ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނޭންސް މިނިސްޓްރީ

ހަރަދު ކުޑަކޮށްގެން މިއަހަރު އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަނީ

ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދަށް އަސަރު ކޮށްފައިވާތީ، މި އަހަރުގެ ހަރަދުތައް ކުޑަކޮށް 700 މިލިއަން ރުފިޔާ އާއި އެއް ބިލިއަން ރުފިޔާ ދެމެދުގެ އަދަދެއް ސަލާމަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ހަރަދު ކުޑަ ކުރަން އަޅާފައިވާ ފިޔަވަޅުތައް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާ އެގޮތުން އަމާޒަކޫ އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރުން ކަމަށެވެ.

"ހަރަދު ކުޑަ ކުރުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 އިގެ ސަބަބުން ސިއްހީ ކަންކަމަށް އިތުރު ހޭދަ ކުރަން ޖެހުމާއި އިތުރު ހަރަދު ކުރަން ޖެހުމުން އެކަމަށް ޖާގަ ހޯދައި ކޭޝް ފްލޯ ބެލެހެއްޓުން. އެކަން މި އަހަރު ވެސް ކުރިއަށް ގެންދާނެ،" އަމީރު ވިދާޅުވި އެވެ.

މި އަހަރު ހަރަދު ކުރަން މަޖިލީހުން ފާސް ކޮށްދީފައި ވަނީ 33.4 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރު އާމްދަނީއަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 21.1 ބިލިއަން ރުފިޔާ އެވެ.

އަމީރު ވިދާޅުވި ގޮތުގައި މި އަހަރުގެ ބަޖެޓް ތައްޔާރު ކޮށްފައި ވާނީ އިގްތިސޯދު ކުރިން އޮތް ހާލަތަށް ވީހާ އަވަހަށް ބައުންސް ބެކް ކުރެވޭނެ ގޮތަށް ރާވައިގެނެވެ. އަދި ޓޫރިޒަމް ރަނގަޅުވަމުން ދާތީ ކުރީ އޮތް ހާލަތަށް އަންނަ އަހަރު އިގްތިސޯދު ދާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

"މި އަހަރުގެ ބަޖެޓު ވާނީ އިގްތިސޯދީ ކާރިސާއިން އަރަައި ގަންނަން ފޯކަސް ކޮށްފައިވާ ބަޖެޓެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު ނުވަ ބިލިއަން ސަލާމަތްވި

މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރު ހަރަދު ކުޑަ ކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން ކޮވިޑް-19 އިގެ ސަބަބުން އިތުރުވި ހަރަދުތައް ކޮށްފައި ނުވަ ބިލިއަން ރުފިޔާގެ ހަރަދު ކުޑަ ކުރެވުނު ކަމަށެވެ. އަދި ހަރަދު ކުޑަ ކުރި ނަމަވެސް އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"ދެހާސް ވިހިވަނަ އަހަރުގެ ބަޖެޓުން އިތުރު ހަރަދު ކުރަން ޖެހުނުކަން ވެސް ފާހަގަ ކުރަން. އެގޮތުން ސިއްހީ ރައްކާތެރި ކަމަށާއި ބަލިމަޑުކަމުން އަރައި ގަންނަން ސްޓިމިއަލަސް ހަރަދު ކުޑަ ކުރެވުނު. މިދިޔަ އަހަރު ހަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް އެޅުނު ފާހަގަ ކޮށްލަން... ފުރަތަމަ ކަމަކަށް ބޮޑެތި މުސާރަ ލިބޭ ފަރާތްތަކުން ފަސް މަސް ދުވަހު މުސާރަ އުނި ކުރިން. އޭރު ނުފަށާހުރި ގިނަ ޕީއެސްއައިޕީ މަޝްރޫއުތައް މަޑު ޖައްސާލިން،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި ފިޔަވަޅުތަކާއެކު މިދިޔަ އަހަރުގެ ބަޖެޓުގެ ދަރަނި އަހަރު ނިމުނުއިރު ހުރީ 12.5 ބިލިއަން ރުފިޔާ -- ޖީޑީޕީގެ ނިސްބަތުން 18.9 ޕަސެންޓް -- ގައި ކަމަށެވެ.