ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އާމްދަނީ ދަށްވިޔަސް ލޯނު ތަކަށް ދައްކާ އަދަދު މަތި

May 14, 2020

ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އާމްދަނީ ވަރަށް ބޮޑުތަނުން ދަށަށް ދިޔަ ނަމަވެސް، ލޯނު ތަކަށް ދައްކަމުންދާ އަދަދުތައް މަތިވަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބު ތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރިން ނެރެފައިވާ ނިމިދިޔަ މަހުގެ މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީން މާޗް މަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 6.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރު މި އަދަދު ވަނީ 5.2 ބިލިއަން ރުފިޔާ އަށް ދަށްވެފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ޓޫރިޒަމް ދަށްވެ، ދައުލަތުގެ އާމްދަނީއަށް ބޮޑު އަސަރެއް ކުރަމުންދާތީ، މިދިޔަ މަހު އެކަނި ބަލާނަމަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މި ރިޕޯޓު ދައްކާ ގޮތުން ދައުލަތުގެ އާމްދަނީ ދަށްވި ނަމަވެސް ރާއްޖޭން ނަގާފައިވާ ލޯނު ތަކަށް ފައިސާ ދައްކަމުންދާ އަދަދު ދަނީ މަތިވަމުންނެވެ. މިދިޔަ އަހަރުގެ މާޗް މަހު ލޯނުތަކަށް 129.2 މިލިއަން ރުފިޔާ ވަނީ ދަށްކާފަ އެވެ. ނަމަވެސް މި އަހަރުގެ މާޗް މަހު ލޯނު ތަކަށް ދެއްކި އަދަދު ވަނީ 246.6 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އާމްދަނީ ދަށް ވާނެތީ، ރާއްޖެއިން ނަގާފައިވާ ލޯނުތަކަށް ލުއިތަކެއް ހޯދަން މަޝްވަރާ ކުރާނެ ކަމަށް ބުނެފަ އެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން މިދިޔަ އަހަރު ނެރުނު އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ދަރަނި ވަނީ 54.2 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ. ނަމަވެސް 2018 ވަނަ އަހަރު ރާއްޖޭގެ ދަރަނި ހުރީ 48.2 ބިލިއަން ރުފިޔާގަ އެވެ. ރާއްޖޭން މިފަހުގެ ތާރީހުގައި ދަރަނި އެންމެ ބޮޑަށް ނަގާފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށެވެ. މިގޮތުން މިހާރު ރާއްޖޭގައި ލޯނު ނަގައިގެން ހިންގާ އެންމެ ބޮޑު މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއެވެ.