އިލްތިމާސެއް ވިޔަސް، އިންޒާރަކަށް ނޫނީ އާދޭހެއް ނަމަވެސް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިއަ ބުރާސްފަތި ދުވަހު ވިދާޅުވެ ދެއްވީ ވަރަށް ހައްސާސީ ވާހަކަފުޅެކެވެ. އެއީ ސަރުކާރުގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅަކު ވިދާޅުވާންވީތާ ކިތަންމެ ދުވަހެއްވީ ވާހަކަ އެކެވެ. އެއިރަކު ރާއްޖޭގެ ސިޔާސީ އޮއިވަރު އެނބުރޭ ގޮތަކުން، ހުރަސްކޮށްގެން ނުވާނެ ކިތަންމެ ރޮނގެއް ހުންނާނެ އެވެ. ދުނިޔޭގެ ކޮންމެ ހިސާބަކަށް އަންނަ ކުޑަ ކުޑަ ލޮޅުމެއްގެ އަސަރު، ސުނާމީއެއްގެ ސިފައިގައި ރާއްޖޭގެ ނާޒުކު އިގުތިސޯދަށް ބިންދާލާއިރު، ވަކި އަތަކަށް ދީލާލައިގެން ތިބެވޭކަށް ނޯވެ އެވެ. އެއަށްވުރެ ރާއްޖެ ކުޑަވެފައި ނިކަމެތިވީމަ އެވެ. ކިތަންމެ ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް، މިއީ މިއަދުގެ ހަގީގަތެވެ.
ޒަމާނުއްސުރެ ރާއްޖެއަކީ ހުރިހާ ގައުމުތަކާ ވެސް ގާތް ރަހުމަތްތެރި ގުޅުމެއް ބާއްވަމުން އައި ގައުމެކެވެ. ހަމަހަމަ ސިޔާސަތެއްގެ ދަށުން، ރަނގަޅު ވިސްނުމެއްގެ ތެރެއިންނެވެ. އެކަމަކު ވަކި ބައެއްގެ ސިޔާސީ މަގުސަދުތަކަކަށްޓަކައި ރާއްޖޭގެ ޒަމާންވީ ހާރިޖީ ސިޔާސަތު ވަނީ ވަރަށް ނުރައްކާތެރި މިސްރާބަކަށް އަނބުރާލާފަ އެވެ. ބައެއް ކަހަލަ ކަންކަމުގައި އަވަށްޓެރި އިންޑިއާގެ "އުނގަށް އެރުން" ހަޖަމުކޮށްލެވުނަސް، "އިންޑިއާއެކު މިހާރު ފެންނަމުންދާ "ރަހުމަތްތެރި" ކަމުގައި ދޭދޭ އެހެން ގައުމުތަކާ ދެމެދު އޮންނަ ގުޅުމުގެ ގުރުބާން ކުރާ މަންޒަރަކީ ގަބޫލުކުރަން ދަތިކަމަކަށް އެބަވެ އެވެ.
ދަރަނީގެ ވާހަކަ، ސިޔާސީ ހަތިޔާރަކަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު އޮތީ އިރުމައްޗަށް މޫނު އަނބުރާލައިގެނެވެ. ކޮމާޝަލް ޑިޕްލޮމަސީއެއްގައި ރައީސް ޔާމޫން އިރަށް ރާއްޖެ ދީލާލާފައި އޮތް އޮތުން އެއީ ދުނިޔެވެސް ދަންނަ ހަގީގަތެވެ. އޭގެ ސަބަބުން އޭރު އިންޑިއާއެކު އޮންނަ ޒަމާންވީ ގުޅުމުގައި ރަނގަޅަށް ރެނދުލައި، މެދުން ބިންދައިގެންދާ ހިސާބަށް ހާލަތު ގޯސްވިކަމީ ވެސް އޭރު ފެންނަމުންދިއަ މަންޒަރުތަކެވެ.
އެކަމަކު ރައީސް ޔާމީންގެ ކޮމާޝަލް ޑިޕޮލޮމަސީގައި ފަރުދާގެ ފުރަގަހުގައި ކިތަންމެ ބޮޑު ނުތަނަސްކަމެއް އޮތް ނަމަވެސް، އެ ސަރުކާރުން އެކަން ޕަބްލިކަށް ބަންޑުން ވެގެން އަޔަކަ ނުދެ އެވެ. ފާޅުގައި އިންޑިއާއަށް ގޮންޖަހާފައި ވާހަކައެއް ނުދައްކަ އެވެ. ޗައިނާއަށް ތައުރީފު އަދާކުރީ އިންޑިއާއަށް މަލާމާތްކޮށް، ރުޅިއަރުވައިގެނެއް ނޫނެވެ. މި ހަގީގަތް ގަބޫލު ކުރަންވާނެ އެވެ.
ނަމަވެސް، ހުދުމުހުތާރު ކަމާއި ގޮތް ދޫނުކުރުން ފަދަ އެތައް އެތައް އިލްޒާމެއް އެޅިފައިވާ ސަރުކާރެއްގެ ތެރެއިން ނުފެންނަ ފަދަ ހުތުރު އެތައް އަމަލެއް މިހާރު ފެންނަމުން އެބަދެ އެވެ. އެކި ނަންނަމުގައި އިންޑިއާ އިން އެހީތައް ރާއްޖެއަށް އޮހެމުންދާއިރު، އޭގައި ހިފޭ ކަމަށް ވަނީ ޖެހުނު ގޮތަކަށް ޗައިނާގެ މޫނުމަތީގައި ތަފާލެއް ޖަހާފަ އެވެ.
އެކަމުގައި އިސްކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުންނަވާއިރު، ޗައިނާއަށް ފާޑެއް ވިދާޅުވުމަކީ އެމަނިކުފާނުގެ "ހޮބީ" އަކަށް މިހާރު ވަނީ ވެފަ އެވެ. ކެނޑިނޭޅި އެއް ވާހަކަ އެކެވެ. އެކި ގޮތް ގޮތަށް އަނބުރައިގެން ހަމަ އެއް ތުހުމަތުތަކެކެވެ. ރައީސް ޔާމީންގެ ސަރުކާރުން ރާއްޖޭގައި ހިންގި ބޮޑެތި މަޝްރޫއުތަކަކީ ދަރަނީގެ ދަންތުރައެއްގައި ޖައްސައިގެން، ރާއްޖޭގެ ބިންތައް ފޭރިގަންނަން ދުނިޔޭގެ ވަރުގަދަ ބާރެއްގެ ހީލަތްތެރި ރޭވުމެއްގެ ގޮތުގައި ސިފަ ކުރައްވަ އެވެ.
ކަންކަން ބަދަލުވެފައި ގޮތުން ޗައިނާއަށް ރައީސް ނަޝީދާއި ސަރުކާރުގެ ވެރިން ޗައިނާއަށް ފާޑުވިދާޅުވުމަކީ އިންޑިއާއިން ދޭ ލޯނެއް ނޫނީ "އެހީ" އެއްގެ ޝަރުތެއްގެ ގޮތުގައި ވެސް މިހާރު ހީވާން ފަށައިފި އެވެ، ސިޔާސީ ޕޯޑިއަމްއެއްގެ ގޮތުގައި ފަހަކަށް އައިސް ފެންނަ މަޖިލީހުގެ ރިޔާސަތުގައި އިންނެވުނަސް ދެ ނޭވާ ދޭ ތެރެއިން ވެސް އެ ވާހަކަ އެވެ. ނުކުމެ ދާނެ ނަތީޖާއަކަށް ފަރުވާލެއް ނެތެވެ. އެ މައުލޫގެ ހޫނުކަން ކެނޑޭހެން ހީވުފުޅުވާއިރަށް އެ ވާހަކަ އެހެން ގޮތަކަށް އަނބުރާލައި ކޮށްލައްވަ އެވެ.
ލޯނު އެއްބަސްވުންތަކަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން
ކޮވިޑް-19 އިގެ ހާލަތުގައި ދައުލަތުގެ އާމްދަނީ އެކީހެން ހުއްޓިފައިވާއިރު، ކުރިން ނަގާފައިވާ ލޯނުތަކަށް ފައިސާ ދެއްކޭނެ ގޮތެއް ނެތެވެ. އެ ލިސްޓުގެ އެންމެ ކުރީގައި ޗައިނާ އޮތް އިރު، ރާއްޖެއަށް މިހާރު ޖެހިފައި އޮތީ ލޯނު ނެގި ފަރާތްތަކުގެ ފައިބުޑަށް ވެއްޓި އާދޭސް ކުރާށެވެ. އެކަމަށްޓަކައި ސަރުކާރުން ޗައިނާއާއެކު ވެސް މަޝްވަރާ ކުރަމުން ދާއިރު، ޗައިނާ އިން މިހާރު ވެސް ވަނީ ބައެއް ލޯނުތައް ދެއްކުން ފަސް ކޮށްދީފަ އެވެ. އޭގެ ތެރެއަށް ކޮމާޝަލް ލޯނުތައް ވެސް ވައްދަން ސަރުކާރުން މަސައްކަތް ކުރަމުން ދާއިރު، އެކަމުގެ އެންމެ ބޮޑު ހުރަހަކަށް ސީދާ ރައީސް ނަޝީދު ވެފައިވެއޭ ބުނުމަކީ މުޅީން ދޮގަކަށް ނުވާނެ އެވެ.
ދަރަނީގެ ވާހަކަތައް އެފަދަ ގޮތަކަށް ސިފަ ކުރެއްވުމަކީ، ޗައިނާގެ "އަތް އަނބުރާ" ލުމުގެ އުކުޅެއް ކަމަށް ބުނެވިދާނެ އެވެ. ނަމަވެސް، ތަކުރާރު ކުރަމުންދާ ތުހުމަތުތަކާއެކު ދޭދޭ ގައުމެއްގެ މެދުގައި އޮތް ގުޅުން ކެނޑުމުގެ އިތުރުން، އެކަމުގައި އޮތް މާ ބޮޑު ނުރައްކަލަކަށް ފިނޭންސް މިނިސްޓަރު މިދިއަ ބުދަ ދުވަހު ވަނީ ބާރު ދެއްވާފަ އެވެ.
ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީ އަދި ނަގާފައިވާ ލޯނާ ގުޅޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ދެއްވަމުން އަމީރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ބޭރުގެ އެކި ގައުމުތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ދީފައިވާ ލޯނުތަކުގެ ނުރަނގަޅު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކާނަމަ ލޯނު ދޭ ފަރާތްތަކާއި އިންވެސްޓަރުން ރާއްޖެއަށް ކުރާ އިތުބާރު ގެއްލޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ދައުލަތުން ނަގާ ލޯނުތަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ އެވެ.
އަމީރު ވިދާޅުވާ ގޮތުގައި ދަރަނީގެ އެއްބަސްވުންތަކުގައި ވަކި މިންގަނޑުތަކެއް ހިފަހެއްޓުމަށް ދެ ފަރާތަށް ވެސް ލާޒިމުވެ އެވެ. އެ އެއްބަސްވުންތަކުގައި ހިމެނޭ ޓާމްސްތަކަކީ ސިއްރު މައުލޫމާތުތަކެކެވެ. އެ މައުލޫމާތު ހާމަކުރެވޭނީ ދަރަނީ ދޫކުރި ފަރާތުގެ އިޒުނައާއެކު އެވެ.
އެ ނޫން ގޮތަކަށް އަމަލުކުރާނަމަ ލޯނު ދޭ ފަރާތްތަކާއި އިންވެސްޓަރުންގެ ކުރިމަތީގައި ދިވެހި ދައުލަތާއި ސަރުކާރުގެ އިތުރުބާރު ގެއްލި، އިތުރަށް ފައިނޭންސިން ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވާނެ އެވެ.
"މިފަދަ މައުލޫމާތުތައް އާއްމުކުރުމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިންއަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ބޮޑުވެ، އިތުރު ފައިނޭންސިން ހޯދުމަށް ދަތިވާނެ،" ބައިނަލްއަގުވާމީ މާކެޓުގައި ރާއްޖޭގެ ފަރާތުން ސުކޫކެއް ވިއްކުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އެކަމަށް ނޭދެވޭ އަސަރެއް ކުރާނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކުރައްވަމުން އަމީރު ވިދާޅުވެފައި ވެއެވެ.
ދަރަނި ނުވަތަ ލޯނު އެއްބަސްވުންތަކާ ގުޅޭ ނުރަނގަޅު މައުލޫމާތު ހާމަނު ކުރުމުގެ އިތުރުން ކްރެޓިޑް އޭޖެންސީ ތަކުން ރާއްޖޭގެ ރޭޓިން ދަށްކުރުމުގެ އެއްވެސް ފުރުސަތެއް ނުދިނުމަށް ވެސް އަމީރު އެދި ވަޑައިގަންނަވަ އެވެ.
"އިންވެސްޓަރުންނަށް މި ސުކޫކުގައި އިންވެސްޓު ކުރުމުގެ ކޮންފިޑެންސް ނުގެއްލޭ ގޮތަށް ހުރިހާ މުއައްސަސާތަކުން ވެސް އަމަލުތައް ބެހެއްޓުމަކީ މި ނާޒުކު ދަނޑިވަޅުގައި ވަރަށް މުހިއްމުކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކުރަން،" އަމީރު ވިދާޅުވި އެވެ.
ވަކި ބޭފުޅެއް ދެކެ ގަންނާ ކުރައްވާ ބިރަށް އަމީރުގެ އެ ވާހަކަތައް ވަކި ދިމާއަކަށް ނިސްބަތް ކުރައްވަން ކެރިވަޑައިނުގެންނެވި ނަމަވެސް، ނުސީދާ ގޮތަކަށް ނަމަވެސް، މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް އެ ވާހަކައިގެ މިސްރާބު ވިދާޅުވެ ދެއްވި އެވެ.
ރައީސް ނަޝީދު ކުރައްވާ ތުހުމަތުތަކަށް ނުސީދާކޮށް އިޝާރާތް ކުރެއްވުމާއެކު ޝަރީފް ވަނީ "ޑެޓް ޓްރެފް" އާއި ރާއްޖޭން ނަގާފައިވާ ދަރަނީގެ މައުލޫމާތު ނޭނގޭ ކަމުގެ ވާހަކަ ދެކެވޭއިރު، ރޭޓިން ދަށްވެ، ދަރަނި ނުދެއްކޭ ފަދަ ހާލަތަކަށް ރާއްޖެ ދިއުމާ ގުޅޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.
ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ހަގީގަތާ ހިލާފު ރަނގަޅު ނޫން މައުލޫމާތުތަކެއް އަޅުގަނޑުމެންނަށް ޝާއިއުކުރެވި އަޅުގަނޑުމެންނަށް ބޭރުކުރެވޭނަމަ، އޭގެ ސަބަބުން އަޅުގަނޑުމެންގެ އިންވެސްޓާ ކޮންފިޑެންސް ދަށަށް ދާނެ. އިންވެސްޓާ ކޮންފިޑެންސް ދަށަށް ގޮސްފިނަމަ އަޅުގަނޑުމެންގެ ކްރެޑިޓް ރޭޓިން ދަށްވެގެންދާނެފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
އަމީރު ވިދާޅުވި ގޮތުގައި ކޮވިޑް-19 އިގެ ހާލަތުން އަރައިގަނެ، ރާއްޖޭގެ އިގުތިސޯދު އަލުން އާރާސްތުކުރުމަށްޓަކައި އިތުރަށް ދަރަނި ނަގަންޖެހޭނެ އެވެ. އަދި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގެ ދަރަނިތަކާބެހޭ ހުރިހާ މައުލޫމާތެއް ވަރަށް ރަނގަޅަށް ބަލަހައްޓަމުން، ދަރަނި މެނޭޖު ކުރެވެމުންދާއިރު އެފަދަ މައުލޫމާތުތައް އާއްމުކޮށް ހާމަ ކުރާނަމަ އޭގެ ނޭދެވޭ އަސަރު އިންވެސްޓާ ކޮންފިޑެންސަށް ކުރާނެ އެވެ.
"ދައުލަތުގެ ދަރަންޏާ ގުޅޭގޮތުން ހަގީގަތާ ހިލާފު ރަނގަޅު ނޫން މައުލޫމާތުތަކެއް އަޅުގަނޑުމެންނަށް ޝާއިއު ކުރެވި އަޅުގަނޑުމެންނަށް ބޭރު ކުރެވޭނަމަ، އޭގެ ސަބަބުން އަޅުގަނޑުމެންގެ އިންވެސްޓާ ކޮންފިޑެންސް ދަށަށް ދާނެ. އިންވެސްޓާ ކޮންފިޑެންސް ދަށަށް ގޮސްފިނަމަ އަޅުގަނޑުމެންގެ ކްރެޑިޓް ރޭޓިން ދަށްވެގެން ދާނެ،" އަމީރު ވިދާޅުވި އެވެ.
ހަގީގަތާ ހިލާފު މައުލޫމާތުތަކުގެ ސަބަބުން ދަރަނި ރެކޯޑު ކުރުމާއި ބެލެހެއްޓުމުގައި ފިނޭންސް މިނިސްޓްރީ އިސްވެ ކުރަމުންދާ މަސައްކަތަށް އިންވެސްޓަރުން ކުރާ އިތުބާރު ގެއްލުމުގެ ފުރުސަތު އޮންނާނެ އެވެ. ދަރަނި ނަގާއިރު، އެކަމަކާ ގުޅޭ ހުރިހާ ކަމެއް ގުޅި ލާމެހިފައި އޮވެ އެވެ. ދަރަންޏާ ގުޅޭ ކަންކަން ރަނގަޅަށް ދިރާސާ ނުކޮށް އެކަމުގެ ހައްސާސްކަން ނުވިސްނި ވާހަކަ ދައްކާނަމަ، އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ.
"މާދަމާ ނެރޭ ރިޕޯޓަކުން އަޅުގަނޑުމެންގެ ރޭޓިން ދަށް ކޮށްފާނެ. ރޭޓިން ދަށްވެއްޖެއްޔާ މިސާލަކަށް ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން މާކެޓަށް ނުކުންނަ އިރު، އޭގެ ސަބްސްކްރިޕްޝަން ދަށްވެގެން ދާނެ. އޭރުން އަޅުގަނޑުމެންގެ ކޮސްޓް އޮފް ބޮރޮއިން އެބަ އިތުރުވޭ، މިސާލަކަށް ފަސް ޕަސެންޓުން ހަތް ޕަސަންޓަށް އެބަ އިތުރުވޭ،" އަމީރު ވިދާޅުވ އެވެ.
މިނިސްޓަރުގެ އިލްތިމާސްގެ އަޑެއް ނީވުނު!
މަޖިލީހުގެ ކޮމިޓީގައި އަމީރު ދެއްކެވި ވާހަކަފުޅާއި އިންޑިއާ އިން ދޭ ލޯނުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކާ ގުޅުވަން ބައެއް އެމްޑީޕީ މެމްބަރުން މަސައްކަތް ކުރެ އެވެ. އެއިން އެއްވެސް ކަމަކަށް ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، އަމީރުގެ ވާހަކަފުޅުން އެއް ކަމެއް ސާފުވި އެވެ. އެއީ އަމީރު ދެއްކެވީ އިދިކޮޅުގެ ވާހަކަ ނޫން ކަމެވެ. ސިޔާސީ މައިދާނުގައި އިދިކޮޅުން ދައްކާ ވާހަކައަކާއި، މިހާރުގެ ސަރުކާރުގެ ލަގަނުގެ އެއް ބައިގައި ހިތްޕަވައިގެން ހުންނެވި ރައީސް ނަޝީދު ދައްކަވާ ވާހަކައަކާ އުޑާ ބިމާހާ ތަފާތެވެ.
އިދިކޮޅުގައި ހުންނެވިއިރު ރައީސް ނަޝީދު ދެއްކެވި ވާހަކައަކީ ސިޔާސީ ކަމެއްގެ ގޮތުގައި ނިންމިދާނެ އެވެ. އެކަމަކު މިހާރު ނަޝީދު ފަދަ ބޭފުޅަކު ދައްކަވާ ވާހަކައަކީ ސަރުކާރުގެ ސްޓޭންޑުގެ ގޮތުގައި ބެލުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި އެފަދަ ކޯޅުމެއްގެ ތެރެއަށް ވަންނަން ބޭނުންވާ ކިތަންމެ ގައުމަކާއި، މާލީ އިދާރާތަކެއް ހުންނާނެކަން ޔަގީނެވެ. ރާއްޖެއަށް އެހީ ވެދީގެން ޗައިނާއަށް ޖެހުނު ހާލުން ސަލާމަތްވުމުގެ ބޭނުމުގަ އެވެ. މާލީ ވަޒީރު އެ ދުވަހު ވިދާޅުވީ އެ ވާހަކަ އެވެ. އެއީބ އިލްތިމާސެކެވެ. ލޯނު ދޭން ތިބި ފަރާތްތަކާއި، ރާއްޖޭން ވިއްކާ ބޮންޑުތައް ގަންނަންތިބި އިންވެސްޓަރުން ބިރު ނުގެންނެވުމުގެ އާދޭހެކޭ ވެސް ބުނެވިދާނެ އެވެ.
އެކަމަކު އެ މެސެޖު އަދިވެސް ލިބެންޖެހޭ ފަރާތަށް ރައްދު ނުވާކަން ސާފެވެ. އެ ކޮމިޓީގެ ހޫނުކަން ރަނގަޅަށް ނުކެނޑިގެން އުޅެނިކޮށް، ރައީސް ނަޝީދު ވަނީ އަނެއްކާވެސް ދަރަނީގެ ވާހަކަ އާ ކުރައްވާފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަންޖެހޭ އިރު އެވަރަށް އާމްދަނީ ނެތުމެވެ. އަދި 2012 އާއި 2018 އާއި ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ، އެ ދަރަނި ދައްކަވަން ޖެހެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށެވެ. އެންމެ ގިނައިން މި ދަރަނި ދައްކަން ޖެހެނީ އަންނަ އަހަރުން ފެށިގެން 2023 އާއި ހަމަޔަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވާ ގޮތުގައި މިވަގުތު ސަރުކާރުގެ އާމްދަނީ ވަނީ އެކީހެން ނެތިފަ އެވެ. މިއަދުގެ ހާލަތުގައި އެންމެ ބުދިވެރި ގޮތަކީ 2012 އާއި 2018 އާއި ދެމެދުގެ ދަރަނި އިތުރު ޖޫރިމަނާއަކާ ނުލާ ބިނާ ކުރުމެވެ.
އެ ވާހަކަފުޅު ދެކޮޅު ޖެއްސޭނެ ގޮތެއް ނެތެވެ. ސަބަބަކީ މި ސަރުކާރުން ނަގާ ލޯނުތައް ދެން އަންނަ ސަރުކާރުތަކުން ދައްކަން ޖެހޭނެ އެވެ. އެއީ ދައުލަތްތަކުގެ ސަރުކާރުތައް ހިނގާ އުސޫލެވެ. އެކަން ރައީސް ނަޝީދަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.
އެކަމަކު އެ މަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެހެން ބޭފުޅުންގެ ކެތްތެރިކަން ކޮޅުން ލާފައިވާކަމުގެ މަލަމަތި އަމީރުގެ އިލްތިމާސްތަކާއެކު ވަނީ ފެންނަން ފަށާފަ އެވެ. ނަޝީދުގެ ވާހަކަތަކަށް ފަހު ކޯލިޝަން ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީގެ ސެކްރެޓޭރިއަޓުން ވަނީ ކަމާ ނުގުޅޭ ޓްވީޓެއް ކޮށްފައެވެ.
"ދަރަނީގެ ހިސާބުތައް އެ ޕާޓީގެ މިނިސްޓަރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ" ކަމަށް އެމްޑީޕީ ސެކްރެޓޭރިއަޓުން ބުނި ނަމަވެސް އެއީ ކޮން ސަބަބަކާހުރެ ނޫނީ ކޮން ކަމަކާ ގުޅުވައި އެމްޑީޕީގެ ސެކްރެޓޭރިއަޓުން ކުރި ޓްވީޓެއް ކަމެއް މުޅިން ސާފެއް ނުވެއެވެ.
ކޮންމެއަކަސް، އަމީރު ދެއްކެވީ ވަރަށް ފަންނީ ވާހަކަފުޅު ތަކެކެވެ. ދައުލަތަކުން ކޮންމެހެން ދައްކަންޖެހިފައި އޮތް ވާހަކަތަކެކެވެ. ނަމަވެސް، އެ ވާހަކަތައް ދެއްކެވީ އެންމެ މުނާސަބު ތަނުގައިތޯ އެއީ އުފެދޭ ސުވާލެކެވެ. ސަބަބަކީ އެ ހުރިހާ އިލްތިމާސެއް ގޮސް ގުޅެނީ ހަމަ އެންމެ ބޭފުޅަކާއެވެ. ދެން އޮތީ ސިއްރުން ވިޔަސް، ވައި އަޑުން ނަމަވެސް، ނަޝީދު އަރިހު އޭ ވާހަކަ ދެންނެވޭނެ ހިތްވަރު ހޯއްދެވުމެވެ. އަމީރަކަށް ކެރިވަޑައިގަންވާނެހެން ވަރަށް ހީނުވެ އެވެ.