ރޮޒައިނާ އާދަމް

ރައީސްގެ ދިފާއުގައި ރޮޒައިނާ ކުރައްވަނީ ޓްވީޓް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހައްގުވާ ހެޔޮ ބަހެއް ބުނުމުން އެކަން "ހަޖަމް" ކުރަން އުނދަގޫ ވެގެން އުޅެނީ އިދިކޮޅު ޕީޕީއެމަށް އެކަނި ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ތެރެއިން ރައީސް ސޯލިހަށް ފާޑުކިޔާ މެންބަރުންނަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުން ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ބައެއް ފަރާތްތަކުން ކުރަމުން ގެންދާ ތުހުމަތުތަކާއި ގުޅިގެން ރައީސް ސޯލިހުގެ ސަރުކާރުގެ ދިފާއުގައި ރޮޒައިނާ ވަނީ ޓްވީޓްތަކެއް ކުރައްވާފަ އެވެ.

އަދި އެމަނިކުފާނަކީ ގާނޫނު ހަދާ މަޖިލީހުގައި 25 އަހަރު މެންބަރުކަން ކުރެއްވި ބޭފުޅެއް ކަމަށައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ބައެއް ބޭފުޅުން މަސައްކަތް ކުރައްވަނީ ރައްޔިތުން ރައީސް ސޯލިހަށް ކުރާ އިތުބާރު ގެއްލުވާލަން ކަމަށް ވިދާޅުވެ ވެސް ރޮޒައިނާ ވަނީ ބައެއް ބޭފުޅުންނަށް ރައްދު ދެއްވާފައެވެ.

ރޮޒައިނާގެ އެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވެސް ވަނީ ސަރުކާރާ، ރައީސް ސޯލިހަށް ތުހުމަތު ކުރައްވާ ބައެއް ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. މި ފަހުން ރައީސް ސޯލިހަށް އެމްޑީޕީގެ ތެރެއިންވެސް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ އެވެ.

ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހަށް ހައްގުވާ ހެޔޮ ބަހެއް ބުނުމުން އެކަން "ހަޖަމް" ކުރަން އުނދަގޫވެގެން އުޅެނީ އިދިކޮޅު ޕީޕީއެމަށް އެކަނި ނޫން ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހައްގުވާ ހެޔޮ ބަހެއް މީހަކު ބުންޏަސް، އެކަން ހަޖަމު ކުރަން އުނދަގޫ ވެގެން އުޅޭތަން މި ފެންނަނީ ހަމަ އެކަނި ޕީޕީއެމްއަކުން ނޫން. އަޖައިބު." ރައީސަށް ފާޑުކިޔާ މީހުންނަށް ރައްދުދީ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ރައީސް ސޯލިހް، ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެ ޓެންޑަ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިއަންދަށްވެސް ރޮޒައިނާ އިއްޔެ ވަނީ ރައްދު ދެއްވާފަ އެވެ.

އެމްޑީޕީގެ އިސް ސަޕޯޓަރެއްގެ ގޮތުގައި ވެސް ހުންނެވި ޒަރިއަންދު ގެންދަނީ މި ފަހުން ސަރުކާރަށް ބައެއް ތުހުމަތުތައްކޮށް ޓްވީޓްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި ވައްކަން ކުރަމުންދާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

އަދި ކޮންޓިންޖެންސީ ބަޖެޓަކީ އަހަރީ ބަޖެޓްގައިވާ ކަންކަމުގެ ތެރެއިން އިތުރަށް ހަރަދު ކުރަން ޖެހިދާނޭ ކަމަށް ބަހައްޓާ މިންވަރަކަށްވާއިރު، ބަޖެޓްގައި ނެތް އިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫއުތަކަށް ކެޕިޓަލް ހަރަދު ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެކަން މަޖްލީހަށް އެނގެންޖެހޭނެ ކަމަށް ވިދާޅުވެ އިއްޔެ ވެސް ވަނީ ޓްވީޓް ކުރައްވާފަ އެވެ.

ރޮޒައިނާ ވަނީ އެ ޓްވީޓަކީ ރައްޔިތުންނަށް ކަންކަން އޮޅުވާލާ، ފިތުނަ އުފެއްދުމުގެ ބޭނުމުގައި ކޮށްފަައިވާ ޓްވީޓެއް ކަމަށް ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ކޮންޓިންޖެންސީ ބަޖެޓުން ހޭދަ ކުރެވޭނެ ގޮތް ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނަކީ ގާނޫނު ހަދާ މަޖިލީހުގައި 25 އަހަރު މެންބަރުކަން ކުރެއްވި ބޭފުޅެއް ކަމަށާ ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ،

އަދި ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ވާހަކަތައް ފަތުރަނީ ރައީސްގެ ސޯލިހުގެ މަގުބޫލްކަން މާބޮޑަށް އިތުރުވުމުންތޯ ވެސް ރޮޒައިނާ ސުވާލު ކުރެއްވި އެވެ.