ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

"ލޯނުތައް ފަސްކުރުމުގެ މަޝްވަރާގެ ނަތީޖާ ރަނގަޅުވާނެ"

ޗައިނާއިން ނަގާފައިވާ ލޯންތައް ފަސްކޮށް ދިނުމާއި ގުޅޭގޮތުން ފެށިފައިވާ މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުވާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުގައި ރާއްޖޭގައި ހިންގި ބިޔަ މަޝްރޫއުތަކަށް ޗައިނާ އިން ދީފައިވާ ލޯނުތަކާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ބޮޑެތި ތުހުމަތުތަކެއް ހިނގަމުންދަނިކޮށް ސަފީރު މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖްތަކެއްގައި ވިދާޅުވީ ޗައިނާއިން ނަގާފައިވާ ކޮމާޝަލް ލޯނުތައް ފަސްކުރުމުގެ މަޝްވަރާ ފެށިފައިވާ ކަމަށެވެ. ގިނަ ލޯނުތަކަކީ ސަރުކާރުގެ ކުންފުނިތަކުން ނަގާފައިވާ ލޯނުތަކެއްކަން ފާހަގަކުރައްވާ ސަފީރު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި ލޯނު ދައްކަން ގޮންޖެހުންތައް ހުންނާނެ ކަމަށް ޗައިނާއިން ގަބޫލުކުރާ ކަމަށެވެ.

ސަފީރު ވަނީ ޗައިނާއިން ދިވެހި ސަރުކާރުން ނަގާފައިވާ ލޯނުތައް ފަސްކޮށްދޭން ނިންމާފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި ކޮމާޝަލް ލޯނުތައް ފަސްކުރުމުގެ މަޝްވަރާގެ ނަތީޖާ ފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"މި މަޝްވަރާތަކުން ރަނގަޅު ނަތީޖާތަކެއް ނިކުންނާނެ ކަމަށް އުންމީދު ކުރަނީ،" ޓްވީޓާ މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ޗައިނާ އިން ލޯނު ދެނީ ވަކި ކަމަކަށް ޝަރުތުކޮށްފައި ނޫން ކަމަށާއި ލޯނު ނަގާ ގައުމަކުން ނުރުހޭ ކަމަކަށް މަޖުބޫރު ނުކުރާނެ ކަމަށްވެސް މީގެ ކުރިން ސަފީރު ވިދާޅުވެފައިވެއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއިން ލޯނު ނަގައިގެން ހިންގާފައިވާ ސިނަމާލެ ބްރިޖު ފަދަ މަޝްރޫއުތަކާ ގުޅޭގޮތުން ބީބީސީގައި ޝާއިއު ކޮށްފައިވާ ރިޕޯޓަކަށް ވާހަކަ ދައްކަވަމުން، ސަފީރު ވިދާޅުވީ ރާއްހޭގައި ކޮށްފައިވާ އިންވެންސްޓްމަންޓް ތަކަކީ ވިޔަފާރީގެ ބޭނުން ނޫން އެހެން ނިޔަތެއްގައި ކޮށްފައިވާ އިންވެސްޓްމަންޓްތަކެއް ނޫން ކަމަށެވެ.