ޗައިނާ އެފްޓީއޭ

އެފްޓީއޭ ވާހަކަ ދައްކަނީ ޒިންމާދާރުކަމެއް ނެތި: ސައީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން މި ސަރުކާރުން ވާހަކަ ދައްކަނީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ކަމަށް އެ އެއްބަސްވުން އެކުލަވާލިއިރު ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޗައިނާއާއެކު ގާއިމުކުރި އެއްބަސްވުމަކީ ވުޖޫދުގައި ނެތް އެއްޗެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދާދި ފަހުން ސިފަކުރައްވާފައިވަނިކޮށް، މިނިސްޓަރު ފައްޔާޒު ވަނީ އެ އެއްބަސްވުމަކީ އެއްވެސް ގޮތަކަށް ސޮއި ކުރަން ހެޔޮވެސް ވާނެ އެއްޗެއް ނޫން ކަމަށް ވިދާޅުވެ އޭގެ ސަބަބުން އިގުތިސޯދަށް ގެއްލުން ވާނެ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑުގެ އަމިއްލަ ހައިސިއްޔަތުން މިހާރު މިދަންނަވަނީ އެ ފްރީ ޓްރޭޑް އެގްރީމަންޓަކީ އެއްގޮތަކަށްވެސް ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން. އޭގަ ރަނގަޅު ކަންތައްތަކެއްވެސް އެބަހުރި އިނގޭތޯ. ކޮންމެ ކަމެއްގަވެސް ހުންނާނެ ރަނގަޅާއި ގޯހާ،" އަޑުން ގެނެސްދިން ޕްރަގްރާމެއްގައި ފައްޔާޒު ވިދާޅުވިއެވެ.

ދެ މިނިސްޓަރުންގެ ވާހަކަތަަކަށް އިޝާރާތް ކުރައްވާ މާވަށު ދާއިރާގެ މެންބަރުކަން ކުރައްވާ ކުރީގެ މިނިސްޓަރު ސައީދު ވިދާޅުވީ ޗައިނާއާއެކު ގާއިމު ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން މި ސަރުކާރުން ވާހަކަ ދައްކަނީ އެއްވެސް ޒިންމާދާރު ކަމެއް ނެތި ކަމަށެވެ. ސައީދު ވަނީ ހުސް ވާހަކަތައް ދެއްކުން ހުއްޓާލާ ހުއްޓަރު ހުރި އެންމެ މިސާލެއް ނަމަވެސް ދެއްކެވުމަށް އެދިވަޑައިގެންފައެވެ.

"އެ ހިތްވަރު މި ސަރުކާރުގައި ހުންނަން ވާނެ. އެފްޓީއޭ ގެ ސަބަބުން ރާއްޖެ އަކީ ސީފުޑް އަދި 'އަގުބޮޑު މުދަލުގެ ރި-އެކްސްޕޯޓް ހަބް' އަކަށް ހެދޭނެ،" ރާއްޖޭގައި ތަރައްގީގެ އެންމެ ބޮޑެތި މަޝްރޫއުތައް ހިނގި ދުވަސްވަރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ސަައީދު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް މަޖިލީހުން ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ނޮވެމްބަރު 29، 2017 ގައި އެއްބަސްވުމަށް ރުހުން ދިނުމުން ޑިސެމްބަރު 18، 2014 ގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ ވެރިންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ޑިއުޓީ ފްރީކޮށް މުދާ އެތެރެކުރެވުނު ނަމަވެސް، ޗައިނާ ފަދަ ބޮޑު ގައުމެއްގެ މުދަލުން ސުން ޕަސެންޓް ނަގާފައި އެހެން ގައުމުތަކުގެ މުދަލުން އެއަށްވުރެ ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމަކީ އެ ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫ އަރާނެކަމެއް ކަމަށެވެ.

"އަޅުގަނޑުމެންނާއެކު ޒަމާނުއްސުރެ ޓްރޭޑުގެ ގޮތުން އެސްޓަބްލިޝްވެފަހުރި ހުރިހާ ލިންކުތަކެއް ހަލާކުވެގެން އެދަނީ. އޭގެ މާނައަކީ އަޅުގަނޑުމެން ފޯލްބެކް އެއްވެސް އެއްޗެއް ނޯންނާނޭ. ސިންގަޕޫރާއެކު އޮތް ޓްރޭޑް ރިލޭޝަން ދިޔައީ، ދުބާއީއާއެކު އޮތް ޓްރޭޑް ރިލޭޝަން އޭރުން ދިޔައީ، އިންޑިއާއެކު އޮތް ޓްރޭޑް ރިލޭޝަންސް ދިޔައީ. އެއީ މިދެންނެވިހެން ޗައިނާގެ އެއްޗެހި އަގުހެޔޮވީމަ ހުރިހާ ވިޔަފާރިވެރިންވެސް ވައްދާނީ ޗައިނާ އެއްޗެހިތާ" މިނިސްޓަރު ވިދާޅުވި އެވެ.