ކުރީގެ ސަރުކާރުން ޗައިނާއާއެކު ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލާނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ދެއްވައިފި އެވެ.
ވޯލްޑް ފައިނޭންޝަލް ފޯރަމްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނަޝީދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައި އެ މަނިކުފާނު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާ ގުޅޭގޮތުން ފާޅުކުރައްވަމުން ގެންދަވާ ކަންބޮޑުވުން ތަކުރާރު ކުރައްވާފަ އެވެ.
އެމްޑީޕީގެ ވެރިކަމަށް އަހަރެއް ވާން ދާއިރު، ޗައިނާއަށް ދީފައިވާ އެއްވެސް މަޝްރޫއުއެއް އަތުލާފައި ނުވަނީ ކީއްވެތޯ އިންޑިއާގެ އެ ނޫހުން ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އިދިކޮޅުގައި ތިބެގެން ވަކާލާތުކުރާ ބަދަލުތަކަށް ވެރިކަމުގައި އަމަލީ ސިފަ ޖައްސަން ދަތިތަކެއް ހުންނާނެ ކަމަށާއި އެކަމަކު ގަބޫލު ކުރާ އުސޫލުތަކުގެ މަތީގައި މިހާރުގެ ސަރުކާރުން ޗައިނާއަށް ދޫނުދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ބޮޑު އަގު ޖަހައިގެން ޗައިނާ އިން ހިންގާފައިވާ މަޝްރޫއުތަކުން ރާއްޖޭން ދައްކަންޖެހޭ ދަރަނި ހަގީގީ އަދަދުތަކަށް ތިރި ކުރަންޖެހޭ ކަމަށެވެ.
"ޗައިނާއިން އެބަޖެހޭ އެ ދަރަނި ހަގީގީ އަދަދުތަކަށް ތިރި ކޮށްދޭން. އަދި ޗައިނާއާއެކު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ވެސް މަޖިލީހުން ކުރިއަށް ގެންދާނެހެނެއް ހިޔެއް ނުވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އޭރުގެ ސަރުކާރުން 2017 ވަނަ އަހަރު ފަހުކޮޅު ޗައިނާ އާއެކު ސޮއި ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުން މަޖިލީހުގެ ތެރެއިން ފާސްކޮށް ނިންމާލީ އެންމެ 10 މިނެއްޓު ތެރޭގަ އެވެ.
އެ އެއްބަސްވުމުގައި ވާގޮތުން، ރާއްޖެއިން ޗައިނާއަށް 64 ދާއިރާއެއް އަދި ޗައިނާ އިން 98 ދާއިރާއެއް ވަނީ ހުޅުވާލާފަ އެވެ.
ޗައިނާއަށް އޮތް ދަރަންޏާ ގުޅިގެން ފާޑުވިދާޅުވަމުން ގެންދަވާ ނަޝީދު ވަނީ ދާދި ފަހުން އިތުރު ތުހުމަތެއް ވެސް ކުރައްވައިފަ އެވެ. ވިދާޅުވީ ރައީސް ޔާމީން ސަރުކާރުން، އޭރުގެ އިިދިކޮޅު ލީޑަރުން ހައްޔަރު ކުރީ ޗައިނާ ދިން އެއްބާރުލުމުގެ ސަަބަބުން ކަމަށެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރާ ނަޝީދާ ދެމެދު ވަނީ ވަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރައްވާފަ އެވެ.