ކޮވިޑުގެ ފުރަތަމަ ރާޅަށް ފަހު ލިބުނީ ކުޑަ ވަގުތު ކޮޅެކެވެ. ވިޔަފާރި ކުރަން ލިބުނީ މަދު ދުވަސް ކޮޅެކެވެ. ރަނގަޅަށް ހިންދެމި ނުލެވިގެން އުޅެނިކޮށް ދެވަނަ ރާޅެއް ބޯމައްޗަށް ބިންދާލި އެވެ. މިހާރު "ފުއްޓަރާ ހަމަ އަށް" ދަމާލާފައި މި ވަނީ އެ ރާޅުގެ ލޮނުގަނޑެވެ. މި ބަލީގެ ރާޅުތަކުގައި ތެޅިތެޅި "ވިޔަފާރިތައް ބަލި" ވެއްޖެ އެވެ. ވިޔަފާރި ނުކުރެވި ދިޔަ ދިގު މުއްދަތާއެކު އަތުގައި ހުރި ފައިސާކޮޅުން ހަރަދު ކުރަން މަޖުބޫރުވެ، ގިނަ ބަޔަކު ގާތްގަނޑަކަށް "ވިދިއްޖެ" އެވެ. އެހެންވެ މި ވަގުތު ވިޔަފާރި ތަކަށް ބޭނުން ވަނީ ހަގީގީ ލުޔެކެވެ.
މި ރާޅުގެ ހޮޅި ދަށުން އަރައި ނޭވާލެވޭ "ރިލީފެ" ކެވެ. ބޭނުންވާ ލުޔަކީ ކުރެވޭ ކުޑަ ވިޔަފާރިން ލިބޭ މަދު ފައިސާކޮޅުން، މިހާރު ހުރި ބދަރަނިތަކާއި ދައްކަން ޖެހޭ ފައިސާތައް ދައްކާލަން ސަރުކާރުން ދޭނެ ވަގުތު ކޮޅެކެކެވެ.
ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން ބަހާލައިގެން ޓެކްސް ދައްކަން ދިން ލުޔާއެކު ގިނަ ވިޔަފާރިތަކަށް އެ ވަގުތު ކޮޅު ލިބޭނެ އެވެ.
ވިޔަފާރި ހިންގަން ލިބޭނެ ވަގުތުކޮޅެއް
ކޮވިޑް-19 ފެށުމާއެކު ސަރުކާރުން އެކި ނަން ނަމުގައި ރިލީފް ދިނެވެ. ވޯކިން ކެޕިޓަލް ލޯނު ދިނެވެ. ލޯނުތައް ފަސްކޮށް ދިނެވެ. ފެނާއި ކަރަންޓުން ޑިސްކައުންޓް ދިނެވެ. އަނެއްކާ ފަހުން ވެސް ލޯނު ދިނެވެ. އެކަމަކު ތަޖުރިބާކާރުންގެ ނަޒަރުގައި ކޮވިޑުގެ މިހާރުގެ ހާލަތާއި އިކޮނޮމީގެ ދަތުރު އޮތް ހިސާބުން މި ވަގުތު ބޭނުން ވަނީ އިތުރު ދަރަނި ލޯނުތަކެއްގެ ބަދަލުގައި އެހެން ލުއި ތަކެކެވެ. މީރާ އިން ޓެކްސް ބަހާލައިގެން ދައްކަން ދިން ލުޔާއެކު ލިބޭނެ ހިތްހަމަ ޖެހުމަކީ މިއީ އެވެ.
މީރާގެ އެސިސްޓެންޓް ކޮމިޝަނަރު ޖެނެރަލް، ރެވެނިއު ސާވިސަސް މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި ކުރިން ވެސް އެ އުސޫލު އޮވެ އެވެ. ނަމަވެސް މި ފަހަރުގެ ތަފާތަކީ ގެނެސް ދެވުނު ލުޔެކެވެ.
މީރާ އިން ގެނެސް ދިން މި ބަދަލާއެކު ޓެކްސް ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް އިތުރު ލުޔެއް ލިބޭނެ އެވެ. މި ބަދަލު ގެނެސް ދިނުމާއެކު އިންސްޓޯލްމަންޓް އުސޫލުން މީރާއަށް ފައިސާ ދެއްކުމުގެ އުސޫލަށް އިތުރު ލުއި ތަކެއް ވަނީ ދީފަ އެވެ. ލުއިތަކުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް، އޭގެ ކުރިން އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް ދިއުމުގެ ގޮތުން ދައްކަންޖެހޭ "ކޮމިޓްމަންޓް ޕޭމަންޓަށް" ވުރެ ކުޑަ "ކޮމިޓްމަންޓް ޕޭމަންޓެއް" ދެއްކުމުން އިންސްޓޯލްމަންޓް އެގްރިމަންޓަކަށް ދެވޭނެ އިންތިޒާމާއި އާންމު އުސޫލުން އިންސްޓޯލްމަންޓް ހަމަޖައްސައިދެވޭ މުއްދަތަށް ވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމަންޓުގެ މުއްދަތު ހަމަޖައްސައި ދެ އެވެ.
ޓެކްސް ބަހާލުން ދެމަހާއި ދެ އަހަރަށް
މި ބަދަލު ވީ ރާއްޖޭގެ ވިޔަފާރިތައް ތަމްސީލް ކުރާ ޖަމިއްޔާއަކުން ވެސް ބަލައިގަތް ބަދަލަކަށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަމްސީލް ކުރާ އެސްއެމްއީ ފެޑަރޭޝަންގެ ރައީސް އަބްދުއް ލަތީފު ވިދާޅުވި ގޮތުގައި މީރާއިން މި ފަހަރު ސެޓްކޮށްފައި ވަނީ ފުރިހަމަ ޕްރެސީޑެންޓެކެވެ.
"އަސްލު މި ބަދަލުވާނީ ވިޔަފާރި ތަކަށް ބޮޑު ލުޔަކަށް. މިހާރު ބަހާލައިގެން ޓެކްސް ދައްކަން ފުރުސަތު ލިބުމަކީ ވިޔަފާރި ހިންގަން ފަށަން އަންނައިރު ލިބޭނެ ފަސޭހައެއް،" ލަތީފު ވިދާޅުވި އެވެ.
އަސްލު މި ބަދަލުވާނީ ވިޔަފާރި ތަކަށް ބޮޑު ލުޔަކަށް. މިހާރު ބަހާލައިގެން ޓެކްސް ދައްކަން ފުރުސަތު ލިބުމަކީ ވިޔަފާރި ހިންގަން ފަށަން އަންނައިރު ލިބޭނެ ފަސޭހައެއްއަބްދުއް ލަތީފު | އެސްއެމްއީ ފެޑަރޭޝަންގެ ރައީސް
މިހާތަނަށް ކޮމިޓްމަންޓް ޕޭމަންޓްގެ ގޮތުގައި ނުދައްކަހުރި ފައިސާ ދައްކަން ފަށާއިރު ފުރަތަމަ ނަގަމުން ދިޔައީ 50 ޕަސެންޓެވެ. ނަމަވެސް މިހާރު ގެނެސްފައިވާ ބަދަލާއެކު މި ބައި ފަސް ޕަސެންޓާއި 10 ޕަސެންޓާ ދެމެދަށް ކުޑަ ވެގެންދާނެ އެވެ. އަދި ފައިސާ ބަހާލައިގެން ދެއްކުން ދެ މަހާއި 26 މަހާ ދެމެދުގެ މުއްދަތު ލިބޭނެ އެވެ. އޭގެ މާނައަކީ މި ޓެކްސް ގާތްގަނޑަކަށް ދެ އަހަރަށް ބަހާލަން ފުރުސަތު ލިބުމެވެ. އެހެންވެ މިއީ ކޮވިޑުގެ ލަފާކުރުންތައް ހުރި ގޮތަށް ބަލާއިރު މި ޕެންޑަމިކުން ބޮޑުތަން ނުކުމެވޭނެ މުއްދަތެކެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ބަހާލަން ފުރުސަތު ދޭއިރު، ބޮޑެތި ވިޔަފާރިތަކަށްވުރެ ބޮޑަށް ކުދި ވިޔަފާރިތަކަށް ފުރުސަތު ފަހިވާނެ އެވެ.
މި ބަދަލާއެކު އިތުރު ލުޔެއްގެ ގޮތުން، އިންސްޓޯލްމަންޓް އެގްރިމެންޓެއްގައި ސޮއިކޮށް ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމެންޓެއް އޮތް ނަމަވެސް، އެ އިންސްޓޯލްމަންޓްގެ ތެރޭގައި ނުހިމެނޭ މުއްދަތުތަކާ ގުޅިގެން އިތުރު އިންސްޓޯލްމަން އެގްރީމަންޓަކަށް އެދިއްޖެނަމަ އެ ފުރުސަތު ވެސް ޓެކްސް ދައްކާ ފަރާތް ތަކަށް ލިބޭނެ އެވެ.
ބޭނުންވާނަމަ މިހާރު ހިނގަމުންދާ އިންސްޓޯލްމަންޓް އެގްރިމަންޓް ރީޝެޑިއުލްކޮށް ދޭނެ އެވެ. އަދި ޓެކުހާ ގުޅޭ ޖޫރިމަނާ ދެއްކުމަށް ދަތިވާނަމަ، ޓެކްސް ދައްކާ ފަރާތުން އެދުމުން، އެ ފަރާތުން ނުދައްކާ ހުރި ޓެކްސް ދެއްކުމުން ނުވަތަ ޓެކްސް ދެއްކުމަށް އިންސްޓޯލްމަންޓް އެގްރީމަންޓަކަށް ދިއުމުން، ޓެކުހާ ގުޅޭ ގޮތުން ވެފައިވާ ޖޫރިމަނާ މާފުކޮށް ދޭނެ އެވެ. އަދި އެހެން އިދާރާތަކުގެ ބޭނުމަށް ޓެކްސް ކްލިއަރެންސް ދޫކުރުމުގައި ނުދައްކާވާ ޓެކުހާ ގުޅިގެން އިންސްޓޯލްމަންޓް އެގްރީމަންޓަކަށް ދިއުމުން ޓެކްސް ކްލިއަރެންސް ދޫކުރާނެ އެވެ.
ދައުލަތުގެ އާމްދަނީން ވާނެ ގުރުބާނީއެއް
މި ބަދަލު ވާނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ލިބޭނެ ބޮޑު ފަސޭހައަކަށެވެ. ރާއްޖޭގެ އެސްއެމްއީ ގިނަ ވިޔަފާރި ތަކެއް ހަރަކާތްތެރިވާ ކޮންސްޓްރަކްޝަން ސިނާއަތް ތަމްސީލް ކުރާ ޖަމިއްޔާ މަސީ ނުވަތަ ގައުމީ ކޮންޓްރަކްޝަން ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވި ގޮތުގައި އިމާރާތް ކުރަން ކުދި ކުންފުނިތައް އުޅޭއިރު މި ލިބޭ ލުއިގެ އެންމެ ރަނގަޅު ފައިދާ ކުންފުނިތަކުން ހިފުން މުހިންމެވެ.
"މަސީން ފިނޭންސް މިނިސްޓަރާއި ޕްލޭނިން މިނިސްޓަރު އަދި ސަރުކާރުގެ ވުޒާރާތަކާއެކު ކުރި މަޝްވަރާތަކުގައި ވެސް އެދެމުން ދިޔަ ބަދަލެއް، މިކަމުން ކުދި ކޮންޓްރެކްޓަރުންނަށް ވެސް ލުއި ލިބިގެންދާނެ،" އަދުނާން ވިދާޅުވި އެވެ.
މަސީން ފިނޭންސް މިނިސްޓަރާއި ޕްލޭނިން މިނިސްޓަރު އަދި ސަރުކާރުގެ ވުޒާރާތަކާއެކު ކުރި މަޝްވަރާތަކުގައި ވެސް އެދެމުން ދިޔަ ބަދަލެއް، މިކަމުން ކުދި ކޮންޓްރެކްޓަރުންނަށް ވެސް ލުއި ލިބިގެންދާނެއަދުނާން ހަލީމް | މަސީގެ ސެކްޓަރީ ޖެނެރަލް
ޓޫރިޒަމް ވިޔަފާރިކުރާ، ޓްރެވަލް ކުންފުންޏެއް ކަމަށްވާ އިނަ މޯލްޑިވްސްގެ އެމްޑީ މުހައްމަދު ފިރާގު ވިދާޅުވި ގޮތުގައި މި ބަދަލުން ޓޫރިޒަމް ސެކްޓާގެ ކުދި ވިޔަފާރިއަށް ވެސް ލުއި ވެގެންދާނެ އެވެ.
"ހަގީގީ ލުޔެއްގެ ގޮތުގައި މި ފެންނަނީ. ފުދޭވަރެއްގެ ރަނގަޅު ނިންމުމެއް މިއީ. ރާއްޖޭގައި އެބަ ތިބި ގިނަ ގެސްޓްހައުސްތަކެއް. އެ ތަންތަން އެ ހުރީ ހުއްޓިފަ. އެހެންވީމަ ހުރި ޓެކްސްތައް ދައްކަން މިގޮތަށް ލުއި ދިނުމުން ކުރިއަށް ރަނގަޅު ވާނެ،" ފިރާގު ވިދާޅުވި އެވެ.
މި ކަމުން ވިޔަފާރި ތަކަށް ލުއި ލިބުނަސް މިއީ އާމްދަނީގައި ސަރުކާރުން ވާންޖެހޭނެ ބޮޑު ގުރުބާނީ އެކެވެ. ދައުލަތަށް ލިބޭ އާމްދަނީ އިން އެށީގެންވާ އަދަދެއް މިކަމުގެ ސަބަބުން އުނިވެގެން ދާނެ އެވެ. ރާއްޖޭގެ ވިޔަފާރިތައް އެތުރިފައިވާ ގޮތުން ބޮޑެތި ވިޔަފާރިތަކުގެ "އަޑުގަދަ" ނަމަވެސް ޓެކްސް ދެއްކުމުގައި އެސްއެމްއީ ސެކްޓާގެ ބާރު ކުޑައެއް ނޫނެވެ. އެހެންވެ މި ލުއިގެ ސަބަބުން އުނިވެގެންދާ ޓެކުހުގެ ބޮޑު ބަޔަކީ މި ދާއިރާ އިން ގެއްލޭ އެއްޗަކަށްވާނެ އެވެ. ނަމަވެސް މި ބަދަލުވާނީ ވިޔަފާރި ތަކަށް ލިބޭނެ ލުޔަކަށެވެ.