ހަބަރު

ކޮންމެ ރަށެއްގައި އެއާޕޯޓު ހަދާ ވާހަކައަށް ނަޝީދު ނުރުހިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން، އެ ބޭފުޅުން ނިސްބަތްވާ ދާއިރާތަކުގައި އެއާޕޯޓު އަޅަންޖެހޭ ވާހަކަ ދައްކަވާތީ، އެކަމާ ނުރުހުން ފާޅުކުރައްވައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރަން ސަރުކާރުން ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރަމުން ދާއިރު، ބައެއް މެންބަރުން މިއަދު ވެސް ވަނީ ޓޫރިޒަމް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ފުޅާކުރަން، އެއާޕޯޓު އެޅުމުގެ މުހިއްމުކަން ފާހަގަ ކޮށްފަ އެވެ.

މިގޮތުން، ލ. އަތޮޅުގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އޮތުމުގެ މުހިއްމުކަން ފޮނުދޫ ދާއިރާގެ އެމްޑީޕީ މެންބަރު މޫސާ ސިރާޖުގެ ވާހަކައިގެ ތެރެއިން ފާހަގަ ކުރެއްވުމުން، ރިޔާސަތުގައި އިންނަވައިގެން ނަޝީދު ވަނީ ރައްދު ދެއްވައިފަ އެވެ.

މިގޮތުން، އެމަނިކުފާނު ވިދާޅުވީ މުޅި ދުނިޔެއަށް ބަލައިލި ނަމަވެސް، އެއާޕޯޓެއް އަޅައިގެން ދެކޮޅު ޖެހެނީ، ވަކި އަދަދަކަށް މީހުން ދަތުރު ކޮށްގެން ކަމަށެވެ.

"ކޮންމެ ރަށަކީ ގައުމެއް ނޫން. އަދި ކޮންމެ އަތޮޅަކީ ވެސް ގައުމެއް ނޫން. މިސާލަކަށް ރާއްޖޭގެ މައި އެއާޕޯޓަށް މި އަންނަނީ އެއް މިލިއަނެއް، ދެ މިލިއަނެއްހާ މީހުން. އެއީ މާލޭގެ އެއާޕޯޓަށް. އެވަރުން ވެސް އެތަން ދެކޮޅު ޖެހިގެން. އެތަން ތަރައްގީކޮށްގެން. މުޅި ރާއްޖެއަށް މިއުޅެނީ އެކަން ނުވެގެން،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ މައި ވައިގެ ބަނދަރު، ވެލާނާ އެއާޕޯޓު އިތުރަށް ތަރައްގީ ކުރަން، މުޅި ގައުމު އިންތިހާއަށް ދަރަނިވެރި ވެގެން، އެ ދަރަނި އަނބުރާ ދެއްކުން ވެސް ބޮޑު ބޮލު ރިހުމަކަށްވެފައި ވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވީ ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާއިރު، ބަނދަރުތަކާއި އެއާޕޯޓުތައް ގާއިމުކުރަން ޖެހޭ ސަރަހައްދުތައް ކަނޑައެޅުމުގައި ވިސްނުން ގެންގުޅެން ޖެހޭނީ ރަށާއި އަތޮޅުގެ ވިސްނުމުގެ ބޭރުން، ގައުމީ ތަރައްގީގެ ފުޅާ ވިސްނުމެއްގެ ތެރެއިން ކަމަށެވެ.

"އެއީ އަޅުގަނޑުމެންނަށް ރަށުގެ ގޮނޑު ދޮށާ ހިސާބަށް ނުވިސްނައި. އެއަށްވުރެ ދުރު ވިސްނުމަކުން ނިންމަން ޖެހޭނެ ނިންމުމެއް. އެއީ މިއަދު އަޅުގަނޑަށް ވޯޓު ދޭން ތިބި ހަތަރު މީހުންގެ ހިތްހަމަޖެއްސުމަށް އެކަނި ކުރާ ކަމަކަށް ވެގެން ނުވާނެ،" 19 ވަނަ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް މުޅި ރާއްޖެއަށް ވިސްނަންޖެހޭކަން ފާހަގަ ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

އަދި ވަކި ރަށްރަށާއި ދާއިރާތަކުގެ ޒުވާބުގައި މުޅި ރާއްޖޭގެ ތަރައްގީގެ ތަސައްވަރު ގެއްލިގެން ނުވާނެކަމަށްވެސް އެމަނިކުފާނު ތަކުރާރުކުރެއްވި އެވެ.

ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ފަހި ކޮށްދީފައި ވެއެވެ.

އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަން ޖެހޭ ކުއްޔަށް ވެސް މި ބިލުން ބަދަލުތަކެއް ގެންނާނެ އެވެ.