ރިޕޯޓް

2021: ބަޖެޓަށް އާމްދަނީ ހޯދާނީ ކިހިނެއް؟

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާ ބަޖެޓު މަޖިލީހަށް ފޮނުވާފައިވާއިރި، މިހާތަނަށް ބަޖެޓުގެ މާ ބޮޑު ތަފުސީލެއް އެނގޭކަށް ނެތެވެ. ހަމައެކަނި އެނގެނީ ބަޖެޓުގެ ޖުމްލަ އަދަދެކެވެ. އަންނަ އަހަރަށް ސަރުކާރުން ޔަގީނުން ވެސް ހުށަޖަޅަނީ މި އަހަރަށްވުރެ ކުޑަ ބަޖެޓެވެ. މި އަހަރު 37.8 ބިލިއަން ރުފިޔާގެ ބަޖެޓަކުން ހަރަދު ކުރަމުންދާއިރު، އަންނަ އަހަރަށް ހުށަހަޅަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެވެ. އަންނަ އަހަރު އާމްދަނީ ހޯދާނީ ކިހިނެއް ހެއްޔެވެ؟ ޓެކްސް އިތުރު ކުރާނީ ހެއްޔެވެ؟ ޑިއުޓީ ބޮޑު ކުރާނީ ހެއްޔެވެ؟ ނޫނީ އަލަށް ރިސޯޓު ތަކެއް ނެރޭނީ ހެއްޔެވެ؟

އިގްތިސޯދީ މާހިރުންގެ ނަޒަރުގައި އަންނަ އަހަރުގެ ބަޖެޓުގައި އެންމެ ބޮޑު ގޮންޖެހުމެއް ސަރުކާރަށް ކުރިމަތިވެގެންދާނީ އާމްދަނީގެ ބައިންނެވެ. މި މައިގެ ހުސްކޮޅިތައް ފޫބައްދާނެ ގޮތެއް ހޯދުންވާނީ ބޮޑު، ތަފާތު މަސައްކަތަކަށެވެ.

"މި ވަގުތު ދުނިޔޭގެ އިކޮނޮމީ އާއި ރާއްޖޭގެ އިކޮނޮމީ އޮތް ހާލަތަށް ބަލާއިރު އާމްދަނީ ހޯދުމަށް ދަތިތަކާ ކުރިމަތިވާނެ،" އިގްތިސޯދީ މާހިރަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އާމްދަނީ ހޯދުން މި އަހަރު ނާކާމިޔާބު!

އަންނަ އަހަރުގެ ބަޖެޓަށް ދިއުމުގެ ކުރިން މި މިހާރު ހަރަދު ކުރަމުންދާ 37 ބިލިއަން ރުފިޔާގެ "ރެކޯޑް" ބަޖެޓުން ކާމިޔާބީ ހޯދުނު މިންވަރާއި އާމްދަނީ ހޯދަން ހުށަހެޅި ގޮތްތަކަށް ވެސް ބަލައިލުން ރަނގަޅުވާނެ އެވެ. އަދި އޭރު އާމްދަނީ ހޯދަން އުޅުނު ގޮތްތައް ކާމިޔާބުވީ ކިހާ ވަރެއްގެ މައްޗަށް ތޯ ވެސް މިމެކިރާލުން މިއީ ހަމަ އެންމެ ރަނގަޅު ކަމެވެ. މި އަހަރުގެ ބަޖެޓުގެ މައިގަނޑު އަސާސެއްގެ ގޮތުގައި އޮތީ މި ސަރުކާރުގެ "ނޫ އިޤްތިސާދު" ސިޔާސަތުގެ ދަށުން އިގުތިސާދީ ހުރިހާ ދާއިރާތަކަށް ވެސް ފައިދާ ކުރުވަނިވި މަޝްރޫއުތަކަކާއި ޕްރޮގްރާމްތަކެއް ހިންގުމެވެ. ވަޒީފާގެ ފުރުސަތުތައް ފުޅާކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށްދިނުމެވެ. ސަރުކާރުގެ ވައުދާ ގުޅިފައިވާ މި ސިޔާސަތަށް އަންނަ އަހަރު ވެސް ބަދަލެއް ނާންނާނެ އެވެ.

މި އަހަރުގެ ބަޖެޓުގައި ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރީ 30 ބިލިއަން ރުފިޔާ އެވެ.
މިގޮތުން، ޓެކުހުގެ ގޮތުގައި 18 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރި އެވެ. އަދި އެ ނޫން ގޮތް ގޮތުން އަށް ބިލިއަން ރުފިޔާ ލިބޭނެކަމަށް ބެލި އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މިހާރު ބެލެވެނީ އެންމެ ގިނަ ވެގެން ވެސް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނީ 15 ބިލިއަން ރުފިޔާ އެވެ. ދައުލަތުގެ އާމްދަނީ މި އަހަރު 50 ޕަސެންޓް މަދުވެގެން ދާނެ އެވެ.

ސަރުކާރުން ކުރިން ލަފާކޮށްފައި އޮތީ، މި އަހަރު އިމާރާތްކުރުމުގެ ދާއިރާ ކުރިއަރާނެ ކަމަށެވެ. އަދި ޑިއުޓީ ރޭޓުތަކަށް ގެނެވޭ ބަދަލުތަކާއެކު އިމްޕޯޓު ޑިއުޓީން ލިބޭ އާމްދަނީ އިތުރުވެގެންދާނެ އެވެ. އަދި އިޤުތިސާދަށް އަންނަ ކުރިއެރުމާއި ޓޫރިޒަމް ސިނާއަތް ފުޅާވެ، ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިން އިތުރުވާނެކަމަށް ކަމަށް ބެލެވުމުން، ބީޕީޓީ އާއި ޖީއެސްޓީ އަދި އެއާޕޯޓް ސާވިސް ޗާޖް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީން ލިބޭ އާމްދަނީ އިތުރުވާނެ އެވެ. ނަމަވެސް މި ހުރިހާ ޓެކުހެއްވެސް ވަނީ ޖުމްލަ ގޮތެއްގައި ބޮޑުތަނުން ދަށް ވެގެން ގޮސްފަ އެވެ.

އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ އާ ކަންތައްތަކުން، މި އަހަރު 2.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރި އެވެ. މި އަހަރު އާމްދަނީ އިތުރު ކުރަން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ޓެކުހުގެ ނިޒާމު ވަށާ ޖައްސަން އާމްދަނީއިން ޓެކްސް ނެގުން ހިމެނެ އެވެ. މިކަން ދަނީ ކުރަމުންނެވެ. އިތުރުން، އެއާޕޯޓް ޑިވެލޮޕްމަންޓް ފީއާއި އެއާޕޯޓް ސާވިސް ޗާޖުން ނަގާ ރޭޓުތަކަށް ބަދަލު ގެނައުން ވެސް ހިމެނެ އެވެ. ބައެއް މުދަލުގެ އިމްޕޯޓް ޑިއުޓީ ރޭޓުތައް ބަދަލުކުރުމާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ނަގާ ފީތަކަށް ބަދަލުގެނައުން ވެސް ހިމެނެ އެވެ.

2021 އާމްދަނީ ހަމައެކަނި ޓޫރިޒަމުން؟

މި އަހަރަށް ހުށަހެޅި ކަންކަމުގެ 50 ޕަސެންޓު ވެސް ކާމިޔާބުވެފައެއް ނުވެ އެވެ. މީގެ މައިގަނޑު ސަބަބަކީ މި އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔެއަށް ކުރިމަތިވި ބޮޑު ބަލިމަޑު ކަމެވެ. ދެން އޮތީ އަންނަ އަހަރެވެ. ބެލެވޭ ގޮތުގައި އާމްދަނީ ހޯދަން ހުށަހަޅާ ގިނަ ކަންކަން ބިނާވެފައިވާނީ ޓޫރިޒަމް ސެކްޓާއަށެވެ. ރަންބިސް އަޅާ ކުކުޅުން އާމްދަނީ އިތުރު ކުރުމަށެވެ. މިގޮތުން މިދިޔަ އަހަރު އަލަށް ނެރެން ނިންމި 29 ރަށް ރިސޯޓުގެ ގޮތުގައި ބާޒާރަށް ނެރޭނެ ކަމަށް ބެލެވެ އެވެ. އަދި މިހާރު ބައެއް ވަޒީރުންގެ ވިދާޅުވަމުންދާ ސެކަންޑް ހޯމް އަކީ ވެސް އާމްދަނީ އިތުރު ކުރަން ތައާރަފު ކުރާނެ ކަމެވެ. ހއ. ދައްޕަރުގައި ހިންގަން ސަރުކާރުން ތައްޔާރު ވަމުންދާ މަޝްރޫއަކީ ވެސް އާމްދަނީ އިތުރު ކުރަން ކުރާނެ ކަމެކެވެ.

މި ކަންކަމުގެ އިތުރުރުން ދާދި ފަހުން މަޖިލީހު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތަށް އޯނަރުންނަށް ރިސޯޓުތަކުން ގޯތި ދޫކުރަން ވެސް މިއީ ކުރާނެ ކަމެއް ކަމަށް ބެލެވެ އެވެ.

އިގްތިސޯދީ މާހިރަކު ވިދާޅުވި ރާއްޖެ އަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ތަކެއް ގެނައުން ކޮންމެހެން މުހިންމު ކަމަށެވެ.

"އިމާރާތް ކުރުމުގެ ސިނާއަތު ދިރުވުން މިއީ އެންމެ މުހިންމު އެއްބައި. ދިވެހިންނަށް ފުރުސަތު ލިބޭ ގޮތަށް ފަސޭހަ ފައިނޭންސިންއާއެކު ގިނަ މަޝްރޫއު ތަކެއް ފެށުން މުހިންމު. އެކަންވާނީ އިކޮނޮމީއަށް ދިރުން ލިބޭނެ ކަމަށް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

މާހިރުންގެ ނަޒަރުގައި ރާއްޖޭގެ ބައެއް ސަރަހައްދުތައް ވަކި މުއްދަތަކަށް "ޓެކްސް ފްރީ ޒޯން" ތަކެއްގެ ގޮތުގައި ކަނޑައަޅައި އިންވެސްޓްމަންޓް ގެންނަން މަސައްކަތް ކުރެވިދާނެ ކަމަށެވެ.

"މިސާލަކަށް އައްޑޫގައި އިންވެސްޓްމަންޓް ތަކެއް ގެންނަން ހެދިދާނެ ޓެކްސް ފްރީ ޒޯނެއް. މި ޒޯނަށް އަންނަ އިންވެސްޓަރަށް ކުރިއަށް އޮތް ފަސް އަހަރު ޓެކްސް ފްރީވާ ގޮތަށް. އޭރުން އިންވެސްޓަރުން ވެސް ލިބޭނެ. ދިވެހިންނާއެކި ޖޮއިންޓް ވެންޗާ އުސޫލުން މިގޮތަށް އަންނަ އިންވެސްޓަރުންގެ ފައިދާ ބޮޑުވާނެ. އޭރުން އައްޑު ވެސް އޮންނާނީ ތަރައްގީ ވެފަ ފަސް އަހަރު ފަހުން ބަލާއިރު،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

"އައްޑޫއަކީ ބިންބޮޑު ތަނެއް. މިތަނުގައި ޓޫރިޒަމް އެކަންޏެއް ނޫން ހަދަންވީ. ފެކްޓްރީ ސިޓީއެއް ވެސް ހެދިދާނެ. ބޭނުންވަނީ ދުރު ވިސްނުމެއް."

އަންނަ އަހަރުގެ ބަޖެޓަށް އާމްދަނީ ހޯދާނެ ގޮތަކާމެދު މަޝްވަރާ ކުރާއިރު ބަޖެޓުގައި ދަރަނި ހުރެދާނެ މިންވަރަކީ ވެސް ކަންބޮޑުވާ ކަމެކެވެ. މިހާރު ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ބަޖެޓު 12 ބިލިއަން ރުފިޔާ ވަރުގެ ދަރަނީގެ ގެޕެއް ފެނުމުގެ ފުރުސަތު އެބައޮތެވެ.