ދައުލަތުގެ ވުޒާރާ ތަކަކީ ވަކި ބަޔަކަށް ހިބަކޮށް ދެވޭނެ ތަންތަން ނޫން ކަމަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
ބޮންޑެ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް މި ސަރުކާރުން ދީފައިވާ ހެލްތު މިނިސްޓްރީގެ ސްލޮޓަށް އެމްޑީޕީގެ ބޭފުޅަކު އައްޔަން ކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން ކިޔަމުން ގެންދާ ފާޑުކިޔުންތަކާ ގުޅިގެންނެވެ. ގިނަ ޕާޓީތަކެއްގެ ބައިވެރިވުމާއެކު އުފެދުނު މި ސަރުކާރުގައި ހެލްތް މިނިސްޓްރީއަކީ ޖުމްހޫރީ ޕާޓީއަށް ދީފައިވާ ސްލޮޓެކެވެ. އަމީން މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ. ނަމަވެސް އަމީންގެ އިސްތިއުފާއާއެކު އެ މަގާމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ އެމްޑީޕީގެ މެންބަރެކެވެ.
އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ބޮންޑެ ވިދާޅުވީ ގާނޫނު އަސާސީގައި އޮތީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމުގެ ވާހަކަ ކަމަށެވެ. ގާނޫނު އަސާސީގައި ކޯލިޝަންގެ ވާހަކަ ނެތް ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކި ވުޒާރާތައް ވަކި ބަޔަކަށް ހިބަކޮށް ނުދެވޭނެ ކަމަށެވެ.
"ގާނޫނު އަސާސީގައި އޮތީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދޭން ޖެހޭނެ ވާހަކަ. ކޯލިޝަނުގެ ވާހަކަ އެއް ނެތް. ދައުލަތުގެ ވުޒާރާ ތަކަކީ އެއްވެސް ހާލަތެއްގައި ވަކި ބަޔަކަށް ހިބަކޮށް ދެވޭނެ ތަންތަނެއް ނޫން،" ބޮންޑެ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހެންވޭރު ހިކިފިނިފެންމާގެ އަހުމަދު ނަސީމް ހެލްތް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އިއްޔެ އެވެ. ހެލްތު މިނިސްޓަރު ކަމުން އަމީން އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅާފައިވަނިކޮށެވެ. އެ މަަސައްކަތުގައި އެމްޑީޕީގެ ރައީސް ނަޝީދު އިސް ދައުރެއް އަދާކުރެއްވި ކަމަށް އެނގިފައިވެއެވެ. އަމީން އިސްތިއުފާ ދެއްވީ އެމްޑީޕީގެ ތެރެއިން އައި ޕްރެޝަރާއި ހެދި ރައީސް ސޯލިހާއެކު ކުރެވުނު މަޝްވަރާތަކަަކަށްފަހު އެވެ.