ހަބަރު

އިކޮނޮމިކް މިނިސްޓްރީ އާ ގުޅުވައި އާޒިމްގެ ނުސީދާ ނުރުހުން ފައްޔާޒަށް

ސަރުކާރުން ކޮންމެހެން ކުރަން ނުޖެހޭ ވިޔަފާރިތަކަށް ސަރުކާރުގެ ކުންފުނި ހަދައިގެން އުޅެނީ ސަރުކާރުގެ ތެރެއިން ވަކި ބަޔަކަށް މަންފާ ހޯދައިދޭންކަމަށް ތުހުމަތު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އަލީ އާޒިމް ނުސީދާކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ފާޑުވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން، މިހާރު ކުރިއަށްދާ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ސަރުކާރުން ކުރަންނުޖެހޭ ވިޔަފާރިތަކަށް ނުވަދެ، އަމިއްލަ ފަރާތްތަކަށް އެ ވިޔަފާރި ކުރުމުގެ ފުރުސަތު ދިނުމަކީ އެމްޑީޕީން ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތެއް ކަމަށެވެ.

ނަމަވެސް، މި ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި 10 އަކަށް ވުރެ ގިނަ ކުންފުނި ހަދާފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ ކުންފުނިތަކުން އެއްވެސް ކަމެއް ނުކުރާކަމަށް އާޒިމް ތުހުމަތު ކުރެއްވި އެވެ.

"މި ސަރުކާރުންވެސް 10 އަކަށް ވުރެ ގިނަ ކުންފުނި އުފައްދައިފި. ކީއްކުރަންތޯ؟ އަމިއްލަ މަންފާ ނަގަން ވެގެން،" އެކަން ކުރަނީ މިފަދަ ކުންފުނިތަކުން އެހެން މިނިސްޓްރީތަކުގެ މެންޑޭޓުގެ ތެރެއަށްވަދެ، "ބޮޑު ވަޒީރު" ހެދިގެން ބާރުތައް "ބައް" ކުރުމުގެ ވިސްނުމުގައިކަމަށް ތުހުމަތު ކުރައްވައި އޭނާ އިތުރަށް ވިދާޅުވި އެވެ.

މިގޮތުން، ބޯހިޔާވަހިކަމަ ކަމަށާއި، ދަނޑުވެރި ކަމަށް ސަރުކާރުގެ ކުންފުންޏެއް ހަދާފައިވާ ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެ ކުންފުނިތަކުގައި ތިއްބެވީ އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުން ކަމަށާއި، ކުރާ ހަމައެކަނި ކަމަކީ ބޮޑު މުސާރަ ނެގުން ކަމަށެވެ.

"މި ކުންފުނިތަކުން ނެތް އެއްވެސް ކަމެއް ކޮށްފައެއް. ކުރާ ކަމަކީ އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފުން އެ ކުންފުނިތަކުގައި ބައިތިއްބައިގެން ބޮޑު މުސާރަ ދިނުން،" ރައްޔިތުންގެ ޓެކްސް ފައިސާއިން ބޭނުންހާ ގޮތަކަށް ކަންކަން ކުރާއިރު، ބަލަން ނުތިބޭނެކަމުގެ އިންޒާރު ދެއްވަމުން އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައިި އެ ކުންފުނިތައް އުފައްދައިގެން އަލުން ކުރަނީ އެހެން މިނިސްޓްރީތަކުގެ މެންޑޭޓްގައިވާ މަސައްކަތް ކަމަށެވެ. މިގޮތުން، ދަނޑުވެރިކަން ކުރިއަރުވަން ދާދި ފަހުން އުފެއްދި އެގްރޯ ކޯޕަރޭޝަން މިސާލެއްގެ ގޮތުގައި ނަންގަވައި، އާޒިމް ވިދާޅުވީ އެ ކުންފުނިން ކުރަނީ ފިޝަރީޒް އަދި އެގްރިކަލްޗާ މިނިސްޓްރީގެ މަސައްކަތް ކަމަށެވެ.

އެމްޑީޕީގެ ތެރެއިން ފައްޔާޒާމެދު ހިތްހަމަނުޖެހިގެން އޭނާގެ އިތުބާރުނެތް ކަމަށް ފާސްކުރަން ދާދި ފަހުން މަސައްކަތްތަކެއް ކުރެވިފައިވާއިރު، އާޒިމް ވަނީ އިކޮނޮމިކް މިނިސްޓްރީގެ ބަޖެޓު އަންނަ އަހަރު ބޮޑުކޮށްފާއިވާތީ އެކަމަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އެވެ.

މިގޮތުން މި އަހަރު އިކޮނޮމިކް މިނިސްޓްރީއަށް 105 މިލިއަން ރުފިޔާ ބަޖެޓެއް ދީފައިވާއިރު، އަންނަ އަހަރުގެ ބަޖެޓްގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެ މިނިސްޓްރީގެ ބަޖެޓަށް ކަނޑައަޅާފައިވާ ކަން އާޒިމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އަޖައިބުވެ އަންތަރީސްވީ އިކޮނޮމިކް މިނިސްޓްރީގެ ބަޖެޓަށް ބަލާލުމުން، 300 އެތައް ގުނައަށް އިތުރު މި ވަނީ، މި ފެނިގެން އަޅުގަނޑު ކަންބޮޑުވެ މި ވާހަކަތައް މި ދައްކަނީ، އަޅުގަނޑު ގަބޫލު ކުރަނީ ބަޖެޓް ކޮމިޓީ އިން މި ކަންކަން ބަލައި ރިއާޔަތް ކުރާނެ ކަމަށް،" އާޒިމް ވިދާޅުވި އެވެ.

އަންނަ އަހަރު ހިންގަން ހުށަހަޅާފައިވާ ތަރައްގީގެ މަޝްރޫއުތަކަށް ވެސް ފާޑުވިދާޅުވަމުން އާޒިމް ވަނީ އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ "ގާތް ރަހުމަތްތެރިން ހިތްހަމަޖައްސަން" ހިމަނާފައިވާ މަޝްރޫއުތަކެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.