ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ލޯންތައް ފަސް ކޮށްދޭން ޗައިނާއިން ނިންމައިފި

ރާއްޖެއިން ނަގާފައިވާ ލޯންތައް ދެއްކުމުގެ މުއްދަތު ޗައިނާއިން ފަސްކޮށްދީފި އެވެ.

ޗައިނާ ސަރުކާރުން ވަނީ ވަރަށް ގިނަ ގައުމުތަކަކަށް އެ ގައުމުން ދޫކޮށްފައިވާ ލޯންތައް ދެއްކުމުގެ މުއްދަތު ފަސްކޮށްދީފައެވެ. ޖުމްލަ 77 ގައުމަކަށް ވަނީ އެ ފުރުސަތު ދީފައެވެ.

މިއަދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާން ލިޖޯން ވަނީ މަޝްވަރާކުރައްވާފައެވެ. އެ މަޝްވަރާތަކުގައި ރާއްޖެއިން ނަގާފައިވާ ލޯންތައް ދެއްކުމުގެ މުއްދަތު ޗައިނާއިން ފަސްކޮށްދީފައިވާކަން ވަނީ ހާމަކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ގައުމުތަކަށް ދިމާވި އިގްތިސާދީ ބޮޑެތި މައްސަލަތަކާއި ގުޅިގެން ރާއްޖެއަށްވެސް ވަނީ ބޭރުގެ ދަރަނި ދެއްކުމުގެ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ހާއްސަކޮށް ޗައިނާއަށް ދައްކަންޖެހޭ ފައިސާ މުއްދަތުގައި ނުދެއްކޭނެތީ އެކަމުގައި އެހީތެރިވުމަށް ރާއްޖެއިން ކުރިންވެސް ވަނީ އެދިފައެވެ.

މިއަދުގެ ބައްދަލްވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ރާއްޖެއިން ނަގާފައިވާ ލޯންތައް ދެއްކުމުގެ މުއްދަތު ޗައިނާއިން ފަސްކޮށްދީފައިވާތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ކުރިއަރަމުން އަންނަ ގައުމުތަކުން ނަގާފައިވާ ލޯނުތައް ފަސްކޮށްދިނުމަށް ޖީ20 ގައުމުތަކުން ވަނީ ނިންމާފައެވެ.

ޗައިނާ ސަފީރު ވަނީ ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތާވެސް ބަދަހި ކުރުމަށާއި ދެ ގައުމުގެ ފައިދާއަށް ކުރިއަށް ގެންދާ މަޝްރޫއުތައް އެގޮތުގައި ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.