ހަބަރު

ފައްޔާޒް ވަކިކުރަން މަޖިލީހަށް ލާކަށް ނޫޅެން: ނަޝީދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މަގާމުން ދުރުކުރަން އިތުބާރުނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތެއް ނުކުރައްވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރު އެކުލަވައިލާ ސޮއި ހަމަ ކޮށްގެން މަޖިލީހަށް ވެއްދުމަށް ނަޝީދު މަސައްކަތް ކުރައްވާފައިވާ ކަމުގެ އަޑުތަކެއް ފެތުރުނެވެ.

ނަަމަވެސް އެ މަސައްކަތަށް މެންބަރުންގެ ފުރިހަމަ ތާއީދު ނުލިބުމުން އެމްޑީޕީގެ ގައުމީ މަޖިލީހަށް އެ މައްސަލަ ހުށައަޅަން ނަޝީދު ވަނީ ނިންމަވާފަ އެވެ. އޭގެ ފަހުން ފައްޔާޒު މަގާމުން އެކަހެރިވެވަޑައިގަތުމަށް ދަންނަވަން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއަކުންވެސް ނަޝީދު ވަނީ ދަންނަވާފަ އެވެ.

މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދުލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ފައްޔާޒް ވަކި ކުރަން މަޖިލީހުގެ ތެރެއިން މަސައްކަތް ނުކުރައްވައި ކަމަށެވެ.

ނަމަވެސް، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ ތެރެއިން އެކަން ކުރައްވާނެކަމުގެ އިޝާރާތެއް އެމަނިކުފާނު މިއަދުވެސް ވަނީ ދެއްވައިފަ އެވެ.

"އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގެ ބަހުސްތައް ހިނގަންޖެހޭ. އެ ބަހުސްތަކަކީ އެމްޑީޕީގެ އެކިއެކި ގުނަންތަކުގެ ތެރޭގައި ހިނގަމުންދާނެ ބަހުސްތައް. އެއީ ގައުމީ މަޖިލީހުގައި. ގައުމީ ހިންގާ ކޮމިޓީގައި. އެމްޑީޕީގެ ކޮންގްރެސްގައި އެހެން ނުވެއްޖެއްޔާމުން،" ފައްޔާޒް ވަކިކުރުމުގެ މަސައްކަތް ކުރައްވާނީ ޕާޓީގެ ތެރެއިންކަމަށް ނުސީދާކޮށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ސަރުކާރަށާއި، އެމްޑީޕީގެ އިތުރުން ރައްޔިތުންނަށް ފައިދާވާ ގޮތަށް ވަކިވަކި ވަޒީރުންގެ ވާހަކަތައް ފާހަގަކޮށް ދިނުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ދެން އެފަދަ ވާހަކައެއް ފާހަގަކޮށްގެން، އެކަމާ ބޭފުޅަކު ހިތްހަމަނުޖެހުނަސް ކުރައްވާނެކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒް މަގާމުން ދުރު ކުރަން ނަޝީދު އިސްވެ ހުންނަވާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައްދަލުވުންތަކެއްވެސް ބާއްވަވާފައެވެ.

އަދި އެމަނިކުފާނު ވަނީ ފައްޔާޒަށް އިތުބާރު ކުރައްވާ ކަމަށާ މަގާމުން ދުރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެ ގިނަ މީޑިއާތަކަކަށް އިންޓަވިއު ވެސް ދެއްވާފައެވެ.