ހަބަރު

ތުހުމަތު ތަކުރާރު ކުރުމުން ޗައިނާ ސަފީރު ރައްދު ދެއްވައިފި

Jul 30, 2020
12

ކުރީގެ ސަރުކާރުން ހިންގި މަޝްރޫއުތަކަށް ދިން ބޮޑެތި ލޯނުތަކުގެ ބަދަލުގައި ރާއްޖޭގެ ރަށްތަކެއް ޗައިނާ ސަރުކާރުން ނަގާފައިވާކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކުރެއްވި ތުހުމަތުތަކަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު އަނެއްކާވެސް ރައްދު ދެއްވައިފި އެވެ.

ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ޗައިނާއިން ދޫކޮށްފައިވާ ލޯނުތައް ނުދެއްކުމުން ދައުލަތުގެ ކުންފުނިތަކުގެ ހިއްސާ އެގައުމުން ނަގާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން ހުޅުމާލޭގައި ހަދަން ފަށާފައިވާ ގިނަ އިމާރާތްތައް މިހާރު ހުރީ ހުއްޓިފައި ކަމަށާއި، ނަމަވެސް، އެތަންތަނަށް ދައްކަންޖެހޭ ފައިސާ ބިލިއަނަކަށް ވުރެ ބޮޑުވާ ކަމަށެވެ.

"ފްލެޓްތަކެއް ނަގަމުން ނަގަމުން ގޮސް ސަރުކާރު ހިއްސާވާން ކޮންމެ ކުންފުންޏަކުން އެތަނުގައި އެބަހުރި 80 ޕަސެންޓަށް ނުވަތަ 90 ޕަސެންޓަށް ހަދާފަހުރި ބޮޑެތި ބޮޑެތި ކޮންކްރީޓް އިމާރާތް. ހުރިހާ އެއްޗެއް ހުރީ ހުއްޓިފަ. އެތަންތަނުގެ މުޅި ޖުމްލަ ދަރަނީގެ އަދަދު އެބަ ބިލިއަންއަށްވުރެ ބޮޑުކޮށް އެބައަރާ. އެފައިސާ ދައްކަން މިޖެހެނީ އަޅުގަނޑުމެން. ނުދެއްކުނީމަ މިދަންނަވާހެން އެދަރަނި ދެންމިހާ އައިސް މިބުނަނީ ދޭށޭ ހިއްސާ،" ޗައިނާއަށް އަބަދުވެސް ފާޑުވިދާޅުވަމުން ގެންދަވާ ނަޝީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ޗައިނާއިން ރާއްޖޭގެ 16 ރަށެއް ނަގާފައިވާ ކަމުގެ ތުހުމަތު ރައީސް ނަޝީދު ރޭ ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ.

އެ ރަށްތަކުގެ މައުލޫމާތު ދެއްވުމަށް ނޫސްވެރިޔާ އެދުމުން، އެ ރަށްތަކުގެ ނަންތައް ދަންނަވަން ދަތި ކަމަށާއި ނަމަވެސް މިސާލަކަށް ފޭދޫ ފިނޮޅާއި ކަޅު ފަހަލަފުށި އެއީ އޭގެ ދެ ރަށް ކަމަށް ނަޝީދު ރޭ ވަނީ ހާމަކުރައްވައިފަ އެވެ.

ފޭދޫ ފިނޮޅަކީ ދިވެހި ކުންފުންޏަކާއި ޗައިނާ ކުންފުންޏަކާއި އަދި ހޮންކް ކޮންގް ކުންފުންޏަކާއި ޖޮއިންޓްވެންޗާ އެއް ހަދައި ރިސޯޓެއް ހަދަން ދޫކޮށްފައިވާ ރަށެކެވެ.

އަދި ތ. ކަޅު ފަހަލަފުށްޓަކީ 2005 ވަނަ އަހަރު ރިސޯޓު ތަރައްގީ ކުރަން ދޫކުރި ކުންފުންޏަށް ކުލި ނުދެއްކިގެން 2015 ގައި އެއްބަސްވުން ބާތިލުކޮށް، ޗައިނާގެ ސިމެކް ކުންފުންޏަކާ ހަވާލުކޮށްފައިވާ ރަށެކެވެ.

ނަޝީދު ތަކުރާރުކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވައި، ޗައިނާ ސަފީރު ޖަންގް ލިޖޮންގް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދު މިސާލުގެ ގޮތުގައި ނެންގެވި ދެ ރަށަކީ ވެސް އަމިއްލަ ކުންފުނިތަކަކުން ކޮށްފައިވާ އިންވެސްޓުމަންޓުތަކެކެވެ.

އަދި ނަޝީދު ތުހުމަތު ކުރައްވާ އެއްވެސް ރަށެއް ޗައިނާ ސަރުކާރުގެ އެއްވެސް ކުންފުންޏަކަށް ދީފައިނުވާކަމަށްވެސް ސަފީރު ވިދާޅުވި އެވެ.

"މިކަމުގެ އެއްމެ މުހިއްމު ސުވާލަކީ ބޭރުގެ އިންވެސްޓުމަންޓުތަކާ ގުޅިގެން ރާއްޖޭން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައިވޭހޭ؟ އެހެން ނުވާނަމަ އޮޅުވާލުމުގެ ބޭނުމަކީ ކޮބާ،؟ ސަފީރު ސުވާލު ކުރެއްވި އެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ޗައިނާއަށް ތަފާތު ތުހުމަތުތައްކޮށް އެ ގައުމާ ދެކޮޅަށް ވާހަކަދައްކަވަމުން ގެންދަވާ ބޭފުޅެކެވެ. އިންޑިއާ ދިފާއުކުރައްވާ އަދި އެ ގައުމުގެ ރުހުން ހޯއްދެވުމަށް މީގެ ކުރިންވެސް ޗައިނާއާ ގުޅޭގޮތުން އެކި ވާހަކަތައް ރައީސް ނަޝީދު ވަނީ ދައްކަވާފައެވެ. އެއިން ކޮންމެ ފަހަރަކުހެން ޗައިނާ ސަފީރު ނިކުންނަވާ ރައީސް ނަޝީދަށް ރައްދު ދެއްވައެވެ.

ޗައިނާއާ ގުޅޭގޮތުން ނަޝީދު އަނެއްކާވެސް ތުހުމަތުތަކެއް ކުރައްވާފައިމިވަނީ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ތެރެއިން، ރާއްޖެއިން ނަގާފައިވާ ލޯންތައް ދެއްކުމުގެ މުއްދަތު ޗައިނާއިން ފަސްކޮށްދީފައިވަނި ކޮށެވެ.

އަދި މިމަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޗައިނާއިން، އަނެއްކާވެސް ޓޫރިސްޓުން ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން އިސްނަގައިގެން މަޝްވަރާތައްވެސް ވަނީ ފަށައިފަ އެވެ.