ރިޕޯޓް

އެމެރިކާގެ އިންތިހާބުގެ ވިލާގަނޑު ރާއްޖެ މައްޗަށް!

ފަހުގެ ތާރީހެއްގައި ނުދެކޭފަދަ ބަލާއާފާތަކާއެކު މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކުރުމުގެ ކުރިން ވެސް އިންޑިއާގެ އިގުތިސޯދީ ތަސައްވަރު އޮތީ ވަރަށް ބަނަކޮށެވެ. ނަމަވެސް، ކޮވިޑް-19 އިގެ ބިޔަ، ކަޅު ވިލާގަނޑުން މައްޗާއި ވަށައިގެން ބައްދާލުމާއެކު، ދުނިޔޭގައި ކުރިއަރަމުން އަންނަ އިގުތިސޯދުތަކުގެ ތެރެއިން އެންމެ ބޮޑު އަސަރެއްކޮށްފައި ވަނީ އިންޑިއާއަށެވެ. އެއީ ދުނިޔޭގެ މާލީ އިދާރާތަކުގެ ބަހެވެ.

އިންޑިއާގެ ވިޔަފާރިތައް ބަނގުރޫޓުވެ، ރައްޔިތުން ބަނޑަށްޖެހިފައިވާ ހާލަތެއްގައި، އިންޑިއާގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އަންނަ އަހަރާ ހަމައަށް 10.3 ޕަސަންޓް ދަށަށް ވެއްޓިގެން ދާނެ ކަމަށް މާލީ އިދާރާތަކުން ބުނެ އެވެ. މިކަމުގެ ސީރިއަސްކަން ވަޒަން ކޮށްލާއިރު، އެއީ ބަންގްލަދޭޝްގެ ޖީޑީޕީއަށްވުރެ ވެސް ދަށް އަންދާޒާ އެކެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކުގެ ބަހުރުވައިންނަމަ، އިންޑިއާ މިހާރު ބަންގްލަދޭޝަށްވުރެ ފަގީރުވީ އެވެ. ނަމަވެސް، އިންޑިއާގެ އިގުތިސޯދުގެ އެފަދަ ނިކަމެތި ފައްތަރެއްގައި އޮތް ކަމެއް، ހަމަ ޔަގީނުން ވެސް އިންޑިއާގެ ހާރިޖީ ސިޔާސަތަކުން ނުފެނެ އެވެ. އިގުތިސޯދީ މުސްތަގުބަލު ވެސް ސުވާލު މާކެއްގެ ތެރޭގައި ވަނިކޮށް، އިންޑިއާގެ ސިޔާސަތު ކުއްލިއަކަށް އެހެން މިސްރާބަކަށް އެނބުރިގެން ދިއަ މަންޒަރު އެންމެ ކައިރިން ފެންނަމުން ދަނީ ރާއްޖެއަށް ވަމުންދާ "ދީލަތި" އެހީތަކުގެ ސައިޒާއި ނަމްބަރުންނެވެ.

އިގުތިސޯދު ވަޅުޖެހި، މިލިއަނުން މީހުން ނިކަމެތިވެ، މަގުމަތިވަމުންދާ ހާލަތެއްގައި އޮތް އިންޑިއާއިން ރާއްޖެއަށްދޭ އެހީ އޮތީ ހުރިހާ ގިޔަރެއްގެ ބޭނުން ހިފައި "މެކުހަށް ޖަހާ" ފަ އެވެ. އެހެން ހުރިހާ ގައުމުތަކުން އަންބޮޑި ބަނދެ ހިފަހައްޓައި ވާންކޮށްގެން އުޅޭ ދުވަސްވަރެއްގައި، އިންޑިއާއިން ރާއްޖެއަށް އެކި ނަންނަމުގައި "އެހީގެ ބާލިދީ" ތަކުން ފުރާ އޮއްސަނީ އެވެ. "އެއް ބާލީހުގައި ބޯ އަޅައިގެން" ނިދާހާ ގާތް ގުޅުމެއް މި ފަހުން ގާއިމުވެފައި އޮތް ނަމަވެސް، ބަލިމަޑުކަމެއްގެ ދަތިކަމުގެ ތެރެއިން، އިންޑިއާގެ ދީލަތިކަން އިންތިހާއަށް އިތުރު ކޮށްފައި ވުމަކީ، ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށްވުރެ، މާ ފުނަށް މޫލާފައިވާ، ސަރަހައްދީ "ގަދަހިފުމެއް" ގެ ކުޅި ބައިން، ކުޑަކުޑަ މަނާ ފުކެކޭ ބުނެވޭނެ ޖާގަ އެބައޮތެވެ.

"ވަން ބެލްޓް ވަން ރޯޑް" ގެ ނަމުގައި ވާދަވެރި ޗައިނާގެ ހިޔަނި މުޅި ދުނިޔެއަށްހެން ފަތުރާލިއިރު، އިންޑިއާ އޮތީ ރޭރުވެ މާފަހަތު ބެކްގްރައުންޑްގައި ލާޗާރު ބިޗާރަށްވެފަ އެވެ. ޒަމާނުއްސުރެ "ބޮޑުބޭބެ" ހެދިގެން އޮއްވާ، ރާއްޖެފަދަ ސަރަހައްދީ ގައުމުތަކާ އޮތް ހަގީގީ ގުޅުން އަތުން ވަނީ ބީވެފަ އެވެ. އަނެއްކޮޅުން ޗައިނާ އިން އިންޑިއާގެ "ބެކްޔާޑަ" ވަދެ ބިލިއަން ޑޮލަރު އަޅައިގެން ވަނީ މަގާމެއް ހޯދާފަ އެވެ.

ޗައިނާގެ ފައިސާގެ ދަޅައިގައިޖެހި ނެގި ބިޔަ ލޯނުތަކުގެ ބުރަ ބައެއް ގައުމުތަކަށް މިހާރު ވަނީ އުފުލާންޖެހިފަ އެވެ. ގިނަ ގައުމުތަކުގެ ސަރުކާރުތައް ބަދަލުވެ، ކުރެވުނު ކަންކަމުގެ ނުރައްކާތެރިކަން ކުއްލިއަކަށް "ރޭކާލީ" އެވެ. އެއާއެކު އިންޑިއާ އިން ސަރަހައްދުގައި ޗައިނާ އިން ހިއްޕާލާފައިވާ ވަކިތައް ނެއްޓުމުގެ މަސައްކަތް ވަނީ އަލުން ފަށާފަ އެވެ.

ޗައިނާގެ ހިޔަނި ދެކުނު އޭޝިއާ ސަރަހައްދަށް ފަތުރާލަން ލިބުނީ އިންޑިއާގެ ދޯހަޅި ކަމުންކަން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބީޖޭޕީ ސަރުކާރަށް އަމާޒުވެފައިވާ ފާޑުކިޔުންތަކުން އެނގެ އެވެ. އެކަމަކު ޗައިނާގެ ފައިސާގެ ދަޅައިގެ އަލި ފަނޑުކޮށްލުމަށް އިންޑިއާގެ ހާރިޖީ ސިޔާސަތު ނުފުދެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ރާއްޖޭގެ ވެރިކަމަށް އައި ފަހުން ދެ އަހަރު ހަމަވާން ދާއިރު، ކުރިން ހެދުނު ގޯސްތައް އިންޑިއާ އިން ތަކުރާރު ނުކުރާނެކަން މިހާރު ފެންނަ މަންޒަރުތަކުން ވަރަށް ސާފެވެ.

"އިންޑިއާއިން އެޅިހާ ބަތަކަށް ރިހަ" ވެގެން އޮތް ސަރުކާރު މާދަމާ ވެސް މޫނު އަނބުރާލުމުގެ ފުރުސަތު އޮންނަ އިރު، 2008 ވަނަ އަހަރު ކަން ކުރިހެން، ހަމައެކަނި ވައިޖެހޭ ކޮޅަށް ރިއާ ނަގައިގެން ނުތިބެވޭނެކަން ވެސް އެނގި ދަސްވެއްޖެ އެވެ. ޗައިނާގެ ބާރުކަނޑުވާ ލެވެން އޮތީ ދެން އަންނަން އޮތް ސަރުކާރުތައް ވެސް މުށު ތެރެއަށް ލެވިގެންކަން އިންޑިއާއަށް މިހާރު ގަބޫލުކުރެ ވެއެވެ.

ކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއާ އޮތް ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ސިފަކުރާ ހުޅުމާލެ ބުރިޖަށް ހިޔަނި އެޅޭ ފަދަ އެއަށްވުރެ ބޮޑު ބުރިޖެއް އިންޑިއާއިން އަޅައިދޭން ވަނީ މަސައްކަތް ފަށާފަ އެވެ. އަދި ދުލަށް އައިހާ މޮޅު ނަމެއްވިއްޔާ ކިޔައިގެން، އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގެ ދަރަނީގެ ތިލަފަތް އިންޑިއާ ކޮޅަށް ރަނގަޅަށް ވެސް ބަރުކޮށްލާފަ އެވެ.

އިންޑިއާގެ ދީލަތިކަން އެމެރިކާއާ ހަމައަށް މޫލާފައި

އިންޑިއާއިން މި އުޅެނީ "ހިތާވެން އުޅޭ" ސަރުކާރެއް އޮތް ދަނޑިވަޅުގެ ބޭނުން ހިފައި ކުރީ ސަރުކާރުން ޗައިނާއަށް ދީލާލާފައިވާ ނުފޫޒު އަނބުރާ ހޯދުމަށް ކަމަށް ބުނެ ފަރުޖައްސާލެވި ދާނެ އެވެ. ނޫނީ މިހާރުގެ އިދިކޮޅުން ތުހުމަތުކުރާހެން އެހީގެ ނިވަލުގައި ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ބޭތިއްބުމުގެ ހީލަތްތެރި ރޭވުމެއްގެ ގޮތުގައި ވެސް ސިފަ ކުރެވިދާނެ އެވެ.

ނަމަވެސް، ހާރިޖީ ދާއިރާގައި ގިނަ ދުވަހު ހިދުމަތްކުރެއްވި އަދި ކުރީގެ ސަފީރުކަން ވެސް ކުރެއްވި ބައެއް ބޭފުޅުން ވިދާޅުވާ ފަދައިން، އަސްކަރީ ބާރު ފެތުރުމަށްޓަކައި، މި ފަދަ ޒަމާނެއްގައި ގްރައުންޑުގައި ސިފައިން ބޭތިއްބުން ކޮންމެހެން ލާޒިމެއް ނުވެ އެވެ. ކިތަންމެ ދުރުގައި އޮތަސް، އިންޑިއާގެ އަސްކަރީ ބާރު ފޯރުވޭނެ ކަމަށް އެ ފަދަ ޑިޕްލޮމޭޓުން ގަބޫލު ކުރައްވަ އެވެ.

"މި ޒަމާނުގައި ކޮންމެހެން ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބުން މުހިއްމެއް ނޫން. އަސްކަރީ ބާރު ފޯރުވުމަށްވުރެ މާ ބޮޑު ގޭމެއް ކުޅެމުންދާ މަންޒަރު މިހާރު މި ފެންނަނީ،" އެފަދަ އެއް ބޭފުޅަކު ނަން ޝާއިއު ނުކުރެއްވުމަށް އެދި ވަޑައިގެން ވިދާޅުވި އެވެ.

ތަޖުރިބާކާރު އެ ޑިޕޮލޮމޭޓް އިޝާރާތް ކުރެއްވި "ގޭމް" އަންނަ ނޮވެމްބަރު މަހުގެ ތިން ވަނަ އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބާ ގުޅޭކަން، މި ގަދަހިފުމުގެ ތެރޭގައި އުޅޭ ބާރުތަކުން މިހާރު އަޅާ ފިޔަވަޅުތަކަށް ފުންކޮށް ނަޒަރެއް ހިންގާލައިފިނަމަ ސާފުވާނެ އެވެ.

އިނގިރޭސި ހަރުބަހުގައި "ދަ އެނެމީ އޮފް މައި އެނެމީ އިޒް މައި ފްރެންޑް" ގެ އުސޫލުން ރާއްޖޭގެ ފަސްގަނޑުން ފެށިގެން، ދެކުނު ޗައިނާ ކަނޑުގެ އަރައިރުމުގެ ތެރެއިން ލާފައި، ރަޝިއާ ހުރަސްކޮށް، އެމެރިކާ އާ ހިސާބަށް ވަނީ މި "ގޭމް" މޫލައިފަ އެވެ. އެހެން ގޮތަކަށް ބުނަނީނަމަ، އިންޑިއާގެ އިތުރުން އެމެރިކާއިން ވެސް މަސައްކަތް މި ކުރަނީ، ޗައިނާއާ ދެކޮޅަށް ކުޅި ބައި ރާވާ ހަމަ ކުރާށެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރާއެކު އިންޑިއާއިން ބަދަހި ގުޅުމެއް މި ފަހުން ގާއިމުކޮށްފައި އޮތް ނަމަވެސް، އަންނަ މަހު ޖޯ ބައިޑެންގެ ޑިމޮކްރެޓިކް ވެރިކަމަކަށް ފުރޮޅިގެން ހިނގައްޖެނަމަ، އަނެއްކާ ވެސް އާ ފެށުމަކުން ފަށަން ޖެހިދާނެ ކަމުގެ ބިރު އިންޑިއާއަށް ބޮޑެވެ. އެފަދަ ދުވަހަކަށް ތައްޔާރުވަމުންދާ މަންޒަރު ހަމައެކަނި ފެންނަނީ ރާއްޖެއަކުން ނޫނެވެ. ނޭޕާލާއި ބަންގްލަދޭޝް އަދި އަފްޣާނިސްތާނުން ކުޅިބައި އަތުރަމުންދަނީ ހިކުމަތްތެރި ރޭވުމެއްގެ ތެރެއިންނެވެ.

ގަލްވަން ވެލީގައި ޗައިނާ ސިފައިންނާއެކު މިފަހުން ހިނގި ކުރިމަތިލުންތަކަށް ފަހު، ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އަދިވެސް ފިލައިގެން ގޮސްފައި ނުވާއިރު، އަންނަ މަހު އޮންނަ ބްރިކްސް ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު އިންޑިއާގެ ބޮޑު ވަޒީރު މޯދީ ބައިވެރިވެޑައިގެންނެވުމަކީ ވެސް ޖިއޯ ޕޮލިޓިކްސްގެ ބޮޑު ގޭމެއްގެ އެއް އުކުޅެވެ. ލަދަކްގައި ހަނގުރާމައެއް ފެށިއްޖެނަމަ، ރަޝިއާގެ ހަތިޔާރަށް އިންޑިއާއިން ބަރޯސާވާން ޖެހޭއިރު، ދުނިޔޭގެ އަސްކަރީ ބޮޑު ބާރެއް ރުޅިއަރުވާލައި، ބްރިކްސް ސަމިޓުގެ މުގުލުގައި ހުންނެވި ރައީސް ލަޑީމިއާ ޕޫޓިނަށް ނޫނެކޭ ބުނުމަކީ ބުއްދުވެރި ކަމަކަށް ނުވާތީ އެވެ.

އެންމެންގެ ދުޝްމަނަކަށް ޗައިނާ

އެމެރިކާގެ ރިޔާސީ އިންތިހާބު އެހާ ގާތްވެފައި ވަނިކޮށް، އެ ގައުމުގެ ނުފޫޒުގަދަ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އޭޝިއާއަށް ކުރައްވާ ދަތުރުފުޅުން ވެސް އެކަމަށް ބާރު ލިބެ އެވެ. އެ ދަތުރުފުޅުގެ ތެރެއިން އެންމެ މުހިއްމު މަންޒިލަކީ އިންޑިއާ ކަމަށް ބުނުމުގެ ޖާ އެބައޮތެވެ. އިންޑިއާއާ އެއް މިންވަރަށް ޗައިނާއާ އެމެރިކާ ވެސް އޮތީ ޖެހިފިތި ބާރުވެފަ އެވެ. އެ ދަތުރުފުޅުގެ ތެރެއިން އިންޑިއާއާއެކު ކުރުމަށް ހަމަޖެހިފައިވާ ޑިފެންސް މަޝްވަރާތަކުގެ ތެރެއިން، އަސްކަރީ ގުޅުން ބަދަހިކުރުމުގެ މުހިއްމު އެއްބަސްވުމެއް ސޮއި ކުރާ އަޑުތައް ގަދަވެފައިވާއިރު، އެއީ ސީދާ ޗައިނާއަށް ދެވޭ އިންޒާރެއް ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ. އެ އެއްބަސްވުމުގެ ދަށުން އެމެރިކާގެ ސެޓެލައިޓުތަކަށް އެކްސެސް ލިބުމުން، އިންޑިއާގެ މިސައިލްތަކާއި ޑްރޯންތައް ޓާގެޓު ކުރަން އިތުރަށް ފަސޭހަ ވެގެން ދާނެ އެވެ.

އިންޑިއާ ކަނޑަށް ޗައިނާއިން ރަނގަޅަށް އަތްގަދަ ކޮށްފައި ވާއިރު، މައިކް ޕޮމްޕޭއޯގެ ދަތުރުފުޅުގައި، ޗައިނާއަށް އެންމެ ބޮޑަށް ދަރާފައިވާ ރާއްޖޭގެ އިތުރުން ސްރީލަންކާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވުމަކީ އިއްތިފާގެއް ނޫނެވެ. ލަންކާއަށް ވަޑައިގެން، ޗައިނާގެ ދަރަނިތަކުން ސަލާމަތްވެ، އިގުތިސޯދީ މިނިވަންކަން ހޯދަން ޕޮމްޕޭއޯ ލަފާއަރުވާނެ ކަމަށް ސްޓޭޓް ޑިޕާޓުމަންޓުން ވަނީ ބުނެފަ އެވެ. އޭނާގެ ދަތުރުފުޅު ނިންމަވާލައްވާ އިންޑޮނީޝިއާ އޮތީ ޗައިނާއާއެކު ދެކުނު ޗައިނާ ކަނޑުގެ އަރައިރުމެއްގެ ތެރޭގައި އެވެ. ދެން އެ ކޯޅުމުގައި ހިމެނޭ ޓައިވާނަށް 1.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާއިން އެދަނީ ތައްޔާރުވަމުންނެވެ.

ޕޮމްޕޭއޯގެ ދަތުރުފުޅު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ސިފަ ކުރަނީ އިންޑޯ ޕެސިފިކްގައި ހިމެނޭ ރަހުމަތްތެރި ގައުމުތަކާ ގުޅުން ބަދަހިކޮށް، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ފުރުސަތެއްގެ ގޮތުގައި އެވެ. އެކަމަކު މި މަހު އިންޑިއާ، އޮސްޓްރޭލިއާ، އަދި ޖަޕާނުގެ ފޮރިން މިނިސްޓަރުންނާ ޕޮމްޕޭއޯ ބައްދަލު ކޮށްފައި ވަނީ، ޗައިނާއާ ދެކޮޅަށް ސަރަހައްދުގައި ހިމެނޭ ގައުމުތައް އެއްކުރުމަށް ކަމަށް ބުނުމުގެ ޖާގަ ލިބެ އެވެ. އެ ގައުމުތައް ހިމަނައިގެން، ޗައިނާ އިން މީގެ ކުރިން ދެކޮޅު ހެދި "މަލާބާރު" ނޭވީ ތަމްރީނުތައް އިންޑިއާއިން ވަނީ އަންނަ މަހަށް ރާވައިފަ އެވެ. އެއީ ވެސް ސީދާ ޗައިނާއަށް އެހެން ގައުމުތަކުގެ އަސްކަރީ ބާރު ދައްކާލުމެކެވެ.

އިންޑިއާ އާއި ޗައިނާއާދެމެދު އޮތް ހިޔާލު ތަފާތުވުމެއް އެއް ފަރާތްކޮށް، އެކައްޗެއް ކިޔައި ގުޅިގެން މަސައްކަތް ކުރަނީ އެންމެ ބޭނުމެއްގަ އެވެ. މިދިއަ މަހު އެމެރިކާއާއެކު އަސްކަރީ އެއްބަސްވުމުގައި ރާއްޖެ ސޮއި ކުރަން އިންޑިއާގެ އިއުތިރާޒެއް ނެތުމަކީ ވެސް އިއްތިފާގެއް ނޫނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އޭރު ގޭމް ކުޅެމުންދިއަ ޗައިނާގެ ވަސްވާހުގައި އޮތީ ޖެހިފައި އެވެ. ނަމަވެސް މިހާރު އޮއިވަރު ބަދަލުވެ، އިންޑިއާ އާއި އެމެރިކާ އިސްވެ ކުޅެމުންދާ ޖިއޯޕޮލިޓިކްސް ގޭމުގައި ރާއްޖެ މި އޮތީ، އެނގިގެން ވިޔަސް ނޭނގިވިޔަސް ބައިވެރި ކޮށްފަ އެވެ. ކުރިން ވެސް ވީފަދައިން، މީގެން ރާއްޖެ އަދާކުރަންޖެހޭ އަގު ސާފުވާނީ، މި ގޭމް ކުޅެ ނިމޭ އިރު ރާއްޖެ މަތީގައި އޮންނެ ބޯ ހިރަސްފުސްގަނޑު އޮބި ޖައްވު ސާފުވީމަ އެވެ.