ޗައިނާ އެފްޓީއޭ

އެފްޓީއޭއަށް އަމަލުކުރަން ފެށިފަހުން 1.9 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރި އެއްބަސްވުން -- ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އަށް ޢަމަލުކުރަން ފެށިފަހުން މިހާތަނަށް 1.9 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހާމަކޮށްފި އެވެ.

ޗައިނާ-ރާއްޖެ އެފްޓީއޭއަށް އަމަލުކުރަން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މި އެއްބަސްވުމުގެ ދަށުން ބައެއް މުދާތަކުން ޑިއުޓީ އެއްކޮށް މައާފުވާއިރު ބައެއް މުދަލުން ޑިއުޓީ ކުޑަވާނެ އެވެ.

އެފްޓީއޭއަށް އަމަލުކުރަން ފެށިފަހުން މިހާތަނަށް ވައިގެ މަގުން ނުވަ ޝިޕްމަންޓް ގެނެސްފައިވާއިރު ކަނޑުމަގުން ތިން ޝިޕްމަންޓްގެ މުދާ ގެނެސްފައިވެ އެވެ.

މި ގޮތުން ކަނޑުމަގުން އެއް މިލިއަން ރުފިޔާގެ މުދާ ގެނެސްފައިވާއިރު ވައިގެ މަގުން 882،381 ރުފިޔާގެ މުދާ ގެނެސްފައިވެ އެވެ.

ޗައިނާ-ރާއްޖެ އެފްޓީއޭއާއެކު ރާއްޖެއިން ޗައިނާއަށް ބޭރުކުރާ ކަނޑުމަހާއި މަހުގެ ބާވަތްތަކުގެ ޑިއުޓީ މައާފުވާނެ އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު މިހާރުވެސް އަހަރަކު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭއިރު އެފްޓީއޭއާއެކު މި އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.