މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 46 ޕަސެންޓަށް ވެއްޓި، ހަރަދުތައް ތިން ޕަސެންޓް ކުޑަ ވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރިން ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން 13.1 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. މީގެ ތެރެއިން 70 ޕަސެންޓަކީ ބަޖެޓުން ކޮށްފައިވާ ރިޔަކަންޓް ހަރަދެވެ. ކެޕިޓަލް ހަރަދުތަކުގެ ހިއްސާއަކީ 30 ޕަސެންޓެވެ. ނަމަވެސް މި އަހަރުގެ ކުރި ހޭދަވަނީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން 13.5 ބިލިއަން ރުފިޔާ ހޭދަ ކުރި އެވެ. އެހެން ކަމުން މިއީ ގާތްގަނޑަކަށް ތިން ޕަސެންޓުގެ ދަށްވުމެކެވެ.
ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް މުސާރަ ދޭން ފަސް ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. މިދިޔަ އަހަރު ވެސް ހޭދަވެފައި ވަނީ ގާތްގަނޑަކަށް އެ މިންވަރެވެ. މި އަހަރުގެ ބަޖެޓުގައި މުސާރަ ދޭން 10.1 ބިލިއަން ރުފިޔާ ހިމަނާފައި ވެއެވެ.
ބަޖެޓުން މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރީ ކެޕިޓަލް އެކްސްޕެންޑިޗާގެ ތެރޭގައި ހިމެނޭ ބިން ތަކާއި އިމާރާތް ތަކަށެވެ. މި ބަޔަށް 1.19 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ހޭދަ އުޅެނީ 365.8 މިލިއަން ރުފިޔާގަ އެވެ.
ދައުލަތުގެ ހޭދައިގެ ބައެއް ބައިތައް
- ޖުމްލަ ހޭދަ 13.1 ބިލިއަން ރުފިޔާ
- މުސާރަ ދޭން ފަސް ބިލިއަން ރުފިޔާ
- ކެޕިޓަލް ހަރަދު 1.19 ބިލިއަން ރުފިޔާ
ބަޖެޓުން ކުރި ހޭދަ ދަށް ވެފައިވާއިރު ހަރަދު ކުޑަ ކުރަން ސަރުކާރުން ސަރުކާރުން ފިޔަވަޅުތަކެއް މި އަހަރު އެޅި އެވެ. ކޮވިޑް-19 އިގެ ސަބަބުން އާމްދަނީ ހީނަރު ވާނެ ކަމަށް ލަފާ ކުރެވިފައި ވާތީ، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރަ އާއި ކުންފުނިތަކުގެ އިސް ވެރިންގެ މުސާރަ ކުޑަކޮށް އޮފީސްތަކުގެ ހޭދަ ވެސް ކުޑަކޮށްފައިވެ އެވެ. ކަނޑާލި މި ހޭދައިން މި އަހަރު 15 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެ އެވެ.
އާމްދަނީ 46 ޕަސެންޓުގެ ވެއްޓުމެއް
މި އަހަރުގެ މިހާތަނަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބުނީ ހަތް ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ގެ މި މުއްދަތާ ހަމައަށް ބަލާނަމަ 13 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެތޭގައި ޓެކުހުގެ އާމްދަނީ ހިމެނެނީ ގޮތުގައި ލިބިފައިވަބީ 5.3 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ ލިބުނެވެ. އަދި ޓެކްސް ނޫން ގޮތްގޮތުން މިދިޔަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ތިން ބިލިއަން ރުފިޔާ ލިބުނުއިރު، މި އަހަރު ލިބުނީ 1.4 ބިލިއަން ރުފިޔާ އެވެ. އަދި ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރު 483.4 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު ލިބިފައިވަނީ 25 މިލިއަން ރުފިޔާ އެވެ.
މިހާތަނަށް އެންމެ ބޮޑަށް އަސަރު ކޮށްފައި ވަނީ ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ އަށެވެ. ޓެކުހުގެ އާމްދަނީ ލިބުނު ދާއިރާތަކުގެ ތެރެއިން މި އަހަރު ނަގަން ފެށި ވަކި ފަރުދުންގެ އާމްދަނީގެ ޓެކްސް ނުވަތަ އިންކަމް ޓެކުހުގެ ގޮތުގައި 433.4 މިލިއަން ރުފިޔާ މިހާތަނަށް ލިބިފައިވެ އެވެ. އަދި ވަކިން ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް ބީޕީޓީ ބަލާނަމަ ލިބިފައިވަނީ 947.9 މިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމް ޖީއެސްޓީއިން 1.6 ބިލިއަން ރުފިޔާ ލިބުނުއިރު މިދިޔަ އަހަރު ތިން ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އާމްދަނީ އާއި ހިލޭ އެހީ ކުރުކޮށް
- ޖުމްލަ އާމްދަނީ ހަތް ބިލިއަން ރުފިޔާ
- ޓެކުހުގެ އާމްދަނީ 5.3 ބިލިއަން ރުފިޔާ
- ޓެކްސް ނޫން ގޮތް ގޮތުން 1.4 ބިލިއަން ރުފިޔާ
- ހިލޭ އެހީ 25 މިލިއަން ރުފިޔާ
ފިނޭންސްގެ މި ރިޕޯޓުގައިވާ ގޮތުގައި ތަރައްގީގެ މަސައްކަތްތަކުގައި ހިމެނޭ، ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް މިހާތަނަށް 2.2 ބިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ. އަދި މިދިޔަ އަހަރުގެ ހޭދަ ވެސް އުޅެނީ ގާތްގަނޑަކަށް އެ ވަރުގަ އެވެ.
މި އަހަރަށް ސަރުކާރުން 37.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި އެވެ. މި ބަޖެޓުގައި 30 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދަން ހިމެނި އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ޓޫރިޒަމް ހުއްޓުމުގެ ސަބަބުން މާޗް މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ޓޫރިޒަމް ހީނަރުވުމުން އާމްދަނީގެ ގޮތުގައި މި އަހަރު ލިބޭނީ 15 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ރާއްޖޭގެ ބޯޑަރު މިމަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވުމާއެކު ވަނީ އަލުން ޓޫރިސްޓުން އަންނަން ފަށާފަ އެވެ. ބޯޑަރު ހުޅުވިތާ 10 ދުވަހުގެ ތެރޭގައި މިހާތަނަށް 900 ޓޫރިސްޓުން އައިސްފައި ވެއެވެ.