ބުދަ ދުވަހު މެދުރުވާން ދިޔައިރު ހުޅަނގު، ހޭ ނަކަތުގެ ފުސް ވިލާގަނޑެއްގައި ވެހުނު ބޯ ކެރިގަނޑު، ހިމަފޮދު ވާރެއެކަށް ބަދަލުވެފައި ވެއެވެ. ގިނަ އިރެއް ނުވާނެ އެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ތާރީހީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާނެ އެވެ. އަޅުގަނޑު މިއީ އެ މަނިކުފާނުގެ ދަތުރަށް ދިވެހި ރާއްޖެއިން ޕޫލް ކޮށްފައިވާ ހަތް ނޫސްވެރިންގެ ތެރެއިން އެކެކެވެ؛ އެހެންވެ ހިމަފޮދު ވާރޭ ތެރޭ މާލެއިން ފުރައިގެން 10 މިނެޓު ހޭދަވި ކުރު ދަތުރަކަށް ފަހު ޝެރަޓަން ރިސޯޓަށް ލޯޗު މަޑު ކުރަނީ އެވެ. ކުރިން ނަގާ ވަށައި ބައްދާފައި އޮތް ފުސް ވިލާތައް އުޑުމަތީން ކަހާލައި ރިސޯޓަކުން ފެންނާނެ ހިތްގައިމު އުޑު މައްޗަކާއި ބިން މައްޗެއް ފެންނާން އޮތެވެ.
ހަތް ނޫސްވެރިން ރިސޯޓުގެ ބާ އޭރިއާގައި ކުޑަ ވަގުތުކޮޅަކު ބޭތިއްބުމަށް ފަހު، އިންވެ މޫދާ ކައިރިން އޮތް ސަރަހައްދަކަށް ދާން އަންގައިފި އެވެ. އޭރުވެސް ނޫސްވެރިންގެ ބައްދަލުވުމުގެ އިންތިޒާމުތައް މުޅީން ފައިނަލް ވެފައިވާހެނެއް ހީއެއް ނުވެއެވެ. ޒީނަތްތެރި ކުރާ މީހުނާއި މައިކާއި ކެމެރާތައް ޓެސްޓު ކުރާ މީހުން އެކަމުގައި އުޅެ އެވެ.
އަޅުގަނޑަށް ވެސް ހުރެވުނީ އިންތިޒާރެއްގަ އެވެ. ސަބަބަކީ މިއީ 2004 ވަނަ އަހަރު އެމެރިކާގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ކޮލިން ޕަވަލް ރާއްޖެ ވަޑައިގެނެވިތާ 16 އަހަރު ފަހުން އެމެރިކާގެ ޚާރިޖީ ވަޒީރަކު ރާއްޖެ ވަޑައިގަތް ފުރަމަ ފަހަރެވެ. އަދި ކޮލިން ޕަވަލްގެ ކުރިއަށް މީގެ 28 އަހަރު ކުރީން 1992 ގައި ޖޭމްސް ބޭކަރު ވެސް ވަޑައިގެންނެވި އެވެ. އެ ފަހުން މިއީ އެމެރިކާގަ ހާރިޖީ ވަޒީރަކާ ސުވާލުކޮށްލަން ދިވެހި މަދު ނޫސްވެރިންކޮޅަކަށް ލިބޭނެ ނާދިރު ފުރުސަތަކަށް ވާތީ އެވެ.
އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކުރީން މައިކް ޕްމްޕެއޯ ފެއްޓެވި ދަތުރުފުޅަކީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު ގަދަވިޔަ ނުދޭން އެމެރިކާގެ އިސްނެގުމާއެކު އުފައްދާފައިވާ "އިންޑޯ-ފެސިފިކް އެލަޔަންސް" ގެ ބައްދަލުވުމުގައި ބައިވެެރިވެ ވަޑައިގަތުމުގެ ދަތުރުފުޅެކެވެ.
އަޅުގަނޑުމެން ގެންގޮސްފި އެވެ؛ އެ ސަރަހައްދުގައި ނޫސްވެރިންނަށް ހާއްސަކޮށް ދުރުދުރުގައި ޖަހާފައި ހުރި ގޮނޑި ބަރިއެއް ހުއްޓެވެ. އެތާނގެ ކައިރީގައި ވަނީ ސެކްރެޓަރީ އޮފް ސްޓޭޓް ޕޮމްޕެއޯ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ޕްރެސް ދެއްވާ ސްޓޭޖެވެ. ދައުލަތުގެ ނިޝާންޖެހި ދެ ޕޯޑިއަމްގެ ކައިރީގައި ދެ ގައުމުގެ ދިދަ ބަހައްޓާފައި ވެއެވެ. މި ބައްދަލުވުމަށް ޕޫލްކުރި ނޫސްވެރިން އެއްތަންކޮށްފައި މިވަނީ ގާތްގަނޑަކަށް ތިން ގަޑިއިރު ކުރިން ކުރިޔަށެވެ.
ގަލަމާއެކު ރަބަރު ފަށަކުން ބަނދެލާފައިވާ އަޅުގަނޑުގެ ނޯޓް ފޮޮތާއެކު ވަގުތު ގުނާން އިނދެވުނު އިރު އެންމެ ގިނައިން ނޫނީ މުޅީންހެން އަޅުގަނޑުގެ ނަޒަރު ހުއްޓޭން ދަނީ އިސް ސްޓޭޖު ހުރި ސަރަހައްދުގެ ބެކްގްރައުންޑެވެ. އެއް ގައުމުގެ ދިދައާ ދިމާ ގޮތަށް ފަހަތުން ފެންނާން އޮތީ ކުޑަ ވެލިމުށެއްގެ އޮއްސައިލުމަކުން ދިވެހިން ބޮޑުކޮށް ފަސް އަރުވައި ވޮޑުވަމުން ގެންގޮސް މާ ރަށަކަށް ބަދަލު ކުރި ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސެވެ. ދުރުން މައްޗަށް އަރާ "ކުލަ ފަންސޫރު ފޮށި" ތަކެއްހެން ސިފަވެ ފެންނަން އެހެރީ އުސް އިމާރާތް ބަރި އެކެވެ. އެހެން ވެގެން ދުވަހުގެ ތާރީހާއި ހާދިސާ އަޅުގަނޑުގެ ނޯޓް ފޮތަށް ލުމާއެކު "މިއީ އިއްތިފާގެއް ބާވައެވެ! ތަސްވީރު ބަލާނީ ތަސްވީރު ބުނާހެނެވެ!" އެހެން ލިޔެލާފައި ނޯޓް ފޮތް ލައްޕާލީ އެވެ.
ފޫއްސެއް ވެގެން ތެދުވެލީމާ އެ ސަރަހައްދުގެ އަނެއް ކަނުގައި އެ ސްޓޭޖު ނުބެހެއްޓޭނެތޯ ނަފްސާ ސުވާލު ކޮށްލައިފީމެވެ؛ ރިސޯޓެއްގައި ޕްރެސް ބޭއްވުމުގެ މަގުސަދަކަށް ވާނީ ފޮޓޯއަށް ރީތި ކުރަން، ރާއްޖޭގެ ދޮން ވެލިގަނޑާއި، މަޑު ނޫކުލައިގެ ސާފު މޫދު ބެކްގްރައުންޑަށްލުން ކަމަށް އަމިއްލައަށް ނިންމައިގެންނެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހި ފެންނަ ގޮތަށް ސްޓޭޖު ރޭވީ، ކޮންމެވެސް ބޭފުޅެއްގެ އަތުން އެކަން ކައްސާލައިގެނެއް ނޫނެވެ.
ހަމަ ގާތްގަނޑަކަށް ތިން ގަޑިއިރެއްހާ އިރު މަޑުކޮށްގެން އިން އިރު، "މިއަދު ސުވާލު ކޮށްލާނަމޭ" ހިތުއަޅައިގެން ހުރި ސުވާލުތައް ސިކުނޑީގައި ފަރިތަކުރަމުން ދެވުނީ ވެސް އެ ބެކްގްރައުންޑް ހެދި ގޮތަކާމެދު ވެސް ވިސްނަމުންނެވެ. އެކަމަކު ފޫހި ވެގެން ވެސް ބަލައިލާން އޮތީ އެ ދިމާލެވެ. ސެކިއުރިޓީންނާއި ސަލާމަތީ ފިޔަވަޅުތަކުގެ ވަރުގަދަކަމުން ގޮނޑިން ހިރިލައި ތެދުވެލައި ހަދާލަކަށް ވެސް ނުކެރުނެވެ.
ޕޮމްޕެއޯ އާއި ޝާހިދު ޕްރެސްއަށް ވަޑައިގެންނެވި ލޯންޗުކޮޅުގެ ވަށިގެން އެކި ސައިޒުގެ އުޅަނދުތަކުގެ ބޮޑު ލަޝްކަރެއް ބޯ ހިރަފުސްގަނޑެއް ފަދައިން ލޮލު ކޮޅަށް ފެންނާން އޮތެވެ. އެ ލޯންޗު އައިސް ރިސޯޓަށް ލެފި ފަހުން ވެސް އަޅުގަނޑުމެނަށް އިރުގަނޑަކު މަޑުކުރާން ޖެހުނެވެ. އެއީ އެ ދެ ބޭފުޅުންގެ ރަސްމީ މަޝްވަރާތައް ނިމެންދެނެވެ.
އަޅުގަނޑުމެން އެހެން ތިއްބާ ކުއްލި ގޮތަކަށް އެންމެން ކޮޅު ކޮޅަށް ދުއްވައިގެން މަންޒަރެއް ފެނުނެވެ. ފަހަތުން އަންނަ ބޮޑު ފައުޖަކާއެކު ބާރަށް ހިންގަވާފައި ދެ ބޭފުޅުން ވަޑައިގަންނަވަނީ އެވެ. އެ ބޭފުޅަކަށް ހާއްސަކޮށްފައިވާ ޕޯޑިއަމްގެ ކައިރީގައި ހުއްޓިވަޑެންފި އެވެ.
ދުނިޔޭގެ ސުޕަ ޕަވަރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މީގެ ކުރިން ފެނިފައި ހުރީ ޓީވީންނާއި ނޫސްތަކުންނެވެ. އެގޮތަށް ފެންނަ ފެނުމަށް ބަލައި ޝަހުސިއްޔަތު ކިޔައި ދިނުމަކީ އެ މަނިކުފާނުގެ ހަގީގީ ޝަހުސިއްޔަތަށް އޮތް ބޭއިންސާފެކެވެ. މިހާރު އަޅުގަނޑުގެ ކުރިމަތީ ފެންނަން އެބަހުންނެވި އެވެ. ގާތުން ހަމަ ލޮލަށް ފެންނައިރު އެ ބޭފުޅާގެ ހައިބަތު ވަކިން ބޮޑުވެފައި ޝަހުސިއްޔަތު މާ ވަރުގަދައޭ އަޅުގަނޑަށް ހީވެ އެވެ. އެ މަނިކުފާނާއެކު ދިވެހި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނެވި އެވެ.
ޕޯޑިއަމްގެ ކައިރީން އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވީ ޝާހިދެވެ. ދެ ގައުމުގެ ގުޅުމާބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ސަނާ ވިދާޅުވީ ލަހުޖާގެ ބަލާޣާތްތެރި ކަމާއި ބަހުގެ ފުދޭ ކަމަށާއި ދުލުގެ ފަސޭ ކަމާއެކު އެވެ. އެމެރިކާ އިން ރާއްޖެއަށް އެކި ދާއިރާތަކުން ވެދެމުންދާ އެހީތައް ފާހަގަކޮށް ދެއްވަމުންނެވެ. އިންޑިއާ ކަނޑާއި، ސަރަހައްދީ ސަލާމަތާއި ރައްކާތެރި ކަމަށް އެމެރިކާއިން އަދާކުރާ މުހިއްމު ދައުރު ރީތި ރޮނގަކަށް ދަމާލައްްވަމުންނެވެ. އަދި އިރާދަ ކުރައްވައިގެން ކުރިއަށް އަންނަން އޮތް ތަނުގައި އެމެރިކާ އާއި ދިވެހި ރާއްޖޭގެ ހިނގާނެ ހުރިހާ މަގަކާއި އަޅާނެ ހުރިހާ ގޯޅިއެއްގެ މިސްރާބު ބުނެދޭ ތަސައްވުރެއް ޝާހިދު ދެއްވީ ސާދާކޮށެވެ. އެކަމަކު "ޑިޕްލޮމެޓިކް، އާއްމު ހާރިޖީ ބަސްމަގު" ގައި ކޮންމެ އަކުރަކާއި ލަފުޒެއް އެކަތި އަނެއްކައްޗާ ކެވެލި ޖެއްސެވީ ހިންމި ނޭނގޭ ވަރަށް ހިމުން ކުރައްވައިގެނެވެ.
ދިގެއް ނުކުރައްވަ އެވެ. ޝާހިދުގެ ވާހަކަފުޅު ނިމަވާލައްވައިފި އެވެ؛ ޕޮމްޕޭއޯ ވެސް ވާހަކަފުޅު ފެއްޓެވީ ދާދި އެއް މޭރުމަކުންނެވެ. ދެ ގައުމުން ދުރަށް އޮބާފައިވާ ތާރީހެއް އޮތް ގުޅުމަކާއި ހަމައިންނެވެ. ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ގުޅުން، އެހެން ހަރުފަތަކަށް އުފުލިފައިވާ ކަމަށް ވިދާޅުވަމުންނެވެ. އަދި ދިވެހިރާއްޖޭގެ ފަސްގަނޑުގައި އެ މަނިކުފާނު ދައްކަވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ވާހަކަފުޅުގެ ތެރެއަށް އޭގެ ފަހުން ވަދެވަޑައިގެންނެވި އެވެ.
ވަރަށް އޮމާންކޮށް ރީތީކޮށް މިސްރާބު ބަދަލު ކޮށްލައްވަ އެވެ. ސަރަހައްދީ ގޮތުން މިހާރު ފެންނަ "ގަދަހިފުމެއް" ގެ ތެރެއިން ދުނިޔޭގެ ތިން ބާރު ކުޅެމުންދާ ޖިއޯ - ޕޮލިޓިކްސް ގޭމް، ނިއުޅައިލައި ދެއްވުމުން ކުރިމަތީން އެ މަންޒަރު ސިފަވާން ފެށި އެވެ.
އިންޑޯ - ޕެސިފިކް ސަަރަހަައްދުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ މުހިއްމުކަން އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެ ދެއްވީ ފަތިފައްޗަށް އަމުނައިލެއްވި ތައުރީފުތައް އޮއްސަވަމުންނެވެ. އެކަން ސާބިތުކޮށް ދެއްވާން ދިވެހި ރާއްޖޭގައި އެމެރިކާ އެމްބަސީއެއް ހުޅުވަން ނިންމަވާފައިވާކަން ޝެރަޓަންގެ ގޮނޑުދޮށުން ދުނިޔެއަށް އިއުލާން ކުރެއްވި އެވެ. އަދި އެއާއެކު އެ ގުޅުން ވަރުން އަޅުއްވަން ވެސް ފެއްޓެވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމެރިކާއިން ގައުމުތަކާ ގުޅުމެއް ގާއިމު ކުރަނީ ރަހުމަތްތެރިކަމުގެ މައްޗަށެވެ. އެމެރިކާ "ތަފާތު" ވާނެ އެވެ. އެމެރިކާއަކީ ބައިވެރި އެކެވެ.
"އެމެރިކާ ތަފާތު. އަޅުގަނޑުމެން ގައުމުތަކުގެ ސިޔާދަތުތަށް [ގައުމެއްގެ މިނިވަންކަން] އިހުތިރާމް ކުރަން. އަޅުގަނޑުމެން ބާރު އަޅަނީ ދެފުށް ފެންނަ ގޮތަށް މަަސައްކަތް ކުރަން. އަޅުގަނޑުމެން ގުޅުން ބިނާ ކުރަނީ އެކުވެރިކަމާއި ބައިވެރިވުމުގެ މައްޗަށް،" ރާއްޖޭގެ ކުރިން އަވަށްޓެރި ސްރީލަންކާއަށް ކުރެއްވި ޒިޔާރަތުގައި ވެސް އިއްވެވި ވާހަކައިން ތަންކޮޅެއް ހަމަ އެ ރާގުގައި އިއްވަވައި ދެއްވި އެވެ.
ޕޮމްޕެއޯގެ ވާހަކަފުޅުުގައި ދިވެހި ރާއްޖެ އާއި ސަރަހައްދީ ގިނަ ގައުމުތަކުގެ އިގުތިސޯދީ މިނިވަންކަން ގެއްލުވައިލަން ކުރާ މަސައްކަތްތަކެއް ކުށްވެރި ކުރެއްވި އެވެ. އަދި "އެއީ މުޅި ދުނިޔެއަށް އަތްގަދަ ކުރަން ކުރާ މަސައްކަތެއް" ގެ ގޮތުގައި ސިފަކޮށްލައި ދެއްވި އެވެ. އެވަރަކުން ވެސް ފުއްދައެއް ނުލައްވަ އެވެ. ދިވެހި ރާއްޖޭގެ ހިތާ އެންމެ ކައިރި މައުލޫ ކަމަށްވާ ތިމާވެއްޓަށް ގެއްލުންދެނީ ވެސް "އެ ބަޔަކު" ކަމަށް ޖޯޝުގައި ވިދާޅުވެ އެވެ.
"އަޅުގަނޑުމެން ބައިވެރިވި" ޕްރެސް ގާތްގަނޑަކަށް ބައި ގަޑިއިރަށް ދިގުލި އެވެ. އެކަމަކު ޕްރެސް ނިމިގެން ދިއައީ ޕްރެސް ފެށި ހިސާބުން ވެސް އަޅުގަނޑަށް ހީކުރެވިފައިއޮތް ގޮތަށެވެ. އެއީ ދިވެހި ނޫސްވެރިންނަށް ދައުވަތެއް ދީފައި އޮތީ ފޮޓޯއެއް ފުރިހަމަކޮށްލުމުގެ ބޭނުމުގަ އެވެ. ސުވާލުތަކަށް ފުރުސަތެއް ނުދެ އެވެ. ރާވާފައިވާ "ރަމްޒީ ސުވާލެއް" ގެ ފުރުސަތު ދައުލަތުގެ މީޑިއާއަށް ދިނުން ފިޔަވަ އެވެ.
އެކަން އެ ނިމުނީ އެވެ؛ އޭގެ ދެ ބޭފުޅުން ރިސޯޓުން ފުރާވަޑައިގަތުމުން، މެންދުރެއްހާއިރު ރަށް ވަށައި ބައްދާލި ހޭ ނަކަތު ވިއްސާ ވިލާތައް އުކާލައި އުޑުމަތީ ސާފުވެލި ގޮތަށް ޕްރެސް ބޭއްވި ސަރަހައްދުން މީހުން އެއް ފަރާތްވެ މަދުވަމުން މަދުވަމުން ގޮސް އެކަށް ސާފުވެއްޖެ އެވެ. ޕޮމްޕެއޯގެ ދަތުރުފުޅުގައި، މާޔޫސްވާ އެންމެ ކަމަކީ އެ މަނިކުފާނަށް "ދުނިޔެ މަތީގައި ސުވަރުގެ" އަށް އިރުއޮއްސޭ މަންޒަރު ފެނުމުގެ ފުރުސަތު ލިބި ވަޑައި ނުގަންނަވާތީ ކަމަށް ސަމާސާ އަދަބުގައި ވާހަކަފުޅު ދެއްކެވުމަށް އެފަދަ ދެވަނައެއް ނެތް ޝާހިދު ވިދާޅުވި ވަގުތުކޮޅު އަރާ ހަމަކުރަނީ އެވެ. ވިރިގެން ފައިބާ އަލިފާން ބޯޅައެއްހެން ޝެރަޓަން މޯލްޑިވްސް ފުލްމޫނަށް އިރު ފޮހެނީ އެވެ.
ސެކިއުރިޓީ ވީއްލާފައި އޮތުމުން މިހާރު އަމިއްލަ ހާލައިގެން ހިނގާލަފައި އެބަ ދެވެ އެވެ. އަޅުގަނޑުވެސް ތެދުވެ ހިނގާލާފައި ގޮސް އެމެރިކާ އާއި ދިވެހި ރާއްޖޭގެ ދިދަ ބަހައްޓާފައި ހުރި ސްޓޭޖު ކައިރިއަށް ހުއްޓިލީމެވެ. އަދި އެ ހުރިހާ ވާހަކަފުޅެއް ޕޮމްޕެއޯ ވިދާޅުވާން ހުންނެވި ޕޯޑިއަމް އާ ދިމާ ދުރުން ފެންނާން ހުރި އުސް އިމާރާތް ބަރީގެ ފޮޓޯއެއް ނަގައި ޒޫމްކޮށްލައި ބަލައިލީމެވެ. ދެން ތާރީހަށްޓަކައި އަޅުގަނޑުގެ ނޯޓު ފޮތުގައި ލިޔުނީމެވެ: "އެމެރިކާގެ ރައީސަށް ހާރިޖީ ލަފާ އަރުވާ އެންމެ އިސް ފަރާތް އަދި ސީއައިއޭގެ ކުރީގެ ވެރިޔާ ޕޮމްޕެއޯގެ ރާއްޖެ ވަޑައިގަތުމުން ރާޖެއިން ޕޫލް ކުރި ނޫސްވެރިންގެ ތެރޭގައި އަޅުގަނޑު ހިމެނުނުކަން އެނގުނު ވަގުތުކޮޅު އެއީ ހާދަ ބޮޑު ޝަފަރަފެކޭ ހީވި ނަމަވެސް އެއީ ލިބުނު ޝަރެފެއް ނޫނެވެ. ސަބަބީ އެ ނޫސްވެރިން ޕޫލްކޮށްފައި ތިބީ ޕްރެސްގެ ޑެކަރޭޝަނަށް އެކަނި ކަމަށްވާތީ އެވެ. މިއަދު މިހައިރުން އޮކްޓޫބަރު 28، 2020 އަށް އިރު މި އޮއްސުނީ އެވެ. އޭގެ ކުރީން ރާއްޖޭގެ ހާރިޖީ ވައި އިރުމަތިން ނެއްޓި، މުޅީން އެހެން ދިމާއަކަށް ރަނގަޅަށް އެނބުރުނީ އެވެ. މިހާރު އެއް ކަމެއް އަޅުގަނޑަށް ޔަގީންވެއްޖެ އެވެ. ޕޮމްޕެއޯ ހުއްޓިވަޑައިގެން ހުންނެވި ދިމާ ބެކްގަރައުންޑަކީ އިއްތިފާގެއް ނޫނެވެ."
ދެން އަޅުގަނޑުގެ ނޯޓް ފޮތް ލައްޕާލައި ގަލަމާއެކު ރީނދޫ ކުލައި ރަބަރު ފަށުން ބަނދެލައި ފުރާން ދާން ހިނގައިގަތީ އެވެ.