ފައްޔާޒް އިސްމާއީލް

ފައްޔާޒް ވޯޓް: "މިއީ އަޅުގަނޑުގެ ފައިޓެއް ނޫން"

އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށާ އެފަދަ ވޯޓަކާމެދު އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ އަދި މިހާރުގެ ކެބިނެޓްގައި އެންމެ ހީވާގިކޮށް ފެންނަ، މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުގައި އިސްކޮށް އުޅުއްވަނީ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ވަރަށް ގާތް ކަމެއް އޮންނަ މެންބަރުންތަކެއް ކަމަށް ވަނީ އެނގިފައެވެ.

އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ވައްދާ ގަރާރުގައި ރައީސް ނަޝީދު ވެސް ވަނީ ސޮއިކުރައްވާފަ އެވެ. އަދި އެ މަނިކުފާނާއެކު އިތުރު 25 މެންބަރަކު ސޮއި ދެއްވާފައިވާ ކަމަށް ޔަގީންވެފައި ވެއެވެ.

މިރޭ ރާއްޖެ ޓީވީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެފަދަ ވޯޓެއް ނެގުމަށް މަސައްކަތް ކުރައްވާތީ އުފާ ކުރައްވާ ކަމަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހެއް އޮވެ، އެމްޑީޕީއަށް ނިސްބަތްވާ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމަށް މަސައްކަތް ކުރުމުގެ ހިތްވަރު ހުރިކަން މިއަދު އެނގިގެން ހިނގައްޖެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

"އެމްޑީޕީގެ މަޖިލީހެއް އޮވެ، އެމްޑީޕީގެ ސަރުކާރެއްގެ ވަޒީރެއްގެ ނޯކޮންފިޑެންސް ނެގުމުގެ ގާބިލްކަން ނޫނީ ހިތްވަރު، ރަނގަޅަސް ގޯހަސް އެ ޖާގަ ދިވެހިރާއްޖޭގައި އުފައްދައި ދެވިއްޖެ ކަމަށް އަޅުގަނޑުމެންނަށް. އެމްޑީޕީ އާއި އިސްލާހަށް މަސައްކަތްކުރި ހުރިހާ ބޭފުޅުން މިދިޔަ އެތައް ދުވަހަކު ކުރި މަސައްކަތްތަކުގެ ނަތީޖާ، އެހެންވީމަ އަޅުގަނޑު ވަރަށް އުފާވާ ކަމެއް ފުރަތަމަ ކަމަށް،"

ފައްޔާޒް ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ފަދަ އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. އަދި 24 ގަޑިއިރު ހޭދަ ކުރައްވަނީ ސަރުކާރުގައި ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ކަމަށެވެ.

"އަޅުގަނޑު ދަންނަން އޮންނާނީ އަޅުގަނޑުގެ ނޯކޮންފިޑެންސް ނަގަންޖެހޭ ވަރު ކަމެއް ކޮށްފައެއް. އަދި އިއްޔެއާ ހަމައަށް އަޅުގަނޑު ނުދެވެސް ދެނަހުރިން. އެހެންވީމަ އެވަރުގެ ކަމެއް އޮތްނަމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަމެއް އަޅުގަނޑާ ހިއްސާކުރާނެ،"

މިނިސްޓަރު ފައްޔާޒަކީ ސަރުކާރުގެ އެކި ވަޒީރުންނާއި ގުޅައިގެން އެ ވުޒާރާތަކުގެ މަސައްކަތްތަކާއި ވެސް ބެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭގޮތުން ވެސް ފައްޔާޒް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. ފައްޔާޒު ވިދާޅުވީ ވަޒީރުންނާ ގުޅަނީ ރައްޔިތުންގެ ކަންބޮޑުވުންތައް އިވިވަޑައިގަންނަވާތީ ކަމަށެވެ. ސަރުކާރު ހިންގޭނީ ހުރިހާ ވަޒީރުން ވެސް ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށާ އެހެން ކަމުން މަސައްކަތްތައް އަވަސްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އެހެން ވަޒީރުންނާއި ހިއްސާ ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ބޭފުޅަކަށް ނުވަތަ ބަޔަކަށް އެކަން ކަމުނުދިޔަސް ވަޒީރު ކަމުގައި ހުންނެވިހާ ދުވަހަކު އެކަން ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުގެ އިތުބާރު ނެތް ކަމަށް އަޅުގަނޑުކުރާ މަސައްކަތާއި ގުޅިގެން ނުވަތަ ގާނޫނީ ގޮތުން ހަމަ އެންމެ އިންޗިއެއްވެސް ނޯންނާނެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑާ ދޭތެރޭ ހިތްހަމަނުޖެހުމެއް އޮވެދާނެ. އަޅުގަނޑަކީ އެކި ބޭފުޅުންނަށް އެކި ކަހަލަ އިމޯޝަންސް ނިިކުންނަ މީހެއް، އަޅުގަނޑު ވާހަކަ ދެއްކުން ހުންނަ ގޮތާއި އެކި ކަންކަމުގައި. އެދެން އަޅުގަނޑު މި ހުރީ މެދު އުމުރަށް އައިސްފައި، ހިޔެއްނުވޭ އެކަންކަން ދެން ބަދަލުކުރެވޭނެ ހެންނެއް،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި 25 ކަމެއް ފާހަގަކޮށްފައިވާ ކަމަށް އަޑުއިވިފައިވެއެވެ. އެކަމާއި ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ގޯހެއް ހަދާފައި ނުވާނެ ކަމަށާ މަގާމުން ދުރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

އަދި އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރީ ކިތަށް މެންބަރުންތޯ އަދި އެއީ ކޮންކޮން މެންބަރުންނެއްތޯވެސް ނުބައްލަވާނެ ކަމަށާ އެއީ އޭނާއާ ގުޅޭ "ފައިޓެއް" ނޫން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"ނޯންނާނެ އެއްވެސް ކަމެއް ކޮންފައެއް. ފަންސަވީސް ކަމެއް ތިރީސް ކަމެއް އަޅުގަނޑަކަށް ނޭންގެ، އަޅުގަނޑު ނުވެެސް ބަލަން. ސޮއި ކުރެެއްވި ބޭފުޅެއް، އެކިއެކި ބޭފުޅުން ސޮއިކުރި ވާހަކަވެސް އިވޭ. އޭގެން އެއްވެސް ބޭފުޅަކަށް އަޅުގަނޑު ނުވެސް ގުޅާނަން. މިއީ އަޅުގަނޑުގެ ފައިޓެއް ނޫން އިނގޭތޯ. އަޅުގަނޑު ކުރަމުންދާ މަސައްކަތް އަޅުގަނޑު ކުރާނަން. އެމްޑީޕީގެ މެންބަރުންވިޔަސް އަދި އެހެން މެންބަރުން ވިޔަސް، ރައްޔިތުންގެ މަޖިލީސް މެންބަރުންނަށް އަޅުގަނޑު ބަހައްޓަން ނުފެންނަ ކަމަށް، އޭގައި އަޅުގަނޑު މައްސަލައެއް އޮތަސް ނެތަސް މަޖިލީހަށް ފެނިގެން އެވޯޓް ލައިފިނަމަ އެކަން އެ ނިމުނީ. އެއީ އެކަން އޮންނަ ގޮތް. ތަގުދީރުގައި ލިޔެވިފައި އޮންނާނެ އެކަމެއްވާނެ ގޮތް،"

އަޅުގަނޑުގެ އިތުބާރު ނެތް ކަމަށް އަޅުގަނޑުކުރާ މަސައްކަތާއި ގުޅިގެން ނުވަތަ ގާނޫނީ ގޮތުން ހަމަ އެންމެ އިންޗިއެއްވެސް ނޯންނާނެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑާ ދޭތެރޭ ހިތްހަމަނުޖެހުމެއް އޮވެދާނެ. އަޅުގަނޑަކީ އެކި ބޭފުޅުންނަށް އެކި ކަހަލަ އިމޯޝަންސް ނިިކުންނަ މީހެއް، އަޅުގަނޑު ވާހަކަ ދެއްކުން ހުންނަ ގޮތާއި އެކި ކަންކަމުގައި. އެދެން އަޅުގަނޑު މި ހުރީ މެދު އުމުރަށް އައިސްފައި، ހިޔެއްނުވޭ އެކަންކަން ދެން ބަދަލުކުރެވޭނެ ހެންނެއް
ފައްޔާޒު އިސްމާއީލް | އިކޮނޮމިކް މިނިސްޓަރު

މީގެ އިތުރުން ސަރުކާރުގެ އެކި ކަންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޕާޓީތަކެއްގެ މެންބަރުންނާއިވެސް މަޝްވަރާ ކުރައްވާނެ ކަމަށާ އަދި ހުރިހާ މެންބަރުންނާއި ބައްދަލްކޮށް އެ ދާއިރާތަކުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ހައްލު ހޯދާ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

މެންބަރަކާއި ބައްދަލްކުރައްވާއިރު އަދި މެންބަރަކާއި ގުޅުއްވާއިރު އެއީ އެމްޑީޕީގެ މެންބަރެއްތޯ ނުވަތަ ޕީޕީއެމް މެންބަރެއްތޯ ނުބައްލަވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އަދި ސަރުކާރުން މަޖިލީހަށް ހުށައަޅާ ކަންކަމުގައި ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ނިންމެވުމަށް "ލޮބީ" ކުރައްވާނެ ކަމަށާ މުހިންމު ބިލްތައް ފާސްކޮށްދެއްވުމަށް މެންބަރުންނަށްވެސް ގުޅުއްވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

"އެއީ މައްސަލައެއް ކަމަށް އެެއްވެސް މެންބަރަކު ސުވާލު ކުރައްވާނަމަ ދެން އަޅުގަނޑަކަށް ނޭންގޭ މި މަފްހޫމު މި ހިނގާ ގޮތެއް،"