ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދައުލަތުގެ އާމްދަނީ

ޑޮލަރުގެ އާމްދަނީ 11 ޕަސެންޓް ދަށަށް

މި އަހަރުގެ މިހާތަނަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 11 ޕަސެންޓް ދަށްވެފައިވާ ކަމަށް ޓެކްސް އިދާރާގެ ހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީން ފެށިގެން ޑޮލަރުން ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 151 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި 171 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާނަމަ ގާތްގަނޑަކަށް 11 ޕަސެންޓުގެ ދަށްވުމެކެވެ.

މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ބަލާނަމަ ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބިފައި ވަނީ ޓޫރިޒަމް ބިމު ކުލީގެ ގޮތުގަ އެވެ. ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިހާތަނަށް 25 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 11 މިލިއަން ޑޮލަރެވެ. އޭގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހީނަރު ވުމާއެކު ޓޫރިޒަމަށް ލިބޭ އާމްދަނީ ދަށްވުމުން ޓޫރިޒަމް ބިމު ކުލި ދެއްކުމުގައި ސަރުކާރުން ދިން ލުއި ތަކެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވި ނަމަވެސް މިދިޔަ މަހު އެކަނި ބަލާނަމަ އަދަދު އުޅެނީ މަތީގަ އެވެ. މިދިޔަ މާޗް މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 63 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބިފައިވަނީ 42 މިލިއަން ޑޮލަރެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު ވެސް އެވްރެޖު ގޮތެއްގައި ޑޮލަރުން އާމްދަނީގެ ގޮތުގައި ތިން ބިލިއަނެއްހާ ޑޮލަރު ލިބެ އެވެ. ނަމަވެސް އެ ފައިސާގެ ބޮޑު ބައެއް ދަނީ ރާއްޖޭން ބޭރަށެވެ. ބޭރު ފައިސާގެ މައްސަލަ ހައްލު ކުރަން ފިޔަވަޅު ތަކެއް އަޅަން މަސައްކަތް ކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.