ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސާއި މެންބަރުން ސިއްރު ބައްދަލުވުންތަކަކަށް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަގާމުން ދުރު ކުރަން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ވެސް ބައްދަލުވުންތަކެއް ބާއްވަވައިފި އެވެ.

މިއަދު މެންދުރު ފަހުން ފެށިގެން ހަވީރާއި ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ އެ ބައްދަލުވުންތަކުގައި މަޖިލީހުގެ ގިނަ މެންބަރުންތަކެއް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ބައްދަލުވުންތައް ބޭއްވެވީ މެންބަރުންގެ ވަކިވަކި ގުރޫޕްތަކާއެކު އެވެ. ރައީސުގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ ޖުމްލަ އަދަދެއް އަދި ސާފެއް ނުވެއެވެ.

ރައީސްގެ އެ ބައްދަލުވުންތަކުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މަގާމުން ދުރުކުރުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅިގެން ރައީސްގެ ސޯލިހުގެ ކަންބޮޑުވުން ހިއްސާ ކުރެއްވި އެވެ.

މިއަދު ބޭއްވި ބައްދަލުވުންތަކުގައި ވެސް ރައީސް ސޯލިހު ވަނީ މިނިސްޓަރު ފައްޔާޒަށް އެމަނިކުފާނު ފުރިހަމަ އިތުބާރު އެބައޮތް ކަމަށް މީގެ ކުރިން މީޑިއާގައި ވިދާޅުވެފައިވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި ފައްޔާޒު މިނިސްޓަރު ކަމުގެ މަގާމުން ދުރުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެމަނިކުފާނު މިއަދު މެންބަރުން ގާތުގައި ވިދާޅުވި އެވެ.

އޭގެ އެއް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި މެންބަރަކު ވިދާޅުވި ގޮތުގައި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުން ވެސް ރައީސް ނަޝީދު ފެއްޓެވި، ފައްޔާޒު ވަކި ކުރުމުގެ ސިޔާސީ މަަސައްކަތްޕުޅާމެދު ހިތްހަމަ ނުޖެހުމާއި ކަންބޮޑުވުން ފާޅު ކުރި އެވެ. އަދި އެ ހުރިހާ މެންބަރުން ވެސް ތިއްބެވީ ރައީސް ސޯލިހާއި ސަރުކާރާއިއެކުގައި ކަމުގެ ޔަގީންކަން ރައީސަށް ދެއްވި އެވެ.

ވަރަށް ބޮޑަށް ސިއްރު ކޮށްފައިވާ އެ ބައްދަލްވުންތަކާއި ގުޅޭ ގޮތުން ރައީސް އޮފީހުން އެއްވެސް އެއްޗެއް އަދިއެއް ނުބުނެ އެވެ.

މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ އަދި އެންމެ "ބާރު ގަދަ" ވަޒީރު ކަމަށް ބުނާ މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށައެޅުމުގެ މަސައްކަތް ރައީސް ނަޝީދު ފެއްޓެވީ މިދިއަ އޯގަސްޓް މަހުގެ 12 ވަނަ ދުވަހު އެވެ. މެންބަރުންގެ އަރިހަށް އިތުބާރު ނެތްކަމުގެ ގަރާރުގެ ލިޔުން ހިއްޕަވައިގެން ވަޑައިގެންނެވީ ވެސް ނަޝީދެވެ. އެނގިފައިވާ ގޮތުގައި އެމަނިކުފާނުގެ އެ ގަރާރަށް އަދި ހޯއްދެވުނީ 25 މެންބަރުންގެ ސޮއެވެ. އެއީ އެފަދަ މައްސަލައެއް ވައްދަން ބޭނުންވާ 10 މެންބަރުންގެ ސޮޔަށް ވުރެ ބޮޑު ތަނުން ގިނަ އަދަދެކެވެ. ނަމަވެސް އިތުބާރުގެ މައްސަލަ ފާސް ކުރަން ބޭނުންވާ ވޯޓްގެ އަދަދާ ކައިރިއަށް ވެސް ރައީސް ނަޝީދަށް އަދި މެންބަރުންގެ ސޮއި ހޯއްދެވިފައި ނުވާ ކަމަށް ވެއެވެ.

މީގެ ދެތިން ދުވަސްކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ދޫކޮށްލެވި މެސެޖްގައި ފައްޔާޒުގެ މައްސަލައަކީ "ސީރިއަސް" މައްސަލައެއް ކަމަށް ވިދާޅުވެ އެ މައްސަލައަށް ގައުމީ މަޖިލީހުން ގޮތްތަކެއް ނިންމަވަން ހުށައަޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ ފަހުން ފައްޔާޒުގެ މައްސަލައާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އެޑްރެސް ކުރައްވާ ނަޝީދު ވަނީ ސިޓީއެއް ފޮނުއްވެވި އެވެ. އެ ސިޓީގައި އެމަނިކުފާނު އެދިވަޑައިގެންނެވީ މިނިސްޓަރު ކަމުގެ މަގާމުން ފައްޔާޒު އެކަހެރިވެ ވަޑައިގެންނެވުމަށް ކަމަށް ދަންނަވާފައި ވެއެވެ. އަދި އެކަމަށް އެދި ވަޑައިގަންނަވަނީ ފައްޔާޒު މަގާމުގައި ހުންނަވައިފި ނަމަ އެމްޑީޕީއަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށް ވިދާޅުވެފައި ވެއެވެ.

"... މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ އަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީ މިންވަރަށް ބެލުމަކީ ސިޔާސީ ކަމެއް ނޫނެވެ. ޕާޓީން އަޅުގަނޑާ ހަވާލުވެފައި ވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރުން ދެކޭ ނަމަ މިނިސްޓަ ފައްޔާޒަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ،" އިނގިރޭސިވިލާތުގައި މިވަގުތު ހުންނެވި ނަޝީދު ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް ފައްޔާޒުގެ ވަނީ މަގާމުން އިސްތިއުފާ ނުދައްވާނެ ކަމަށާ އިސްތިއުފާ ދެއްވުމަށް ވެސް އަދި މަގާމުން އެކަހެރިވެވަޑައިގަތުމަށް ވެސް އެންގެވޭނީ ހަމައެކަނި ރައީސް ސޯލިހަށް ކަމަށް ވިދާޅުވެފަ އެވެ.

"އިސްތިއުފާ ދިނުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް، ރައީސް ސޯލިހު އަންގަވާ ގޮތަކަށް ސެޓަޕާއެކު އަޅުގަނޑު ދާނީ ކުރިއަށް،" ނަޝީދުގެ ސިޓީއާއި ގުޅިގެން އަވަސްއާ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަކި ކުރަން ރައީސް ނަޝީދު ފައްޓަވާފައިވާ މަސައްކަތްތަކާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑު ބައިވުންތަކެއް އުފެދިފައިވާއިރު ރައީސް ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ އަމިއްލަ މަސްހަލަތު އިސްކޮށްގެން ބަދަލު ހިފުމުގެ ރޫހެއްގައި ޕާޓީ ގުރުބާން ކުރައްވައިގެން ކަމަށާއި އެއީ "ޣައްދާރުވުން" ކަމަށް ބުނެ އެކަން ޕާޓީގެ ފަރާތުން ހުއްޓުވައި ދިނުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ ވަނީ އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ސިޓީއެއް ފޮނުވާފަ އެވެ. ޝުއަބަކީ ނަޝީދާ ވަރަށް އަރިސް ބޭފުޅެއް ނަމަވެސް ފަހަކަށް އައިސް ސްރީލަންކާގައި ހުންނަވައިގެން ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އެވެ.