ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދައުލަތުގެ ބަޖެޓް

އާ ބަޖެޓް: ހަމަ މަގަށްދާން ފުރަތަމަ ފިޔަވަޅު

ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު ހީނަރުވި ހިސާބުން މިއަދާ ހަމައަށް، އިގްތިސޯދު ހިންގަން ސަރުކާރުން ބޮޑު އެހީތެރިކަމެއް ދީފި އެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ޖުލައި މަހު ހުޅުވި ނަމަވެސް އެހީތެރިކަމެއް އިތުރަށް ބޭނުންވެ އެވެ. މިފަދަ ދަތި ހާލެއްގައި ރާއްޖެ ވަނިކޮށް އިގްތިސޯދަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ މަގުސަދުގައި ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކޮށް އާ ބަޖެޓު ހުށަހަޅާފަ އެވެ. މި ބަޖެޓުގެ އަމާޒަކީ ކޮވިޑް-19 ގެ ސަބަބުން އިގްތިސޯށް ވެފައިވާ ތަދަށް ލުއި ކަމެއް ގެނެސް ގެނެސްދީ ރާއްޖެ، ހަމަ މަގަށް ގެންދަން ފުރަތަމަ ފިޔަވަޅު އެޅުމެވެ. ރާއްޖޭގެ އިގްތިސޯދު ހުއްޓުނަ ނުދީ ހިންގުމެވެ.

"ބަޖެޓުން އިގްތިސޯދު ވެއްޓިފައިވާ ވަޅުގަނޑުން އަރައި ގަތުމަށްޓަކައި އެހީތެރިކަން ދޭނެ. އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓް ތަކަށް ހަރަދު ކުރީމަ، ވަޒީފާތައް އުފެދޭނެ. މި ބަޖެޓު ފަރުމާ ކުރުމުގައި އިގްތިސޯދީ ގޮތުން އެކްޓިވިޓީތަކެއް ހިންގުމަށް އިސްކަން ދީފައި ވާނެ. މި ހާލަތުން އަރައި ގަންނަން ވަރަށް އުންމީދީ ބަޖެޓެއް މިއީ. އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ،" އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓުގެ ޖުމްލައަކީ 34.7 ބިލިއަން ރުފިޔާ އެވެ. މި ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާ އެވެ. އާ ބަޖެޓެއް ހުށަހެޅިއިރު ކޮވިޑް ބަލީގެ ސަބަބުން ދައުލަތުގެ އާމްދަނީގެ ބޮޑުބައި ވަނީ އުނިވެފަ އެވެ.

އެހެންވެ މި އިން ފޫބައްދަން ސަރުކާރަށް ލޯނު ނެގުމާއި މިނޫން ވެސް ގޮތަކުން ފައިސާ ހޯދަން އިސްކަން ދީފައިވެ އެވެ. މީގެ ސަބަބުން ދަރަނި މަތިވެގެން ދާނެ އެވެ. އަންނަ އަހަރު ބަޖެޓުން 15.5 ބިލިއަން ރުފިޔާ ޑެފިސިޓް ވާނެ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ނިސްބަތުން 23 ޕަސެންޓުގެ ޑެފިސިޓެކެވެ. އަދި ރާއްޖޭގެ ޖުމްލަ ދަރަނި އަންނަ އަހަރު 82.8 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް ރާއްޖޭގެ އިގްތިސޯދުގައި ދަރަނި ދެއްކުގެ ފުރިހަމަ ބާރު ހުރިކަމުގެ ޔަގީންކަން ސަރުކާރުން ދެ އެވެ.

"ދަރަންޏާއި ދަރަނި އަދާކުރުމުގެ ގާބިލު ކަމާމެދު އެކި ފަރާތްތަކަށް ސުވާލު އުފެދޭނެ. އެ ފަދަ ކަންބޮޑުވުން ތަކަށް އަޅުގަނޑުމެން އެޑްރެސް ކުރާނީ ހާލަތު އިތުރަށް ގޯސް ނުވާނެހެން ވިސްނުންތެރި ކަމާއެކުގައިކަން ޔަގީންކޮށް އަރުވަން،" ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަރަނި މެނޭޖްކޮށް ބެލެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށް އޮތް ގިނަ އަހަރުތަކުގައި ކުރަން ޖެހޭނެ އެވެ.

"ސަރުކާރުން ދަނީ ތަޖުރިބާކާރުންގެ ލަޔާއި އިރުޝާދު ބޭނުން ކުރަމުން. މި [ދަރަނި މެނޭޖު ކުރުމުގައި] ކަމުގައި މި އިއްޒަތްތެރި މަޖިލީހުގެ ލަފާ ވެސް ބޭނުން ކުރަމުން ގެންދާނަން. ދަރަނީގެ ނިސްބަތް ދެމެހެއްޓެނިވި މަގަށް ގެނައުމަކީ ކުރަންޖެހޭ ކަމެއް. ދެމިހެއްޓެނިވި މަގަށް ގެނައުމަށް ފިސްކަލް ކޮންސޮލިޑޭޝަން ނުވަތަ ކަމަރު ބާރުކުރުމަކީ މިވަގުތު ބުއްދިވެރިކަމެއް ނޫން. ކަމަރު ބާރުކުރަން ވާނީ ރިކަވަރީއަށް ފަހު."

"ދެހާސް އެކާވީސް ވަނަ އަހަރު ވަނަ އަހަރު ބަޖެޓުގެ އަމާޒަކީ މިއީ. ސަރުކާރުގެ އަމާޒަކީ ނޮމިނަލް ޖީޑީޕީ ކުރިއަރާ މިންވަރު ދަރަނި މައްޗަށް ދާ މިންވަރަށްވުރެ މަތީގައި ބެހެއްޓުން."

އިގްތިސޯދު އަނަރޫފަވާން ދުލެއް ނުކުރާނެ

އިގްތިސޯދު ހީނަރުވެ، މަރުވިޔަ ނުދިނުމަށް ހަރަދު ތަކެއް ކުރަން މަޖުބޫރުވެ އެވެ. އަންނަ އަހަރުގެ ބަޖެޓުން 33,2 ބިލިއަން ރުފިޔާ ހަރަދު ވާނެ އެވެ. މި ހަރަދުގެ ތެރޭގައި ކޮވިޑް-19 ގެ ވެކްސިން ދިވެހިންނާ ހަމައަށް ގެނެސް ދިނުމާއި ގެދޮރުގެ އިމާރާތް ކުރުން ވެސް ހިމެނެ އެވެ. އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދީފައިވަނީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތައް މެދުވެރިކޮށް އިކޮނޮމީގެ ތެރެއަށް ފައިސާ ޕަންޕު ކުރުމެވެ.

އަންނަ އަހަރު ޕީއެސްއައިޕީ އަށް 8.3 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. ޕީއެސްއައިޕީ ބަޖެޓުން 2.9 ބިލިއަން ރުފިޔާ ހޭދަ ކުރާނީ ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް ޖަމާވެފައިވާ މާލެ ސަރަހައްދަށެވެ. ބަޖެޓުން 1.7 ބިލިއަން ރުފިޔާ އަތޮޅުތަކަށް ވަނީ ހާއްސަކޮށްފަ. އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ފާހަގަ ވަނީ ފެނާ ނަރުދަމާގެ ގިނަ މަޝްރޫއު ތަކެއް ހިންގަން ނިންމާފައިވުމެވެ. އަންނަ އަހަރު 168 ރަށެއްގެ ފެނާއި ނަރުދަމާ ގާއިމް ކުރަން 1.2 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށާނެ އެވެ.

ބޮޑު އިސްކަން އަތޮޅުތަކަށް

ބަޖެޓުގައި އަތޮޅުތަކަށް ހާއްސަ އިސްކަމެއް ދީފައިވެ އެވެ. ހަތަރު ރަށެއްގައި ސްޓޭޓް އޮފް ދި އާޓް ޓިވެޓް ސެންޓަރު ގާއިމް ކުރުމާއި، ލ. އަތޮޅުގައި ޓުއަރިޒަމް ޓްރެއިނިން ފެސިލިޓީ ގާއިމް ކުރާނެ އެވެ. ޓިވެޓް ސެންޓަރުތައް ގާއިމް ކުރުމަށް ވަނީ 11 މިލިއަން ރުފިޔާ އަދި، ލ. އަތޮޅު ފެސިލިޓީ އަށް 14 މިލިއަން ވަނީ ހަމަޖައްސާފަ އެވެ. މީގެ އިތުރުން، އަތޮޅުތެރޭގައި ތައުލީމީ ދާއިރާގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް 249 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ސިއްހީ ދާއިރާގެ އިންވެސްޓްމަންޓުގެ ދަށުން، ފަސް ރަށެއްގައި ޓާޝިއަރީ ހޮސްޕިޓަލް ގާއިމް ކުރުމަށް 191 މިލިއަން ރުފިޔާ އާއި ގަމުގައި ކެންސަރު ހޮސްޕިޓަލް ގާއިމް ކުރަން 98 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މީގެ އިތުރުން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރޮޖެކްޓަށް 34 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވީ އިގްތިސޯދީ ކުރިއެރުމަށް ކުރާ ހަރަދުގެ ތެރެއިން، އުތުރުގެ ސަރަހައްދުގައި ހައި ސްޕީޑް ފެރީގެ ނިޒާމަށް 53 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

އާމްދަނީ ހޯދަން އާ ކަންތައްތަކެއް

އަންނަ އަހަރުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރު ކުރުމަށް ހުށަހަޅާ އާ ކަންކަމުން އިތުރަށް 1.21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައި ވެއެވެ.

  • ޓެލްކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއެންސީ ސްޕެކްޓަމް ޗާޖުން 300 މިލިއަން ރުފިޔާ
  • ޓޫރިޒަމަށް ބިން ދޫކޮށްގެން: 154 މިލިއަން ރުފިޔާ
  • މާލެ ސަރަހައްދުން ކޮންޖެކްޝަން ޗާޖެއް / ޕާކިން ފީއިން: 37 މިލިއަން ރުފިޔާ
  • ދިވެހިންނަށް ބިން ވިއްކައިގެން: 300 މިލިއަން ރުފިޔާ
  • ރިއަލް އެސްޓޭޓް ޓޫރިޒަމުން: 154 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ރޭޓްތައް ބަދަލުކޮށްގެން: 273 މިލިއަން ރުފިޔާ

އާމްދަނީ ހޯދަން ހިމަނާފައި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ފޯނުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އިތުރު މޮބައިލް އޮޕަރޭޓަކަށް ލައިސަންސް ދިނުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ދަރަނީގެ މައްޗަށް ދަރަނި އަރަައި ގެއްލުންވަމުންދާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ހިންގާނެ ގޮތެއް ހެދުމުގެ ގޮތުން ޕްރައިވެޓައިސް ކުރުން ވެސް ހިމެނެ އެވެ.

އިގްތިސޯދު ފުޅާ ކުރުމުގެ ވިސްނުން

އަންނަ އަހަރުގެ ބަޖެޓުގައި އިގްތިސޯދު ފުޅާކޮށް ސިނާއަތްތައް ކުރިއެރުވުމަށް ހަތް ބިލިއަން ރުފިޔާ ހިމަނާފައި ވުމަކީ ސަރުކާރުން ގެންގުޅޭ އިގްތިސޯދީ ތަސައްވަރުގެ އެނގޭ ކަމެކެވެ. މި ބަޖެޓުގައި އިގްތިސޯދު ޑައިވާސިފައި ކުރުމުގެ ވިސްނުން ގެންގުޅެފައިވެ އެވެ. ބަޖެޓުގައި ޓޫރިޒަމް މާކެޓިން އަށް 154 މިލިއަން ރުފިޔާގެ ބަޖެޓެއް މި އަހަރު ވެސް ދީފައިވެ އެވެ. މުޅި އިގްތިސޯދު ގުޅިފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަސައްކަތް ހަލުވި ކުރުމަށްޓަކައި މި މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 1.1 ބިލިއަން ރުފިޔާ ހިމަނައިފައިވެ އެވެ. އަދި ސަރުކާރުގެ ސަރަހައްދީ ތަރައްގީގެ ތަސައްވުރުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ފެންވަރު ރަނގަޅު ކުރުމުގެ މަޝްރޫއުތައް ފެށުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވެ އެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަކޮށް، ރާއްޖޭގައި އިންޓަނޭޝަނަލް ޕޯޓެއް ހެދުމުގެ މަސައްކަތް ވެސް އަންނަ ވެސް އަހަރު ކުރިއަށް ދާނެ އެވެ. ވިޔަފާރި ބަނދަރުގެ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު މި މަޝްރޫއަށް 476 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.

އިގްތިސާދު ކުރިއެރުވުމަށް ޕަބްލިކް ސެކްޓާގެ އިތުރުން ޕްރައިވެޓް ސެކްޓާ އަށް އެހީވުމުގެ ގޮތުން އެސްއެމްއީ ބޭންކް، އެސްޑިއެފްސީ އިން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ލޯނު ދޫކުރާއިރު އެސްޑީއެފްސީ އަށް ސީޑް ކެޕިޓަލްގެ ގޮތުގައި 400 މިލިއަން ރުފިޔާ ދޭން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން އެސްއެމްއީ ގާނޫނުގައިވާ ގޮތުގެ މަތިން އިތުރު 50 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެ އެވެ.

ދިވެހިންގެ ގިނަ ބަޔަކު މަސައްކަތް ކުރާ، މަސްވެރިކަމުގައި ވެލިއު އެޑިޝަންއަށް ކުރަން ޖެހޭ އިންވެސްޓްމަންޓްތައް ކުރުމުގެ ވިސްނުން މި ބަޖެޓުގައި އެބަހުއްޓެވެ. އެގޮތުން މިފްކޯގެ ކޫއްޑޫ އަދި ކަނޑުއޮތްގިރީގައި ހިދުމަތް ފުޅާކޮށް ވަސީލަތްތައް ތަރައްގީކުރުމާއި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެލިއު އެޑްކުރުމަށް އައްޑޫ ސިޓީގެ ހަތަރު ރަށެއްގައި ގޭދޮށު މަސްފެކްޓްރީ އަޅާނެ އެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަން އަށް ބޭނުންވާ ވަސީލަތްތަކާއި ސްޓޯރޭޖާއި މަސްފިނި ކުރުމުގެ ނިޒާމްތައް ގާއިމްކުރަން ރާވާފައިވެ އެވެ.

ދަނޑުވެރިކަމުގެ ސިނާއަތެއްގެ ގޮތުގައި ފުޅާ ކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ، އެގްރޯ ނެޝަނަލް ކޯޕަރޭޝަނަށް އަންނަ އަހަރުގެ ބަޖެޓުން ކެޕިޓަލް ކޮންޓްރިބިއުޝަން ގޮތުގައި 84 މިލިއަން ރުފިޔާ ދޫކުރަން ވަނީ ނިންމާފަ އެވެ. މީގެ ބޭނުމަކީ "ކޮންޓްރެކްޓް ފާމިން" ފަދަ އާ ކަންކަން ތައާރަފު ކުރުމެވެ.

އަންނަ އަހަރުގެ ބަޖެޓު ސަރުކާރުން ރައްޔިތުނަށް ދައްކާފައިވާއިރު، ދެން އޮތީ ބަޖެޓު ތަންފީޒު ކުރުމެވެ، ބަޖެޓު ފާސްވެގެންދާއިރު މެންބަރުންގެ ބޭނުންތައް އިތުރަށް ހިމަނާނެ އެވެ. ނަމަވެސް މިހާރު މި ބަޖެޓު އޮތް ގޮތުންވެސް ރައްޔިތުންނަށް ފައިދާ ލިބޭނެ ގިނަ ބައިތަކެއް ހިމެނެ އެވެ. ބަޖެޓުގެ މައިގަނޑު އަމާޒަކީ ކޮވިޑް-19 އަށްފަހު އިގްތިސޯދު ރަނގަޅުވެ، ހަމަ މަގަށްދާން ފުރަތަމަ ފިޔަވަޅު އެޅުމެވެ.