ޓޫރިޒަމުގެ ސިނާއަތުން ލިބޭ އާމްދަނީ އިތުރު ކުރުމަށްޓަކައި ރިސޯޓު އޯނަރުންނަށް ދޫކޮށްފައިވާ ރިސޯޓެއްގެ މުއްދަތަށް ގެދޮރު އެޅުމުގެ ހުއްދަ ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވިސްނަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފި އެވެ.
ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މަޖިލީހުން އެކުލަވާލާފައިވާ ރިޕޯޓާ ގުޅޭގޮތުން މިއަދު ބޭއްވުނު މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ޓޫރިޒަމަށް ގާނޫނު އިސްލާހުކޮށްގެން އިތުރު ޓެކުހެއް ނުނަގައި، އެ ދާއިރާއިން އިތުރު އާމްދަނީއެއް ހޯދި ދާނެ ގޮތަކާބެހޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްވެ ކަމާގުޅޭ ސަރުކާރުގެ ބޭފުޅުން ވިސްނަވަމުން ގެންދަވާ ކަމަށެވެ.
މިގޮތުން، ބޭރުގެ ރިސޯޓު އޯނަރުންނަށް އެމީހުނަށް ރިސޯޓު ދޫކޮށްފައިވާ މުއްދަތަށް، އެ ރިސޯޓަކުން ގޯތި ދޫކުރުމުގެ ވިސްނުމެއް ގެންގުޅޭކަމަށް ނަޝީދު ވިދާޅުވި އެވެ.
"ގެންގުޅެވޭ އެއް ވިސްނުމަކީ ރިސޯޓުތަކުގެ ހެޑް ލީސް ދީފައިވާ ފަރާތްތަކަށް އެ މީހުންގެ އެ ހެޑް ލީސްގެ މުއްދަތަށް އެމީހުނަށް ރިސޯޓު ހަދަންދީފައިވާ ރަށުން ނުވަތަ ހަދާފައިވާ ރަށުން ގޯތި ދޫކުރެވޭނެގޮތަށް ޓޫރިޒަމްގެ ގާނޫނަށާއި ބިމާއި ގެދޮރާގުޅޭ ގާނޫނަށް އިސްލާހު ގެނައުން،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ ރިސޯޓެއްގައި ބޭރުގެ ފަރާތަކަށް ދާއިމީކޮށް އޭނާއަށް ގެއެއް ބެހެއްޓިދާނެ ތަނެއް ހޯދާފައި ބެހެއްޓިދާނެ. ރެސިޑެންސީއެއް އޭނާއަށް ހޯދާފައި ބެހެއްޓިދާނެ."
އެއާއެކު ރެސިޑެންސީގެ އެ މުއާމަލާތްތަކަށް އަންނަ އަހަރު އެކަށީގެންވާ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވޭކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް، އެ ވިސްނުމުގެ އިތުރު ތަފްސީލެއް ނަޝީދު މިއަދު ދެއްވާފައެއް ނުވެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
މަޖިލީހުން ތައްޔާރުކުރި ރިޕޯޓުގައިވާ ހިސާބުތަކުން ދައްކާ ގޮތުގައި އަންނަ އަހަރު ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.5 ބިލިއަން ރުފިޔާ ނަމަވެސް، އަނބުރާ ދައްކަންޖެހޭ ދަރަނީގެ ޖުމްލަ ހުރީ 20.1 ބިލިއަން ރުފިޔާ ގައި އެވެ.
އެއީ ލިބޭ އާމްދަނީއަށް ވުރެ ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.