ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޮވިޑް-19 އިގެ 100،000 ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާ އެކަން އިއުލާނު ކޮށްފި އެވެ.
ޗައިނާ ސަރުކާރުގެ ހިއްސާ އޮންނަ ޗައިނާގެ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް (ސިނޯފާމް) އިން އުފެއްދި ވެކްސިން ޗަައިނާގެ އެތަށް މިލިއަން ބަޔަކަށް ވަނީ ދީފައެވެ. މި ވެކްސިން ކޮވިޑް ވައިރަހާ ދެކޮޅަށް މަސައްކަތް ކުރާކަން ވަނީ ޔަގީން ކުރެވިފައެވެ.
ރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް އަބަދުވެސް ވެދޭ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މިއަދު ވިދާޅުވީ އެ ގައުމުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ވެކްސިން ޝިފްމަންޓް ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ ކަަމަށެވެ.
ޗައިނާގެ ކުންފުންޏަކުން އުފެއްދި ކޮވިޑް-19 އިގެ 5،000 ޑޯޒް ވެކްސިން މިހާރުވެސް ރާއްޖޭގައި އެބަހުއްޓެވެ. އެއީ ހެޔޮ އެދޭ ފަރާތަކުން ހަދިޔާ ކުރި ވެކްސިނެވެ. ހަދިޔާކުރި ވަކި ފަރާތެއް ނުބުނެއެވެ. އެޗްއީއޯސީން ބުނީ އެ ވެކްސިން ރާއްޖެ ގެނެސް ސްޓޯކޮށްފައިވާ ކަމަށާ ވެކްސިން ބޭނުން ކުރަން ފަށާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ލިބުމުން ކަމަށެވެ. އެ ވެކްސިނާއި ގުޅުންހުރި މައުލޫމާތު ތައް ފަހުން ހާމަކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ހޯމަ ދުވަހުން ފެށިގެން ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ރާއްޖޭގައި ވަނީ ފަށައިފަ އެވެ. ރާއްޖޭގައި މިވަގުތު ދެނީ ކޮވިޝީލްޑް ވެކްސިނެވެ. ނަމަަވެސް އެހެން ވެކްސިންތައް ރާއްޖެ ގެންނާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއްގައި މާދަމާ ކޮވިޑް-19 އިގެ ވެކްސިން ދޭން ފެށޭނެ ކަމަށް އެޗްއީއޯސީން ބުނެފައިވާއިރު ރާއްޖޭގައި ހުރީ ކޮވިޝީލްޑްގެ 100،000 ޑޯޒް ވެކްސިނެވެ. އެއީ 50،000 މީހުންނަށް ދެވޭނެ މިންވަރެކެވެ.