ހަބަރު

ހުރިހާ ޓޫރިސްޓުން ގޮނޑުދޮށެއް ބޭނުމެއް ނުވޭ: ނަޝީދު

ރާއްޖެއަށް ޒިޔާރަތް ކުރާ ހުރިހާ ޓޫރިސްޓުންނަކީ، ދޮންވެލި ގޮނޑުދޮށުގައި އޮށޯވެ ތިބެން ބޭނުންވާ ބައެއް ނޫން ކަމަށާއި، ރާއްޖޭގައި ހުރި އެހެންނިހެން ގުދުރަތީ ރީތިކަން ދުނިޔެއަށް ވިއްކަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރަން ސަރުކާރުން ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރަމުން ދާއިރު، އައްޑޫއަށް ނިސްބަތްވާ ބައެއް މެންބަރުން ވަނީ އެ އަތޮޅުގައި ރާއްޖޭގެ އެހެން އަތޮޅުތަކާ ހިލާފަށް، ބީޗް ޓޫރިޒަމް ތަރައްގީ ކުރެވޭ ގޮތަށް ގުދުރަތީ ރީތިކަން ލިބިފައި ނުވާކަން ފާހަގަ ކޮށްފަ އެވެ.

އަދި މި ގާނޫނުގެ ތެރެއިން ހޯމް ސްޓޭ ފަދަ ލޯކަލް ޓޫރިޒަމަށް އިސްކަން ދެވޭނެ ހާއްސަ ގޮތްތަކެއް ހޯދަންޖެހޭ ކަމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

އެ ވާހަކަތަކާ ގުޅުވައި ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވަނީ ރައްދު ދެއްވައިފަ އެވެ. ވިދާޅުވީ އައްޑޫގެ ގުދުރަތީ އުފެދުން ރާއްޖޭގެ އެހެން ހުރިހާ ރަށްތަކާ ތަފާތުވާނެ ކަމަށާއި، ގުދުރަތީ އެންމެ ރީތި ކަމެއް ލިބިފައި ވަނީ އައްޑޫ އަތޮޅަށް ކަމަށެވެ.

ނަމަވެސް، ރާއްޖޭގައި މިހާތަނަށް ވިއްކަމުން އަންނަނީ ދޮންވެލި ގޮނޑުތައްކަން ފާހަގަ ކުރައްވަމުން، އެމަނިކުފާނު ވިދާޅުވީ އައްޑޫގެ ގުދުރަތީ ރީތި ކަމުގެ ބޭނުން އަދި ހިފިފައިވެސް ނުވާ ކަމަށެވެ.

"ގިފިލިދޮށް އަޅުގަނޑުމެން ނުވިއްކާ. ބެކްގާޑަން އަޅުގަނޑުމެން ނުވިއްކާ. އަޅުގަނޑުމެންގެ ގަސްގަހާ ގެއްސާއި، އަޅުގަނޑުމެންގެ ފަތްޕިލާވެއްޔާއި، އަޅުގަނޑުމެންގެ މާމެލާވެއްޔާއި، އަޅުގަނޑުމެންގެ ދޫނި ސޫފާ ސޫފި،" އެއީ ވެސް ގުދުރަތީ ގޮތުން މީހުން ޝައުގުވެރިވާކަންކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ޓޫރިޒަމް އެ ގޮތަށް ކުރިއަށް ގެންދަނީ އެ އުސޫލުން ކަމަށެވެ.

އަދި ރާއްޖެއަށް ޒިޔާރަތްކުރަ ފަތުރުވެރިންގެ ސާވޭއެއް ހަދައިފިނަމަ، އެ މީހުންގެ ޝައުގުވެރިކަން އޮތީ ހަމައެކަނި ދޮންވެލި ގޮނޑުދޮށަށް ނޫންކަން ހާމަވެގެންދާނެކަމަށް އެމަނިކުފާނު އަންދާޒާކުރެއްވި އެވެ.

"އެންމެނަކު މިތަނަށް އަންނަނީ ދޮންވެލި ގޮނޑުދޮށުގައި އޮށޯވެ ތިބެން ނޫކަން. ގުދުރަތީ ރީތި ކަމަކީ އެކި މީހުނަށް އެކި ގޮތަށް ހުންނަ ކަންކަން. އެ ގުދުރަތީ ރީތިކަން އަޅުގަނޑުމެން ތައާރަފް ކުރުމާ. އަމާޒު ކޮށްދިނުމާ. ވިއްކުމާ. އެއީ އަޅުގަނޑުމެން އަމިއްލައަށް ކުރަންޖެހޭ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

އަދި އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކޮށްގެން، މުޅި ރާއްޖެއަށް މަންފާ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ފަހި ކޮށްދީފައި ވެއެވެ.

އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔަށް ވެސް މި ބިލުން ބަދަލުތަކެއް ގެންނާނެ އެވެ. މިގޮތުން، ށ. އަތޮޅުން ގދ. އަތޮޅަށް ހަ ޑޮލަރު، ހއ. އަތޮޅުން ހދ. އަތޮޅަށް ހަތަރު ޑޮލަރު އަދި ޏ. އަތޮޅުން ސ. އަތޮޅަށް ދެ ޑޮލަރަށް ވަނީ ކުޑަކޮށްފައި އެވެ.

ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި މިހާރު ނަގަނީ އަކަ މީޓަރަކަށް އަށް ޑޮލަރެވެ.

އައްޑޫ އަދި ލ. އަތޮޅުން ބިމު ކުއްޔަށް އަކަ މީޓަރަކަށް ދެ ޑޮލަރު ކަނޑައަޅާފައި ވަނީ، އެ ސަރަހައްދަކީ އެހެން ރަށްތަކާ ހިލާފަށް ބީޗް ޓޫރިޒަމް ނޫން އެހެން ކޮންސެޕްޓެއް ގެންގުޅެންޖެހޭ ސަރަހައްދަކަށްވާތީ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިއްޔެ ކޮމިޓީގައި ވަނީ ވިދާޅުވެފައި އެވެ.

މިގޮތުން، އެ ސަރަހައްދުގައި އިންވެސްޓްކުރަން ބާރު އެޅުމަށްޓަކައި، އިންވެސްޓަރުންނަށް އެފަދަ ލުޔެއް ދޭންޖެހޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.