ފިނޭންސް މިނިސްޓްރީ

ފައިސާ ޗާޕު ކުރުމުގެ ޑްރާމާ، ގުޅިގެން ކުރިކަމެއް

ކޮވިޑް-19 އިގެ ސަބަބުން ދުނިޔެކޭ އެއްގޮތަށް ރާއްޖޭގެ އިކޮނޮމީ ވެސް "ކޮލެޕްސް" ވި އެވެ. ހަރަދު ބޮޑު ދައުލަތުގެ ހިންގުމަށް ބޭނުންވާ ފައިސާ ނުލިބި ހާލުގަ ޖެހުނެވެ. ދައުލަތަށް ލިބޭ އާމްދަނީ 50 ޕަސެންޓް ގެއްލިގެން ދިޔަ އެވެ. ފުލުފުލުގައި އަދި ކޮވިޑުގެ ވޭރިއަންޓްތަކާއެކު ވިހިވިހީގައި ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ހޯދަން ދަތިވެ ގާތްގަނޑަކަށް ހާލުގަ ޖެހުނެވެ. އެހެންވެ ލޯނު ނަގަން ޖެހުނެވެ. ހިލޭ އެހީ އަށް ހޯދަން ސަލާން ޖަހަން މަޖުބޫރުވި އެވެ. މިކަމުގެ ތެރޭގައި ޕަބްލިކް ބޭންކު އެކައުންޓް (ޕީބީއޭ) އިން 4.4 ބިލިއަން ރުފިޔާ އޯވަޑްރޯ ނުވަތަ ޗާޕު ކުރަން އެންމެ ފަހުން ސަރުކާރުން ނިންމި އެވެ.

މިކަން ކުރަން ނިންމީ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާއެއް ސަސްޕެންޑު ކުރުމަށްފަހު އެވެ. ފުރަތަމަ ފަސް ކޮށްދިނުން ތިން ވަނަ ފަހަރަށް މިވަނީ މުއްދަތު އިތުރު ކޮށްދީފަ އެވެ. އެންމެ ފަހުން މި ތިން މާއްދާތައް ސަސްޕެންޑް ކޮށްދޭން ފިނޭންސް މިނިސްޓްރީން އެދުނީ އޭޕްރީލް 2023 އާ ހަމަ އަށެވެ. ނަމަވެސް މި މުއްދަތު ވެރިކަމުގެ ދައުރު ނިމޭ ހިސާބަށް ދަންމާލަން މަޖިލީހުން ފުރުސަތު ދީފަ އެވެ.

ބޮޑު މި ނިންމުގެ އަޑީގައި ފޮރުވިފައިވާ ސިއްރެއް ވާނެ އެވެ. މި މާއްދާތައް ފަސް ކުރުމާ އަހަރުގެ އާމްދަނީއާ ގުޅޭ ހިސާބެއް ވެސް އޮންނާނެ އެވެ. ސަސްޕެންޑް ކުރި މާއްދާތަކުގައި ބުނާ ވާހަކަ ތަކެއް ވެސް ވާނެ އެވެ. އަދި ފަސް ކުރުމުން ވާނީ ގޮތެއް ވެސް އޮންނާނެ އެވެ. މި ހުރިހާ ކަމަަކަށް ބަލާއިރު މިއީ ދައުލަތުން އާމްދަނީ ހޯދަން ފެނުނު އާ ވޭރިއަންޓެކެވެ.

"މިކަމުގެ ސަބަބުން މަރުކަޒީ ބޭންކް ވަކި ގާނޫނަކުން މިނިވަންކޮށްފަ ބޭއްވުމުގެ ބޭނުން ކެނޑިއްޖެ. މިއީ އައިއެމްއެފް ފަދަ އިދާރާތަކުން ބަލާނެ ކަމެއް. މިއީ މުސްތަގުބަލަށް ހެދި ބޮޑު ގޯހެއް،" ފައިސާ ޗާޕު ކުރުމަށް ދިން މުއްދަތު ތިން ވަނަ ފަހަރަށް އިތުރު ކުރުމާ ބެހޭ ގޮތުން ކުރީގެ ގަވަނަރު އަހުމަދު ނަސީރު ވިދާޅުވި އެވެ.

އޯވަޑްރޯވް ކުރަން ސަރުކާރަށް ފުރުސަތު ލިބިފައި ވަނީ 2013 ވަނަ އަހަރުން ފެށިގެން މިކަން ނުކުރެވޭ ގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ މުހިންމު ތިން މާއްދާ އިން އިސްތިސްނާ ހޯދައިގެނެވެ. މި ބާރުވެރިކަން ސަރުކާރަށް ލިބިގެން ދިޔައީ 65 މެންބަރުންގެ މެޖޯރިޓީއެއް އޮވެ، މަޖިލީހުގެ ބޮޑު އިންވޯލްމަންޓެއް އޮވެގެނެވެ. މިކަމަށް ހުރަސް އަޅަން މަރުކަޒީ ބޭންކު ފެނުނީ "ޕެރަލައިޒް" ވެފައި އޮތް ތަނެވެ.

ސަސްޕެންޑް ކުރި ތިން މާއްދާގެ ސަބަބުން ސަރުކާރަށް މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނަގައިގެން އެ ބޭނުން ކުރުމުގެ މަގުފަހި ވެގެން ދާނެ އެވެ. އަދި މަރުކަޒީ ބޭންކުން ފައިސާ ނަގައި ދައްކަން ޖެހޭ މުއްދަތަށް ނުދައްކައި ފައިސާ ދައްކަން ޖެހޭ މުއްދަތު ހިތުހުރި ދުވަހަކަށް ދަމާލަން ވެސް ފުރުސަތު ލިބުނީ އެވެ.

މިކަމުގެ ސަބަބުން މަރުކަޒީ ބޭންކް ވަކި ގާނޫނަކުން މިނިވަންކޮށްފަ ބޭއްވުމުގެ ބޭނުން ކެނޑިއްޖެ. މިއީ އައިއެފްއެފް ފަދަ އިދާރާތަކުން ބަލާނެ ކަމެއް
އަހުމަދު ނަސީރު | އެމްއެމްއޭގެ ކުރީގެ ގަވަރުނަރު

ފައިސާ ޗާޕު ކުރަން މަޖިލީހުން ދިން "ލައިސަންސް" އާއެކު އިތުރަށް ފައިސާ ޗާޕު ކުރުމުގެ ހުއްދަ ލިބި އަދި މިހާރު ޗާޕު ކޮށްފައިވާ ފައިސާ އަނބުރާ މަރުކަޒީ ބޭންކަށް ދެއްކުން 50 އަހަރަށް ދަމާލަން ވެސް ފުރުސަތު ލިބިއްޖެ އެވެ. މި ހުއްދައާއެކު 4.4 ބިލިއަން ރުފިޔާ އެއްކޮށް މި އަހަރު އޯވަޑްރޯ ކުރެވޭނެ ކަމަށް ސަރުކާރުން އަންދާޒާ ކޮށްފައިވާއިރު މި ބަދަލުން ފެންނާނެ އެންމެ ބޮޑު ގޯހަކީ އިގްތިސޯދުގައި އިތުރަށް 2.5 ބިލިއަން ރުފިޔާ ދައުރުވޭވެ ހުރުމެވެ.

އޯވަޑްރޯ އަށް ފުރަތަމަ ދިޔައިރު ސަރުކާރުން ދެއްކީ ވާހަކަ ހަނދާން އެބަހުރި ހެއްޔެވެ؟ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޭރު ވިދާޅުވީ ކީކޭ ހެއްޔެވެ؟

ފުރަތަމަ ދެއްކި ވާހަކާ ދިމާ އިދިކޮޅަށް

ފުރަތަމަ އޯވަޑްރޯ ކުރަން ހުއްދަ ދިން ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި މި ހުއްދައަށް ވުރެ އިތުރަށް ފައިސާ އޯވާޑްރޯ ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެ ފައިސާ އޮޓަމެޓިކުން އަދާ ކުރަމުން ދާނެ އެވެ.

މި ބަދަލު ގެންނަން ފުރަތަމަ އެދިފައިވަނީ ކޮވިޑްގެ ހާލަތާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށްވުމުންނެވެ. އޭރުގެ ހާލަތަށް ބަލާއިރު އެކަން ވަރިހަމަ ނުވިޔަސް ގައުމު އޮތް ހާލަތުން ހަމްދަރުދީ ވެގެން ވެސް އެކަމަށް އެއްބަސްވި އެވެ. ސަބަބަކީ އާމްދަނީ ހޯދަން ސަރުކާރުން ކަރުތާ ފެނަށް އެރި ތިބުމެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތުން އަރައިގަނެ އާމްދަނީ ލިބޭނެ މައި ދޮރު ކަމަށްވާ ޓޫރިޒަމް "ބައުންސްބެކް" ވާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އަނެއްކާ ފައިސާ ޗާޕުކޮށް އަދި މަރުކަޒީ ބޭންކް އަށް ދަރަނި އަދާ ކުރުން ފަސްކުރި ސަބަބާމެދު ސުވާލު އުފެދެ އެވެ.

މި ކަމަށް ފިނޭންސް މިނިސްޓަރު ދެއްވާ ޖަވާބަކީ ކޮވިޑް-19 ގެ ބަލީގެ ވޭރިއަންޓްތައް އަވަސް އަވަހަށް އައުމެވެ. އެކަމުގެ ސަބަބުން އާމްދަނީ އަށް އަސަރު ކުރާނެ ކަމަށް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވެ އެވެ. އަދި މި ބަދަލު ނުގެނެސްފިނަމަ ބަޖެޓް 26 ބިލިއަނަށް ކުޑަ ކުރަން ޖެހޭނެ ކަމަށް ވިދާޅުވެ މިނިސްޓަރު "ބަޑި" ން ބިރު ދައްކަވަ އެވެ. އެކަމަކު، ބަޖެޓު ފޮތް ހާވާލުމުން ފައިނޭންސް ހޯދާނެ ގޮތްތައް ތަފުސީލުކޮށް ލިޔެފައި އެބަ ހުއްޓެވެ.

އަންނަ އަހަރު ބޭރުން ބޭރުގެ އެކި ފަރާތްތަކުން ތިން ބިލިއަނެއްހާ ރުފިޔާގެ ލޯނު ނަގަން ނިންމާފައިވެ އެވެ. އަދި ބޭރަށް ސްކޫކް އާއި ބޮންޑް ވިއްކުމާއި ޑޮމެސްޓިކް ސެކިއުރިޓީސް އަދި ޓީބިލް ވިއްކައިގެން ފައިސާ ހޯދުމާއި ސޮވެރިން ފަންޑުން ފައިސާ ނެގުން އަދި ކުންފުނިތައް ޕްރައިވެޓައިޒް ކޮށްގެން ވެސް އާމްދަނީ ލިބޭނެ ކަމަށް ބަޖެޓުގައިވެ އެވެ. މިގޮތުން ޖުމްލަ 13 ބިލިއަން ރުފިޔާ ވަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެ އެވެ.

މި ފައިސާ ނުލިބޭނެކަން ޔަގީން ވަނީ ހެއްޔެވެ؟ ނޫނީ މިއީ ރިއަލިސްޓިކް ފިގާތަކެއް ނޫން ހެއްޔެވެ؟

މި ފައިސާ އިން ކުރާނީ ކީއްވެ؟

އާމްދަނީ ހޯދާނެ ގޮތް ބޮޑު އަކުރުން ލިޔެފައިވަނިކޮށް އަނެއްކާ އިތުރު ފައިސާ މި ހޯދަނީ ކީއް ކުރަން ހެއްޔެވެ؟ މި ފައިސާއަކީ ރިޔާސީ އިންތިހާބަށް ހަރަދު ކުރަން ހޯދާ ފައިސާ ހެއްޔެވެ؟ ނޫނީ މި ފައިސާ ވެސް ހަރަދު ކުރާނީ ރިކަރަންޓް ހަރަދު ތަކަށް ހެއްޔެވެ؟

މި ފައިސާ ރިކަރަންޓް ހަރަދަށް ހޭދަ ކުރަން އުޅޭކަމުގެ ނިޝާނަކީ ސިޔާސީ މަގާމުތައް އަންނަ އަހަރު އިތުރު ކުރަން ބަޖެޓުގައި ހިމަނާފައި އޮތުމެވެ. ސިޔާސީ މަގާމުތަކުގެ މުސާރަ އިން އެންމެ "ލޯލާރި" އެއްވެސް ކުޑަ ކުރަން މަޖިލީހުން ބޭނުން ނުވުމެވެ. އެއްބަހެއް ނޫނެވެ. މިއާއެކު މިހާރަށްވުރެ އިތުރަށް 78 ސިޔާސީ މަގާމު އަންނަ އަހަރު އުފައްދާނެ އެވެ. މި ބަދަލާއެކު މިހާރު އޮތް 967 ސިޔާސީ މަގާމުގެ އަދަދު އަންނަ އަހަރު 1،045 އަށް އިތުރުވާނެ އެވެ. އެ ބޭފުޅުންގެ މުސާރައަށް އެކަނި 407.6 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

މުދަލުގެ އަގު މަތިވުން އިތުރަށް ގޯސްވާނެ

ފައިސާ ޗާޕު ކުރުމުން އިންފްލޭޝަން މަތިވާނެ ކަމަށް ސަރުކާރުން ވެސް އެއްބަސްވެ އެވެ. މިހާރު ވެސް ދުނިޔޭގެ ސަޕްލައި ޗެއިނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން މުދަލުގެ އަގު ދަނީ މަތިވަމުންނެވެ. އެކަމަކު މަޖިލީހުގައި ބައެއް މެންބަރުން ވަނީ ފައިސާ ޗާޕު ކުރުން ދިފާއު ކުރައްވައި މުދާ އަގު ބޮޑުވުމަކީ ވަރިހަމަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ.

ނަމަވެސް މިހާރު ހުރި އަގަށް އިތުރު 25 ޕަސެންޓް ބޮޑުވެ މުދަލުގެ އަގު ބޮޑުވުމުން މިނިމަމް ވޭޖު ތައާރަފު ކުރުމާއި ސިވިލް ސާވިސް / ޑޮކްޓަރުން / ޓީޗަރުންގެ މުސާރަ ބޮޑު ކުރުމުގެ ބޭނުން ކެނޑޭނެކަން އެ މެންބަރުންނަށް ނުވިސްނެނީ ހެއްޔެވެ؟ އެކަމަށް ވިސްނަން ވެސް ބޭނުން ނުވަނީ ހެއްޔެވެ؟ މުސާރަ ކިތަންމެ ބޮޑު ކުރި ނަމަވެސް މުދާ އަގު ބޮޑުވަމުންދާނަމަ އެކަން ވާނީ ފޫނެތް ފަޔަކަށް ފެން ފުރުން ފަދަ ކަމަކަށެވެ. އެއް ރުފިޔާ މުސާރަ އިން ބޮޑުވާއިރަށް މުދަލުން ދެ ރުފިޔާ ބޮޑުވާ ނަމަ މުސާރަ ބޮޑު ކުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ފައިސާ ޗާޕު ކުރަން މިވަނީ ހުއްދަދީ އެ ހުއްދަ ދަމާލާފަ އެވެ. ދެން އޮތީ މިކަމުން ކުރާނެ އިފެކްޓް ބަލަން ތިބުމެވެ. މިކަންކޮށްފައި މިވަނީ އެންމެން ގުޅިގެން އެއްބާރުލުން ލިބިގެންނެވެ. އެހެންވެ މިކަމުގެ ކުރާނެ އަސަރުގެ ޒިންމާ ވެސް ނަގަން ޖެހޭނީ މިކަން ކުރި ބައެކެވެ. މިއީ ގުޅިގެން ކުޅުނު ޑްރާމާއެކެވެ.