ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ އާއެކު އޮންނަ ގާތްކަން ރައީސް ދިފާއުކުރައްވައިފި

އަވަށްޓެރި އިންޑިއާ އާއެކު މި ސަރުކާރުން ބާއްވަމުންދާ ގާތް ގުޅުމާމެދު އިދިކޮޅު ފަރާތްތަކުން އަމާޒުކުރަމުންދާ ތުހުމަތުތަކާއި ކަންބޮޑުވުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިންޑިއާއާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އަދި ވާދަވެރި ޗައިނާއަށް ރާއްޖޭގެ ހާރިޖީ ސިޔާސަތު ދީލާލައި، ބޮޑެތި އަދަދުތަކުން ލޯނު ނަގައިގެން ސިނަމާލެ ބުރިޖު ފަދަ ތަރައްގީގެ ބިޔަ މަޝްރޫއުތަކަށް ހިންގުން ވެގެންދިޔައީ އިންޑިއާގެ ހިތްހަމަނުޖެހުން އިތުރުވި މައްސަލައަކަށެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން އެ ގުޅުމާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދަނިކޮށް، ވެރިކަން ބަދަލުވުމާއެކު ރާއްޖޭގެ ހާރިޖީ ސިޔާސަތު އަނެއް ކޮޅަށް އެނބުރިގެން ދިޔަ އެވެ. އަދި އިންޑިއާއާއެކު އޮންނަ ގުޅުން ތާރީހީ ހަރުފަތަކަށް އުފުލި، އެކި ނަން ނަމުގައި ދެމުންދާ ލޯނުތަކާއި އެހީތަކުގެ އަދަދު ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރަށް މިހާރު ވަނީ އަރައިފަ އެވެ.

އެއާއެކު މިހާރުގެ އިދިކޮޅު ފަރާތްތަކުން ދަނީ އެކަމާމެދު ކަންބޮޑުވުންފާޅުކުރަމުންނެވެ. ހެލިކޮޕްޓަރުތަކާއި މަތިންދާބޯޓުތަކާއި މަނަވަރުތަކުގެ ނިވަލުގައި ދިވެހި ފަސްގަނޑަށް ޖަމާވަމުންދާ އިންޑިއާ ސިފައިންގެ އަދަދުތައް އިތުރުވުމުގެ ހިތްހަމަނުޖެހުމާއެކު، އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާކަމަށް ބުނެ، އިދިކޮޅުން އިސްވެ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕޭނެއްވެސް މިހާރު ވަނީ ފަށައިފަ އެވެ.

ނަމަވެސް، ރައީސް ސޯލިހު ގަބޫލުކުރައްވާ ގޮތުގައި، ކުރީގެ ސަރުކާރުން ގެންގުޅުނު އެކަހެރިވުމުގެ ސިޔާސަތު ނިމުމަކަށް ގެނެސް، ހާއްސަކޮށް އަވަށްޓެރި ގައުމުތަކާ ގުޅުން ބަދަހިވުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ވަރުގަދަ ކުރުމުގެ މުހިއްމު ފިޔަވަޅެކެވެ.

އިންޑިއާގެ މަޝްހޫރު "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވަނީ، މި ސަރުކާރުން އިންޑިއާގެ އެހީގައި ކުރިއަށް ގެންދާ ތަރައްގީގެ ބައެއް މަޝްރޫއުތަކަކީ ކުރީގެ ސަރުކާރުން އިންޑިއާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުންތަކެއްކަން ފާހަގަކުރައްވައިފަ އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތާއި ގައުމު ހިންގާ ގޮތާމެދު ބިނާކުރަނިވި ފާޑުކިއުންތައް ބަލައިގަންނަ ކަމަށާއި، ނަމަވެސް، ހާއްސަކޮށް މުޅި ދުނިޔެ ބަލިމަޑުކަމެއް ތަހައްމަލު ކުރަމުންދާ ދަނޑިވަޅެއްގައި، ބައިނަލްއަގުވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ރާއްޖެއަށް ވަރަށް މުހިއްމުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ނަމަވެސް، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި، ރާއްޖެއަށް މުހިއްމު ގުޅުންތައް ހީނަރުކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް،" އިންޑިއާއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ، ސަރަހައްދީ ގަދަހިފުމެއްގެ ތެރެއިން އިންޑިއާ އާއި ޗައިނާ އާދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ އަސަރެއް ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ނުކުރާ ކަމަށެވެ.

އެ މައްސަލަ ދެ ގައުމުގެ މެދުގައި މަޝްވަރާކޮށްގެން ހައްލުކުރެވޭނެކަމަށް ރައީސް ގަބޫލުކުރައްވާއިރު، އެ ނުތަނަސްކަމުގެ ސަބަބުން ދެ ގައުމާއެކު ވެސް ގުޅުން ބަދަހިކުރުމަށް ހުރަހެއްނެތްކަމަށް ވިދާޅުވި އެވެ.

އަދި ކުރީގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތައް އަލުން މުރާޖައާކޮށް ދެއްކުން ފަސްކުރުމަށް ކުރަމުންދާ މަޝްވަރާތަކުން ދެ ގައުމަށްވެސް ފައިދާވާ ފަދަ ހައްލެއް ލިބޭނެކަމަށް ގަބޫލުކުރައްވާކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވި އެވެ.