ހަބަރު

"ހިޔާ" މަޝްރޫއު ދީފައިވަނީ އަގު ބޮޑުކޮށް: މިނިސްޓަރު

Oct 8, 2019
5

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ފްލެޓްތަކުގެ މަޝްރޫއު ކުރީގެ ސަރުކާރުން ދީފައިވަނީ އަގު ބޮޑުކޮށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުން 2017 ވަނަ އަހަރު "ހިޔާ" ގެ ނަމުގައި ހުޅުމާލޭގައި 6،860 ފްލެޓް އެޅުމަށް ހަވާލު ކޮށްފައި ވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޖިނިއަރިންގް ކޯޕަރޭޝަނާ އެވެ. އޭރު އެ މަޝްރޫއު އަގު ކޮށްފައި ވަނީ ޔުނިޓަކަށް 62،000 ގެ ރޭޓުން ޖުމްލަ 434 މިލިއަން އެމެރިކާ ޑޮލަރަށް ކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ބުނެފަ އެވެ.

ނަމަވެސް، އެ މަސައްކަތުގެ ތެރޭގައި ތަށި މުށި ޖެހުމާއި، ކުލަލުން ފަދަ ފިނިޝިންގް މަސައްކަތް ނުހިމެނޭތީ، އެ މަޝްރޫއު ނިންމުމަށް އިތުރު 42 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް އެޗްޑީސީން މިދިޔަ ޖޫން މަހު ބުނެފަ އެވެ. އެ އަދަދާއެކު، ފިނޭންސް ކުރުމާއި، ބިން އަދި މަޝްރޫއު މެނޭޖް ކުރުމުގެ ހަރަދާއެކު، އެ މަޝްރޫއުގެ ޖުމްލަ އަގު 560 މިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އެޗްޑީސީން ވަނީ ލަފާކޮށްފަ އެވެ.

އެ މަޝްރޫއުއާ ގުޅޭގޮތުން، މިއަދު މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ، ހިޔާ މަޝްރޫއު ހަވާލު ކޮށްފައި ވަނީ އަގު ބޮޑުކޮށް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު އެ މަސައްކަތް ވަނީ ވަރަށް ބޮޑަށް ނިމިފައި. އެއީ އަޅުގަނޑުމެން ހަވާލު ކޮށްގެން ހިންގާ މަޝްރޫއުއެއް ނޫން. އަޅުގަނޑުމެން ގަބޫލު ކުރަން، އެއީ އިންފްލޭޓެޑް ޕްރައިސް އެއްގައި ދެވިފައިވާ ޕްރޮޖެކްޓެއް ކަމަށް،" އަމީރު ވިދާޅުވި އެވެ.

ނަމަވެސް، އެ އަގު ކުޑަކުރުމާމެދު ރަސްމީ ސިފައެއްގައި އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޗައިނާ ކުންފުންޏަކަށް ހިޔާ މަޝްރޫއު ދީފައިވަނީ އަގު ބޮޑުކޮށް ކަމަށް އަމީރު ވިދާޅުވެފައި މިވަނީ، ކުރީގެ ސަރުކާރުން ޗައިނާގެ ކުންފުނިތަކަށް ދީގެން މަޝްރޫއުތައް ހިންގާފައިވަނީ ބޮޑެތި އަގުތައް ޖަހައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ.

ނަޝީދު ވިދާޅުވަނީ ބޮޑު އަގު ޖަހައިގެން ޗައިނާ އިން ހިންގާފައިވާ މަޝްރޫއުތަކުން ރާއްޖޭން ދައްކަންޖެހޭ ދަރަނި ހަގީގީ އަދަދުތަކަށް ތިރި ކުރަންޖެހޭ ކަމަށެވެ.

ޗައިނާއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.5 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މަޝްރޫއުއަށް ހިނގާފައިވާ ހަރަދުގެ ސަބަބުން، "ހިޔާ" ފްލެޓަކަށް ކުލީގެެ ގޮތުގައި މަހަކު ދައްކަން ޖެހޭ އަދަދު 11،000 ރުފިޔާއަށް އަރާ ކަމަށާއި، ނަމަވެސް ސަރުކާރުން ސަބްސިޑީތަކެއް ދީގެން އެ އަދަދު 6،000 ރުފިޔާއަށް ކުޑަ ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.