ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރިޕޯޓް

މީ ރާއްޖޭގެ ދަރަންޏަށް ލުއި ހޯދަންޖެހޭ ވަގުތު!

ކޮވިޑުގެ ބިރަށް މުޅި ގައުމު މި އޮތީ ލޮކްޑައުންގަ އެވެ. އެންމެން މިތިބީ ގޭ ބަންދުވެފަ އެވެ. ނަމަވެސް ދުރަށް ވިސްނާއިރު ކޮވިޑް-19 އިގެ ވައިރަހަށްވުރެ އިގްތިސޯދީ ގޮތުން ކުރިމަތިވާން އުޅޭ "ޕެންޑެމިކް" ވަކިން ކުޑައެއް ނޫނެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހީނަރުވެ އާމްދަނީ ލިބެމުން ދިޔަ ޓޫރިޒަމް ހުއްޓި މިހާރު ރާއްޖެ މިދަނީ މާލީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓެމުން އަދި ހީވެސް ނުކުރާ ވަރުގެ ގެއްލުންތައް ވަމުންނެވެ. މިއިން ގައުމު ސަލާމަތް ކުރެވޭތޯ ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރޭ ވެސް މެއެވެ.

ކޮވިޑް-19 އިގެ މިހާރު ގެ ހާލަތަށް ބަލައި ސަރުކާރުން އަންދާޒާ ކޮށްފައި ވަނީ ރާއްޖެ މިދަނީ ކުރިން ލަފާ ކުރި ފަސް "ސިނާރިއޯ" ގެ ތެރޭގައި ހިމެނޭ ސިނާރިއޯ 3 ނުވަަތަ 4 ގެ ހާލަތަށެވެ. ސަރުކާރުން ލަފާ ކުރާ ގޮތުން މި ސިނާރިއޯތަކުގައި އިގްތިސޯދު ދެ މަހެއްގެ ތެރޭ ހުޅުވާލަން މަސައްކަތް ކުރެވޭނެ އެވެ. މިއީ ލުއި ސިނާރިއޯ އެކެވެ.

މި ހާލަތުގައި ވެސް ރާއްޖެ ފަދަ ކުޑަ އިގްތިސޯދަކަށް ނުކަތާ ވަރުގެ ބޮޑު ތަދެއްގެ ގެއްލުން ވެއެވެ. މި ދެ ސިނާރިއޯ އަށް ބަލާނަމަ އާމްދަނީ އާއި ހިލޭ އެހީ ވަރަށް ބޮޑަށް ދަށްވެގެން ދެއެވެ. އަދި ބަޖެޓުގެ ޑެފިސިޓް މި ހާލަތުގައި ހުންނާނީ 13 ބިލިއަން ރުފިޔާ އާއި 16 ބިލިއަން ރުފިޔާއާ ދެމެދުގެ އެވެ.

މިއާއެކު ރާއްޖޭގެ ދަރަނި 70 ބިލިއަން ރުފިޔާ އާއި 72 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް އިތުރު ވެގެން ދާނެ އެވެ. އެހެންވެ މި ހާލަތަށް ދައުލަތް ވެއްޓެމުން ދާއިރު، ސަރުކާރުން މިހާރު އަވަސް ވާން ޖެހިފައިވަނީ މި ވަގުތަށް ސަލާމަތް ކުރެވެން އޮތް އެންމެ ލޯ ލާރިއެއް ވެސް ބަޖެޓުން ބޭރުވިޔަ ނުދޭށެވެ.

ސަރުކާރުން ކުރިން ލަފާ ކޮށްފައިވާ ގޮތުގައި ދައުލަތުގެ ދަރަނި މި އަހަރު ހުންނާނީ 57 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިހާރުގެ އަންދާޒާއަކީ އުފެއްދުންތެރިކަމުގެ ނިސްބަތަށް ބަލާ ނަމަ ދަރަނި ހުންނާނީ 84 ޕަސެންޓާއި 95 ޕަސެންޓާ ދެމެދުގަ އެވެ. އެހެންވެ މި ހާލަތަށް ދައުލަތް ވެއްޓެމުންދާއިރު، ސަރުކާރަށް ޖެހިފައި ވަނީ މި ވަގުތަށް ސަލާމަތް ކުރެވެން އޮތް ފައިސާއެއް ސަލާމަތް ކުރާށެވެ. ބޮޑު އަދަދުން ފައިސާ ދައްކަން ޖެހޭ ދަރަނި ދެއްކުން ފަދަ ކަންކަމަށް ލުއި ހޯދާށެވެ.

މިހާރުގެ އެއް ރުފިޔާއަކީ، އެއް މިލިއަން ރުފިޔާ

މިހާރު އޮތް ހާލަތުގައި ރާއްޖެ ފަދަ ގައުމަކަށް އެންމެ ރުފިޔާއަކީ އެއް މިލިއަން ރުފިޔާއަށް ވާނެ އެވެ. ސަރުކާރުން ސިޔާސީ ވެރިންނާއި ސަރުކާރު ކުންފުނިތަކުގެ މުސާރަ ކުޑަކޮށްގެން ހަރަދު ކުޑަ ކުރަން މަސައްކަތް ކުރަނީ އެހެންވެ އެވެ. ހަރަދު ކުޑަ ކުރަން ޖެހިފައިވާ ވަރު ސަރުކާރަށް ވިސްނިގެނެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ފެންނަނީ މިހާރު ލޯނު ދައްކަން ބޮޑު އެއްޗެއް ހޭދަ ކުރަން ޖެހިފައިވާ ތަނެވެ. މިއީ ރާއްޖެއަށް ވަރަށް ސީރިއަސް މައްސަލައަކަށް ވާނެ އެވެ.

އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ލޯނު ތަކަށް ލުއި ތަކެއް ހޯދަން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭން ގިނަ މަސައްކަތް ތަކެއް ކުރަން ޖެހެ އެވެ. ސަބަބަކީ ދައުލަތަށް އާމްދަނީއެއް ނުލިބި، ހަމައެކަނި ލިބޭ މަދު ބޭރު ފައިސާ ކޮޅު ލޯނަށް ދައްކަން ޖެހޭ ހާލަތަކީ ރާއްޖޭގެ ހާލަތު އިތުރަށް ގޯސް ވެގެން ދާނެތީ އެވެ.

ރާއްޖޭގެ ދަރަނި އެންމެ ބޮޑަށް އިތުރު ވެގެން ދިޔައީ މިދިޔަ ފަސް އަހަރު ދުވަހު އެވެ. މި ދަރަނި އިތުރު ވެގެން ގޮސްފައި ވަނީ މިދިޔަ ފަސް އަހަރު ފެށި ތަރައްގީގެ މަޝްރޫއުތަކާއެކުގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓް މަޝްރޫއުތަކަށް ބޮޑު އަދަދުން ލޯނު ވަނީ ނަގާފަ އެވެ. އެ ވެރިކަން ފެށުނުއިރު 26 ބިލިއަން ރުފިޔާގައި ހުރި ރާއްޖޭގެ ދަރަނި ވަނީ 48 ބިލިއަން ރުފިޔާއަަށް އުފުލިފަ އެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން މިދިޔަ އަހަރު ޖުމްލަ 530.1 މިލިއަން ޑޮލަރު (8.2 ބިލިއަން ރުފިޔާ) ގެ ލޯނު ވަނީ ނަގާފަ އެވެ.

މަތީ ފަންތީގައި މަޝްވަރާ ބޭނުން ވާނެ

ރާއްޖޭން ލޯނު ނަގަނީ މަލްޓި ނޭޝަނަލް ޖަމިއްޔާތަކުންނާއި ސަރުކާރުތަކާ ގުޅުންހުރި މާލީ އިދާރާތަކުންނެވެ. އެހެންވެ، މި ހާލަތުގައި އެ ލޯނުތަކަށް ލުއި ގޮތްތަކެއް ހަދައި ދޭނެ ކަމަށް ބެލެވެ އެވެ. އެހެންވެ މިހާރު އެކަމަށް އެދެން ޖެހެ އެވެ. އަވަސް މަސައްކަތް ތަކެއް ކުރަން އެބަޖެހެ އެވެ. ސަބަބަކީ މިހާރު ސަލާމަތް ކުރެވޭ އެންމެ ޑޮލަރަކީ ވެސް މިލިއަން ޑޮލަރަށްވާތީ އެވެ. ރާއްޖޭން އާއްމު ގޮތެއްގައި އަހަރެއްގެ މައްޗަށް ލޯނު ދައްކަން 1.4 ބިލިއަން ރުފިޔާވަރު ހޭދަ ކުރެ އެވެ. މިހާރު މި އެއް ބިލިއަން ރުފިޔާއަކީ ވަރަށް ބޮޑު އެއްޗެކެވެ.

އިގްތިސޯދީ މާހިރުންގެ ނަޒަރުގައި މި ވަގުތަކީ ރާއްޖެއަށް އެހީވެފައިވާ ފަރާތްތަކާ ކައިރިން ވާހަކަ ދައްކައި އެ މަސައްކަތް ކުރަންވީ ވަގުތެވެ.

"ރާއްޖޭގައި ޗައިނާ ފަދަ ގައުމުތަކުގެ ދަރަނި އެބައޮތް. އެހެންވެ އެބަޖެހޭ އެ ގައުމުގެ އެންމެ މަތީ ލެވަލްގައި މަޝްވަރާ ކުރަން. ރާއްޖޭގައި ސައޫދީއާ ގުޅުންހުރި ދަރަނި އެބަހުރި. ކުވޭތާ ގުޅުންހުރި ދަރަނި އެބައޮތް. ސައޫދީ ފަންޑާއި ކުވޭތު ފަންޑު ފަދަ ތަންތަނުގެ ލުއިކަން އެ ގައުމުތަކަށް ދެވޭނެ. މިކަން ކުރުން ވަރަށް މުހިންމު،" ކުރިން ފިނޭންސް މިނިސްޓްރީ އާއި މަރުކަޒީ ބޭންކްގައި އިސް މަގާމުތަކެއް ފުރުއްވި، ބޭފުޅަކު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ކޮވިޑް-19 ގެ ކަންތަކުގައި ކުރިން ވާހަކަ ދައްކަވަމުން ލޯނުތަކަށް ލުއި ހޯދަން މަސައްކަތް ކުރައްވަން އުޅުއްވާ މޭރުމަކުން ވާހަކަފުޅު ދައްކާފަ އެވެ. ނަމަވެސް މި މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރެއް ފިނޭންސް މިނިސްޓްރީއަކުން މިހާތަނަކަށް ނުބުނެ އެވެ. ސަރުކާރުން ހަރަދު ކުޑަ ކުރަން ފިޔަވަޅުތަކެއް އަޅަމުން ދާއިރު، މިއީ ވެސް އަވަސްކޮށް ކުރަން ޖެހޭ ކަމެކެވެ. ސަބަބަކީ މީގެ ސަބަބުން ވެސް ހަތަރު ބިލިއަނެއްހާ ދިވެހި ރުފިޔާ ބަޖެޓަށް ލުއި ވެގެން ދާނެތީ އެވެ.