ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފި އެވެ.
ފޮރިން ސާވިސް ބިލަށް ހުޅުހެޅުނު އިސްލާހުތަކަށް ބަހުސް ކުރައްވަމުން މެންބަރުން ވަނީ ހާރިޖީ ދާއިރާއިންނާއި އިގްތިސާދީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ބޮޑު ކުރިއެރުން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ވަޒީރުންނަށް ތައުރީފު ކުރައްވާފައެވެ. ހާއްސަކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ މަސައްކަތްޕުޅު ފާހަގަ ކުރެއްވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް ވިދާޅުވީ ކޮވިޑަށް ފަހު ދުނިޔެއަށް އިގްތިސާދީ ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެފައިވާ މި ދަނޑިވަޅު ދިވެހީން ތިބި ހަމަޖެހޭ ހާލަތާމެދު ވިސްނާލަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ދިވެހީންގެ އަވައްޓެރި ގައުމުތަކުގައި މިއަދު އޮތް ހާލަތުން ސަލާމަތްވެ ރާއްޖެ ރަނގަޅު ހާލަތެއްގައި އޮތީ ސަރުކާރުގެ ހިކުމަތްތެރި ކަމުން ކަމަށެވެ.
ރޯދަ މަހާ ބައްދަލުވީއިރު ދިވެހި އިގްތިސާދު ރަނގަޅުވެ ދިވެހީންގެ ދިރިއުޅުން އާންމު ހާލަތަށް ގެނެވިފައިވަނީ ގައުމު ހިންގަވަން ތިއްބެވި ވެރީންގެ އިހުލާސްތެރި ގުރުބާނީއެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
"މިއަދު އެންމެ ގާތުން ފެންނަން މި އޮތީ ޕާކިސްތާންއާ ސްރީލަންކާ. މި ގައުމުތައް މި ގޮސްފައިވާ ހާލަތަށް މިއަދު މިރާއްޖެ ނުގޮސް މި އޮތީ މިއަދު މިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ލަފާގެ މަތީން މިރާއްޖޭގެ އިކޮނޮމިކް މިނިސްޓަރާއި އަދި ފައިނޭންސް މިނިސްޓަރުގެ ދުރުވިސްނުމުގައި އެ ބޭފުޅުންގެ ގާބިލިއްޔަތާއި އެ ބޭފުޅުން ހިންގާލި ހިންގާލުމުގެ ސަބަބުން،" ޝަހީމް ވިދާޅުވިއެވެ.
ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲވެސް ވަނީ ރައީސް ސޯލިހާއި ސަރުކާރުގެ ވެރީންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ޖެއްސެވި ހިސާބުތައް ބަރާބަރަށް ދިމާވުމަކީ ރާއްޖެ މިހާރު އޮތް ހާލަތަށް ދެވުމުގެ އަސްލު ސަބަބު ކަމަށެވެ. ހާއްސަކޮށް ބޯޑަރު ހުޅުވާން ޖެހޭ އެންމެ މުހިންމު ވަގުތު އެ ފިޔަވަޅު އަޅުއްވާ ގައުމުގެ އިގްތިސާދު އަލުން ހިންގަވާލެއްވި ހިންގަވާލެއްވުން ފާހަގަ ކުރެއްވިއެވެ.
ޔައުގޫބްވެސް ވަނީ ރައީސް ސޯލިހާއި ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރުގެ ނަން ފާހަގަ ކުރައްވާފައެވެ.
"އޭރު ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ދެތިން ގައުމެއް ދުނިޔެއަށް ހުޅުވާލެވިގެން ދިޔައިރު ރާއްޖެ އޭގެތެރޭގައި ހިމެނިގެން ދިއުމަކީ ރާއްޖޭގެ މިއަދުގެ ސަރުކާރުގެ ގާބިލުކަމާ އަދި ކެބިނެޓުގެ ކުޅަދާނަ ކަމުގެ ރަމްޒެއް. މި ޝުކުރުގައި އަޅުގަނޑު ފާހަގަކުރަން ރާއްޖޭގެ ފިނޭންސް މިނިސްޓަރާ އިކޮނޮމިކް މިނިސްޓަރު،" ޔައުގޫބް ވިދާޅުވިއެވެ.
މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު އާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްވެސް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. ހާއްސަކޮށް ރާއްޖޭގެ ހާރިޖި ސިޔާސަތު ހަރުދަނާވެފައިވާ މިންވަރާއި ދުނިޔޭގައި ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އޮތް މަގާމު ފާހަގަ ކުރެއްވިއެވެ.