާފުކޮށް ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ، ވެންޓިލޭޓަރުތައް ގަންނަން ހަވާލު ކުރުމުގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަމަށް ގަބޫލުކުރެވުނަސް، މިނިސްޓަރު އަމީންގެ އިތުރުން އެކަމުގައި ދައުވާކުރަން އޭސީސީން ފޮނުވި ބޭފުޅުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅަން ދަތި ކަމަށެވެ.

އަދި ދައުވާ ނުކުރަން ނިންމީ، އެކަމުގައި އޭސީސީން ފޮނުވާފައިވާ ރިޕޯޓާއި ލިޔެކިއުންތަކުގެ އަލީގައި، އެ ދައުވާތައް ކޯޓުގައި ސާބިތުކުރެވޭނެ ކަމަށް ގަބޫލުނުކުރައްވާތީކަމަށްވެސް ޝަމީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އަމީންއަކީ ރައީސް ސޯލިހުގެ ވަޒީރުންގެ މަޖިލީހުން އިސްތިއުފާ ދެއްވި ތިން ވަނަ ވަޒީރެކެވެ. ފުރަތަަ އިސްތިއުފާ ދެއްވީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ. އެކަމަނާވެސް މަގާމުން އިސްތިއުފާ ދެއްވީ މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ މަޖިލިސްތެރެެއިން ވަކިކުރާނެ ކަމުގެ ގަދަ އިންޒާރު އެމްޑީޕީގެ މަޖިލިސް މެންބަރުން ދެއްވުމުންނެވެ. އޭގެ ފަހުން ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އެކަމަނާ އިސްތިއުފާ ދެއްވީ ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން ނަމަވެސް އެ އިސްތިއުފާގެ ފަހަތުގައިވެސް ފޮރުވިފައިވަނީ ސަރުކާރުގެ ތެރެއިން އަދި އެމްޑީޕީގެ ތެރެއިން އައި ޕްރެޝަރެވެ. ފަހުން އެ މަގާމަށް އެމްއާރްއެމްއިން ބޭފުޅެއްގެ ނަން ފޮނުވުމަށް ތައްޔާރުވެފައިވަނިކޮށް ރައީސް ވަނީ އެ މިނިސްޓްރީވެސް އުވާލައްވާފައެވެ.

އަމީން އަދި އާތިފާގެ އިތުރުން ބޮޑެތި ތުހުމަތު ކުރެވުނު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް އިސްތިއުފާ ދެއްވަން ރައީސް އެންގެވުމުން އަލީ އެކަން ނުކުރެއްވުމުން މަގާމުން ވަނީ ވަކިކޮށްފައެވެ.