ނިމިދިޔަ ސަރުކާރުގެ ފަސް އަހަރު ތަރައްގީގެ މަޝްރޫއުތައް ހިންގީ ލޯނު ނަގައިގެނެވެ. އެ ވެރިކަމުގައި ހިންގި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭޭ) އާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގި "ހިޔާ ފްލެޓް" މަޝްރޫއު ފަދަ ބޮޑެތި މަސައްކަތްތަކަށް އެއް ގައުމަކުން ގިނަ އަދަދެއްގެ ލޯނުތަކެއް ނެގި އެވެ. ސަރުކާރުގެ ކުންފުނި ތަކުން ހިންގި މަސައްކަތް ތަކަށް ސަރުކާރުން ބޮޑު އަދަދުތަކުން ސޮވެރިން ގެރެންޓީ ދިނެވެ. ގިނަ މަޝްރޫއުތައް އޭރު ހިންގަމުން ދިޔައީ ދުނިޔޭގައި މާލީ އެހީތެރިކަން ދޭން އެންމެ "ދީލަތި" ޗައިނާގެ އަތުގައި ހިފައިގެނެވެ.
އޭގެ ނަތީޖާއަކަށްވީ އެ ވެރިކަމުގެ ފަސް އަހަރު ނިމުނުއިރު ރާއްޖޭގައި އޮތް ޗައިނާގެ ދަރަނި 1.4 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 21 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ވެގެން ދިއުމެވެ. ދަރަނި ޗައިނާގެ ބީޖިން އެޑްމިނިސްޓްރޭޝަނަށް ބަރޯސާވެފައި އޮތުމެވެ. އޭރު ރާއްޖޭގެ ދަަރަނީގެ ދެބައިކުޅަ އެއް ބަޔަކީ ޗައިނާގެ ދަރަންޏަށް ވެގެން ދިޔަ އެވެ.
އެކަން ވީ ޖިއޯ ޕޮލިޓިކްސްގެ ޑްރާމާ ކުޅެމުން ދިޔަ ދުނިޔެ އާއި ރާއްޖޭގެ އެތެރެއިން ވެސް ގިނަ ފާޑު ކިޔުން އަމާޒުވި ކަމަށެވެ. ދުނިޔެ އިން ގޮވަމުން ދިޔައީ ރާއްޖޭން ޗައިނާގެ ދަރަނީގެ މަޅިއަކަށް މެހުންދަނީ އެވެ. އަދި އޭރު ސިޔާސީ ގޮތުން ރާއްޖޭގެ އިދިކޮޅުގައި ތިއްބެވި އަދި މިހާރު ވެރިކަމުގައި ތިއްބެވި ފަރާތް ތަކުން ތަފާތު ހެކިތައް ދައްކައި އެއް ގައުމަކަށް ދަރަނީގެ ލަގަން ދޫކޮށްލުމުގެ ނުރައްކާ ހުއްޓާ ނ ނުލައި ކިޔައި ދިނެވެ. އެގޮތަށް އޮޕަރޭޓް ކުރުމަކީ ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށް ބުނެ އޭރުގެ އިދިކޮޅުން ވަރަށް ގިނަ ވާހަކަ ކިޔައި ދީ ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އެ ވެރިކަން ނިމި، އާ ވެރި ކަމަކަށް ވަޑައިގަތީ އެ ބޭފުޅުންނެވެ. އެ ސަރުކާރަށް މި މަހުގެ 17 ވަނަ ދުވަހު ދެ އަހަރުވާނެ އެވެ. އެކަމަކު މިހާރު ބަލާލާއިރު މިހާރު ވެސް ފެންނަނި ހަމަ އެ މަންޒަރެވެ. އޮޕަރޭޓް ކުރަނީ ހަމަ އެގޮތަށެވެ. މިހާރު ރާއްޖޭގެ ދަރަނީގެ ލަގަން އޮތީ އިންޑިއާއަށެވެ. ކޮންޓްރޯލް ކުރަނީ ނިއުދިއްލީންނެވެ.
ރާއްޖޭގެ ދަރަނީގެ ލަގަން މިހާރު ދޫކޮށްލާފައި ވަނީ އެކުވެެރި އިންޑިއާއަށެވެ. ކުރިން ހަމަ މި ވާހަކަ ޗައިނާއާ ގުޅުވާ ދެއްކެވި ބޭފުޅުންނަށް މިއީ މައްސަލައަކަށް ނުވެއެވެ. ސުވާލަކީ ހަމަ އެއީ މައްސަލައަކަށް ނުވޭ ހެއްޔެވެ؟ މިއިން ކުރިމަތިވެދާނެ ނުރައްކަލެއް މިހާރު އެބައޮތް ހެއްޔެވެ؟ ގައުމުގެ ދަރަނީގެ ލަގަން އެއް ގައުމަކަށް ދީފައި އޮތުން މިހާރު އެއީ ދަރަނީގެ މަޅިއެއްގައި ބެދުމަކަށް ނުވާނެ ހެއްޔެވެ؟
ހަގީގަތުގައި މައްސަލައަކީ އިންޑިއާއިން އަދި ޗައިނާ އިން ލޯނު ނެގުމެއް ނޫންނެވެ. މައްސަލައަކަށް ވަނީ އެއް ގައުމަކުން މާ ގިނަ އިން ނެގަމުން ދިއުމެވެ. ޗައިނާ އިން ނެގިޔަސް އަދި އިންޑިއާއިން ފައިސާ ހޯދިއަސް ދަރަނި ވާނީ ދަރަންޏަށެވެ. މައްސަލައަކީ އެއީ އެވެ. އެއް ގައުމަކުން މާގިނައިން ދަރަނި ނަގައި އެ ގައުމެއްގެ ކޮޅަށް ދަރަނި ބޮޑުވެފައި އޮތުމަކީ އެކަން ކުރާ ގައުމަށް އޮންނާނެ ނުރަކަލެކެވެ. މިއީ އިގްތިސޯދީ ގޮތުން މިނެކިރާ އަދި ދުނިއިން ގަބޫލު ކުރާ ހަމައެކެވެ.
ރާއްޖޭގެ ދަރަނީގެ ތިލަފަތް އިންޑިއާ ކޮޅަށް
ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު އޭރު ރާއްޖޭގެ ޖުމްލަ ދަރަންޏަކީ 20 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ލޯނުތައް ނެގުމާއެކު ފަސް އަހަރު ނިމުނުއިރު ދަރަނި 40 ބިލިއަން ރުފިޔާއަށް އިތުރުވި އެވެ. ޗައިނާ ދަރަނި 21 ބިލިއަން ރުފިޔާއަށް އެރި އެވެ. އަނެއްކޮޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިހާތަނަށް ރާއްޖޭގެ ޖުމްލަ ދަރަނި މިވަނީ 60 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ރައީސް ސޯލިހުގެ މި ވެރިކަމާ އެންމެ ރަހުމަތްތެރި އިންޑިޔާގެ ދަރަނި މިހާރު ހުރީ 25.44 ބިލިއަން ރުފިޔާގަ އެވެ. ކުރިއެކޭ އެއް ގޮތަށް މިހާރު ވެސް އެއް ގައުމެއްގެ މައްޗަށް ރާއްޖޭގެ ދަރަނި ދޫކޮށްލާފައިވާއިރު ވެރިކަމުގެ ދައުރުގެ ބާކީ ތިން އަހަރު ނިމޭއިރު މި އަދަދު މިއަށް ވުރެ މާ ބޮޑުތަނުން މަތިވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާ އިން ލޯނުތައް ނެގިއިރު، އެންމެ އިސް ދައުރެއް އަދާކުރެއްވި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި މިހާރު އިންޑިއާގެ ލޯނުގެ އަދަދު ދެ ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ބެލެވެ އެވެ.
"މިހާރު [އިންޑިއާ] ލޯނުތައް ނަގަމުންދާއިރު މީގެ އެގްރިމެންޓްތަައް ހުރި ގޮތް ތަކެއް ރައްޔިތުން މަޖިލީހަކަށް ވެސް ނޭނގެ. މިއީ ކަންބޮޑުވާ ކަމެއް،" ސައީދު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އޭނާ ވަޒީރުކަން ކުރެއްވި ވެރިކަމުގައި ޗައިނާއިން ގިނަ ލޯނުތައް ނެގިކަމަށް ބުނާއިރު ލޯނު ނަގާފައި ވާނީ ލޯނު ދެއްކުމުގެ ގާބިލްކަން ހުރި މަޝްރޫއުތަކަށެވެ
"ވެލާނާ އިންޓަނޭޝަނަލަށް ނެގި ލޯނުތަކުގެ 50 ޕަސެންޓް ހުންނާނީ ޗައިނާ އިން. އަނެއް ބައި ހުންނާނީ އަރަބި އެކުވެރި ގައުމު ތަކުން. އެހެންވީމަ އެއްވެސް ހަމަހަމަކޮށް އެ އޮތީ. އެއާޕޯޓް ހިންގަން ނިންމީ ވެސް ދިވެހިން އެމްއޭސީއެލުން. މިއީ ހިނގަ ހިންގާ އޮތް އެއާޕޯޓެއް. ދެން އޮތި ބުރިޖު ބުރިޖު އަޅަން 50 މިލިއަން ޑޮލަރު ދިނީ ހިލޭ. އަނެއްބައި ސޮފްޓް ލޯނު. މިއީ ވެސް އިކޮނޮމިކް އެކްޓިވިޓީ އޮތް ދެ ސިޓީއެއް. މި ތަނުގައި އެއާޕޯޓެއް ވެސް އެބައޮތް. މިއީ ތަފާތަކީ،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި އޮތް އިންޑިއާގެ ދަރަނި "ފާލުން ނައްޓާލާފައި" މިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދު ހީނަރުވެ ހުއްޓިފައިވާ ދައުލަތް ކުޑަކަކޫމައްޗަށް ތިރިވި ދަނޑިވަޅުގަ އެވެ. ވަގުތުގެ ބޭނުން ހިފައި އިންޑިއާއިން ދިން ބަޖެޓް ސަޕޯޓާއެކު ދަރަނީގެ ތިލަފަތް މިވަނީ އިންޑިއާ ކޮޅަށް ބުރަ ވެގެން ގޮސްފަ އެވެ.
ރާއްޖޭގެ އެކި މަޝްރޫއުތައް ހިންގަން އިންޑިއާ އިން 800 މިލިއަން ޑޮލަރުގެ އެލްއޯސީ ފެސިލިޓީއެއް ދީފައި ވެއެވެ. އަދި ބަޖެޓް ސަޕޯޓަށް ކޮވިޑް-19 އާ ގުޅިގެން 200 މިލިއަން ޑޮލަރު ދިންއިރު، މިދިޔަ އަހަރު 150 މިލިއަން ޑޮލަރު ދިނެވެ. އަދި ސްޓޭޓް ބޭންކު އޮފް އިންޑިއާ އިން ރާއްޖެއަށް 250 މިލިއަން ޑޮލަރު ޓްރެޝަރީ ބޮންޑެއް ވިއްކާފައިވާއިރު ކަރަންސީ ސްވޮޕުގެ ގޮތުގައި 400 މިލިއަން ޑޮލަރު ހަމަޖައްސައި ދިނެވެ. އެންމެ ފަހުން އެ ގައުމުގެ ދަރަންޏަށް އިތުރުވި އަދަދަކީ ތިލަމާލެ ބްރިޖުގެ މަޝްރޫއަށް އިންޑިއަން އެގްޒިމް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ލޯނެވެ.
ލޯނު ނަގައި، ދަރަނީގެ ތިލަފަތް އިންޑިއާ ކޮޅަށް ބުރަވެފައިވާއިރު، އިންޑިއާއިން ނަގަނީ ލޯނު ތަކެއް ނޫން ކަމަށް ދައްކަން ދިވެހި ސަރުކާރުގެ އެންމެ ޓޮޕް ބައެއް ވަޒީރުން މަސައްކަތް ކުރެ އެވެ. އަދި މި ލޯނުތަކާއި އެހީތައް ދޭން ބައްދަލުވުމުގައި އިންޑިއާ ލޯނުތަކުގެ ތަފުސީލު ދިނުމުގެ ބަދަލުގައި ވަޒީރުންގެ ކަމަކަށް ހަދާފައި އޮންނަނީ އިންޑިއާއަށް ތައުރީފު ކުރުމެވެ. ލޯނުގެ ތަފުސީލެއް ދިނަސް އާންމު ގޮތެއްގައި މިންވަރެއްގެ ތަފުސީލަކަށް ވަޑައިގަންނަވަނީ އިންޑިއާގެ ސަފީރެވެ. މިއީ ތަކުރާރުކޮށް މިހާރު ފެންނަ މަންޒަރެކެވެ. ކުރިން ދެއްކި ވާހަކަ އާއި މިހާރު ދެއްކި ވާހަކަ ދިމައެއް ނުވެ އެވެ. ކުރިން ދަރަނީ ކަންކަން ހިނގި ގޮތާއި މިހާރު އެކަން ހިނގާ ގޮތް ބަދަލެއް ވެސް ނުވެއެވެ. ބަދަލުވީ ހިތާވާ ގައުމެކެވެ. ކުރިން ޗައިނާ އެވެ. މިހާރު އިންޑިއާ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން އިންޑިއާ ލޯނުތައް ނަގަނީ ވަރަށް ކުޑަ އިންޓަރެސްޓެއްގަ އެވެ. ޗައިނާގެ ލޯނުތަކަށް ވުރެ އިންޑިއާގެ ލޯނުގެތަކުގެ އިންޓަރެސްޓް ކުޑަ އެވެ. އެއީ މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތެވެ.
އެއް ގައުމަކަށް ބުރަވެގެން ތިބެ އެ ގައުމަކުން ލޯނު ނަގާއިރު ލޯނުތަކުގެ އިންޓްރެސްޓް ކުޑަވުމާއި ބޮޑުވުން އެއީ މުޅި މައްސަލާގައި މާބޮޑު އޮއްޓަރެއް ހުރި ކަމަކަށް ނުވެއެވެ. ލުއި މިނުގެ ނަޒަރުން ބަލާއިރު ހަގީގަތުގައި ޗައިނާ އާއި އިންޑިއާ އިން ދޭ ލޯނުތަކުގައި ވެސް އެއްވެސް މައްސަލައެއް ނެތެވެ. ދެ ގައުމުގެ ލޯނުތައްވެސް ލުއިވެފައި ވަރަށް ފަސޭހަ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވާ ގޮތުގައި ދެ ގައުމުން ދޫކުރާ ލޯނު ތަކަކީ ވެސް ލުއި އަދި ލޯނު ދައްކަން ރަނގަޅު މުއްދަތު ލިބޭ ލޯނުތަކެެވެ. ތަފާތަކީ މަޝްރޫއުތައް ހިންގުމުގެ ތަފާތުކެވެ.
"މިދިއަ ސަރުކާރުތަކުގައި ގިނަ ޕްރޮޖެކްޓްސްތަކަކީ 100 ރުފިޔާއަށް ކުރެވޭ ކަމެއް ކޮށްފައި މި އޮންނަނީ 200 ރުފިޔާއަށް. މިއީ އަޅުގަނޑުމެން އަބަދު ވެސް މި ދައްކާ ވާހަކައަކީ. އެ 200 ރުފިޔާ ލިބިފައި މި އިންނަނީ ހަމަ ކޮންސެޝަނަލް ލޯނެއްގެ ގޮތުގައި. އިންޓްރެސްޓް ރޭޓު ވެސް ހަމަ ދޭދޭ ގައުމުތަކުން ދޭ ރަނގަޅު ރޭޓުގައި. އެކަމަކު ހަގީގަތުގައި އެކަން ކުރެވޭނެ 100 ރުފިޔާ އަށް،" މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ލޯނުތަކުގެ މައުލޫމާތު ދެއްވަމުން އަމީރު ވިދާޅުވެފައި ވެއެވެ.
ސަރުކާރުގައި މިހާތު ތިއްބެވި ވެރިން ކުރިން ދެއްކެވި ވާހަކަތަކާ ހިލާފަށް މިހާރުގެ ވާހަކައަކީ ކުރިން ލޯނު ނެގީ މަޝްރޫއުތަކުގެ އަގު ބޮޑުކޮށްގެނެވެ. މިހާރު މަޝްރޫއު ހިންގަނީ އަގު ހެޔޮކޮށް ދެފުށް ފެންނަ ގޮތަށް އަދި ފީޒިބަލްކޮށެވެ. އެކަމަކު ކުރީ ސަރުކާރުގެ މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި މާލެ ވިޔަފާރި ބަނދަރު ބަދަލު ކުރަން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 450 މިލިއަން ޑޮލަރު ދާނެ ކަމަށް ފީސިބިލީޓ ސްޓަޑީން ދެއްކި އެވެ. އެކަމަކު މިހާރު އެ މަޝްރޫއު 700 މިލިއަން ޑޮލަރުގެ މަޝްރޫއަކަށްވެފައި ވެއެވެ.
ހަގީގަތުގައި މައްސަލަ ޖެހިގެން މި އުޅެނީ ލޯނުތަކުގެ އިންޓްރެސްޓް ބޮޑުވުމާއި ލޯނު ދައްކަން ލިބޭ މުއްދަތުގެ ސަބަބުންނެއް ނޫނެވެ. މައްސަލައަކީ އެއް ގައުމަކުން މާ ގިނައިން ލޯނު ނަގައި ދަރާ ވިކުމެވެ. ސަރުކާރަށް ބަޖެޓް ސަޕޯޓުގެ ގޮތުގައި ފައިސާ ދޭން އިންޑިއާގެ އެސްބީއައި އިން ބޮންޑެއް ގަތް ނަމަވެސް އެވެސް ދަރަންޏަށް ނުވާނެ ކަމަށް ދައްކަން ސަރުކާރުން މަސައްކަތް ކުރާ ކުރުމެވެ. އިގްތިސޯދީ މާހިރުންގެ ނަޒަރުގައި އެފަދަ ކަންކަން ޖޯކަކަށް ވެފައި ވުމެވެ.
"ބޮންޑު ގަތީ އިންޑިއާގެ މައި ބޭންކުން. އެކަމަކު ސަރުކާރުން އެބަ ބުނޭ އެވެސް ނުވާނެއޭ ދަރަންޏަކަށް. އެ ދަރަންޏަށް ނުވާ ގޮތަށް އިންޑިއާ ސަރުކާރުން ހަމަޖައްސާ ދެވޭނެއޭ. މިއީ ހަމަ ޖޯކެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ،" ރާއްޖޭގެ މާލީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވި ބޭފުޅަކު ވިދާޅުވި އެވެ.
ޕޮލިޓިކްސް ބަދަލުވާ ވަގުތަކީ މަޅި ބާރުވާ ވަގުތު
ވިޔަފާރި އާއި އިގްތިސޯދީ މާހިރުންގެ ނަޒަރުގައި އެއް ގައުމަކުން ދަރަނި ނެގުމަކީ ދުޅަހެޔޮ އިގްތިސޯދެއް ހިންގަން ދަތިތަކާ ކުރިމަތިވާނެ ކަމެކެވެ. އޭގެ ސަބަބުން އިގްތިސޯދީ މިނިވަންކަން މަތީ ގައުމު ކުރިއަށް ގެންދަން ދައްޗާ ކުރިމަތިލާން ޖެހޭނެ އެވެ. ހާލަތާއި ވަގުތަށް އަންނަ ބަދަލުގެ ސަބަބުން ލޯނު ދައްކަން އެ ގައުމަކުން ބާރު އަޅަން ފަށައިފިނަމަ ކުރެވޭނެ އިތުރު ކަމެއް ނެތި ގޮތް ހުސްވުމުގެ ފުރުސަތު އޮންނާނެ އެވެ.
އިންޑިއާ އިން ދަރަނި ނަގަމުން ނަގަމުން ގޮސް "ދަތްދޮޅިއާ ހަމައަށް ފެން އަރާފައި" ވާއިރު، ވަށައިގެން ގިނަ ކަންތައްތަކެއް ދަނީ ހިންގަމުންނެވެ. "އިންޑިއާ އައުޓް" ކެމްޕޭން ސްކޭން ކޮށްލުމުން މި މަންޒަރު ފެންނާނެ އެވެ. މި ވަގުތަކީ އިންޑިއާގެ އިގްތިސޯދު ވެސް ހީނަރު ވަގުތެކެވެ. ދުނިޔޭގެ މާލީ އިދާރާ ތަކުން ފައިސާ ނުލިބޭ ވަގުތެކެވެ. މި ވަގުތު ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމާއި ކުއްލި އަކަށް ބޮޑެތި ފައިސާގެ އަދަދު ތަކުން ހިލޭ އެހީ އާއި ލޯނުތައް އިންޑިއާއިން ދިނުމަކީ ސުވާލު އުފެދޭނެ ކަންކަމެވެ.
އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި އިންޑިއާއިން ދިން ބަޖެޓު ސަޕޯޓް 400 މިލިއަން ޑޮލަރަށް އަރާއިރު، އެ ދައްކަން ބުނާ ހިސާބުން މައްސަލަ ކުރިމަތިވާނެ އެވެ.
"އަޅުގަނޑު ވަރަށް ކަންބޮޑުވާކަމެއް މިއީ. ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި ވެސް އެސްބީއައި އިން 100 މިލިއަން ޑޮލަރުގެ ބޮންޑެއް ނަގެ ބަޖެޓު ސަޕޯޓު ދިން. އެކަމަކު ވެރިކަން ބަދަލުވެ ޕޮލިޓިކަލް މޫޑް ބަދަލުވުމާއެކު ބޮންޑުގެ މުއްދަތު އިތުރުކޮށް ނުދޭން އިންޑިއާއިން ނިންމި. އެހެންވީމަ ރާއްޖެ އަށް ޖެހުނީ ފައިސާ ދައްކަން. މިއީ ތާރީހުން ވަރަށް ގާތުން ފެންނަން އޮތް ހަގީގަތެއް،" ނަން ނުޖެހުމަށް އެދި އޭނާ ވިދާޅުވި އެވެ.
ދެ ގައުމުގެ ޕޮލިޓިކްސް ބަދަލުވާނެ ގޮތެއް ވެސް އަދި ވަގުތެއް ވެސް އެއްވެސް މީހަކަށް ނޭނގެ އެވެ. މި ފަސް އަހަރު ނިމި އަންނަ ފަސް އަހަރު އިންޑިއާ ހިތާ ނުވާ ބަޔަކު ވެރިކަމުގައި ތިބޭ ހާލަތެއް އަތުވެއްޖެނަމަ އަދު ލޯނުތައް ދައްކަން މަޖުބޫރު ކުރުވަން ފަށައިފިނަމަ އެއީ ހަގީގީ ދަރަނީގެ މަޅީގައި ބެދުނީ އެވެ.
"ދެން ބުނާނީ މި ތަނުގައި ތިބި ސިފައިން މިވެނި މުއްދަތެއްގައި ބައިތިއްބަން މުއްދަތު އިތުރުކޮށްދޭށޭ؟ މިއީ ނޫންތޯ ދެން އަގު ދެވޭނެ ގޮތަކީ؟ ދައުލަތަށް އެއް ފަހަރާ 400 މިލިއަން ޑޮލަރު ދައްކާލެވޭނެ ތޯ؟" ކުރިން ވާހަކަ ދެއްކި މާހިރު ވިދާޅުވި އެވެ
ދަރަނީގެ މަޅިއެއްގައި ބެދުމޭ ބުނާ ހިސާބަކީ މި އެވެ. ޗައިނާ އާއި އިންޑިއާގެ ދަރަނީގެ "ސްޓްރެޓެޖީ" ތަފާތެވެ. އިންޑިއާގެ ތަފާތަކީ ފިޒިކަލި މިލިޓަރީ މިކަމަށް އިންޓަވިން ކުރުމެވެ. މީގެ މިސާލަކީ މިހާރު ވެސް 200 އަށް ވުރެ ގިނަ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުމެވެ.
މިއީ ރައްޔިތުން މަޖިލީހުން ވިސްނަން ޖެހޭ ކަމެކެވެ. މިގޮތަށް ދައުލަތުގެ ލޯނު ތިލަފަތް އެއް ގައުމަކަށް ނުލިބޭނެ ގޮތަކަށް ރާއްޖެއިން ގާނޫނީ ބާރުވެރިކަން ހޯދަން ޖެހެ އެވެ. ކޮންމެ ފަސް އަހަރަކުން ވެރިކަމަށް އަންނަ ބަޔަކު އެ ބަޔަކު ހިތާވާ ބަޔަކާއެކު ހިތަށް އަރާ އަދަދަށް ދަރަނި ނަގައި ގައުމު ދަރުވާލާފައި "ރައްކާވާ" ގޮތަށް އޮންނަ އުސޫލު ނައްތާލައި ރައްޔިތުން ސަލާމަތް ކޮށްދޭން ޖެހެ އެވެ. ދަރަނީގެ ލަގަން އެއް ގައުމަކަށް ދޫކޮށްލުމަކީ ދަރަނީގެ މަޅިއެއްގައި ބެދުން ނޫން ދެން ކޮން އެއްޗެއް ހެއްޔެވެ؟