ރައީސް މުހައްމަދު ނަޝީދު

"އުންމީދަކީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދުން"

އުންމީދަކީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދާ ދަރަނިތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހޯދާ ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައު އަހަރުގެ ތަހުނިޔާ ފޮނުއްވާ އާންމު ކުރެއްވި މެސެޖެއްގައެވެ. ޗައިނާއަށް އަބަދުވެސް ފާޑުވިދާޅުވާ ނަޝީދުގެ މެސެޖްގައި ވިދާޅުވީ މިދިޔަ ސަރުކާރުން ގިނަ އަދަދަކަށް ލޯނު ނަގާފައިވާ ކަމަށެވެ. ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް ވިދާޅުވެ ނަޝީދު ވަނީ އެންމެ ހެޔޮ، ރަނގަޅަށް ނަފާވާ ހާލަތުގައިވެސް ދަރަނި އަދާ ނުކުރެވޭއިރު އަދި މި ހާލަތުގައި ދަރަނި އަދާ ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދައި ދަރަނިތައް އަދާ ކުރުމުގައި ލުއި ގޮތެއް ހޯދާ ދިނުމެވެ،"

ނަޝީދު ވިދާޅުވީ 2021 ވަނަ އަހަރުގައި އުންމީދީ ކިތަންމެ ކަމެއް ކުރުމަށް ރާއްވާ އަންދާޒާ ކުރެވުނު ނަމަވެސް މި ކަންތައްތަކަކީ އެންމެ ފަސޭހަ ދުވެލީގައި ދާނެ ކަންތައްތަކެއް ނޫންކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ރިސޯޓްތަކުގެ އޮކިއުޕަންސީ 80 އިންސައްތައަށް ދިޔަނަމަވެސް އަދި 150 ހާސް ޓަނުގެ މަސް ވިކުނު ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މި ގޮންޖެހުންތައް މިހެން ހުރިކަމުގައި ވީނަމަވެސް، ކުރިއަށް އޮތް އަހަރާ ދޭތެރޭ އަޅުގަނޑުގެ އުންމީދުތައް ވަރަށްވެސް ބޮޑެވެ. ދިވެހިންނަކީ އަބަދުވެސް ދަތި އުނދަގޫ މަގު ހުރަސްކޮށް ކާމިޔާބު ހޯދާ ބައެކެވެ،" ނަޝީދުގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.