ރިޕޯޓް

ހިދުމަތް ރަނގަޅުނުވެ، މުސާރައިގެ ހޭދަ މައްޗަށް

Nov 23, 2020
8

ސަރުކާރު އޮފީހަކަަށް ކަމެއް ބޭނުން ވެގެން ސިޓީއެއް ލައިފިނަމަ ޖަވާބު ދޭން އެއް ހަފުތާ ދެ ހަފުތާ، އެއަށްވުރެ ވެސް ގިނަ ދުވަސް ނަގަ އެވެ. ކަމެއް އޮޅުން ފިލުވައިލަން ފޯނެއް ކޮށްލިއަސް އެ ފޯނަށް ޖަވާބު ދޭނެ މީހަކު ނުވެ ފޯނު ރިންގު ވަމުން ގޮސް ކެނޑެނީ އެވެ. ހިދުމަތެއް ހޯދަން ދާ މީހަކު ފޫހި ވެގެން ގޮސް ހަލާކުވާ ކަހަލަ އެތައް މަންޒަރެއް ސަރުކާރުގެ އޮފީސްތަކުން ފެނެ އެވެ. ސަރުކާރުގެ ހިދުމަތް ދިނުމުގެ ވައްޓަފާޅީގައި އުފެދިފައިވާ މި ބާގަނޑުތައް މިގޮތުގައި ހުރި ނަމަވެސް ހިދުމަތް ދޭން ތިބި ބޮލުގެ އަދަދު ދަނީ މަތިވަމުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގެ ބޮޑު މަންޒަރަށް ބަލާއިރު އަންނަ އަހަރު ވެސް ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ ރިކަރަންޓު ހަރަދުގެ ބޮޑު ބައި ހޭދަ ވާނީ ސަރުކާރު މުވައްޒަފުންނަށެވެ. މުވައްޒަފުންނަށް މުސާރަ ދޭށެވެ. އަންނަ އަހަރުގެ ބަޖެޓަށް ބަލާއިރު ވެސް މުވައްޒަފުންގެ އަދަދު މަތިވެ، ބަޖެޓުގެ ތިލަފަތް މުސާރައަށް މިވަނީ ބުރަ ވެފަ އެވެ.

"ހިދުމަތް އިންތިހާއަށް ލަސް. އޮފީހަކަށް ސިޓީއެއް ލައިގެން ޑިސިޝަނެއް ނުނަގާ އެބަ ބާއްވާ ދޮޅުމަސް ދެމަސް. އެހެންވީމަ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވޭނެ ގޮތެއް ނުވޭ. މިއީ ޕްރައިވެޓް ސެކްޓާއަށް އޮތް ވަރަށް ބޮޑު ބުރައެއް،" ހިދުމަތެއް ހޯދަން ޓޫރިޒަމް މިނިސްޓްރީއަށް ސިޓީއެއް ލައިގެން ޖަވާބު ނުލިބިގެން ޝަކުވާ ކުރި ވިޔަފާރިވެރިއަކު ބުންޏެވެ.

މިއީ އެކެއްގެ ޝަކުވާ އެވެ؛ ސަރުކާރުން ހިދުމަތް ދިނުމުގައި އޮތް މި އުނި ކަމަކީ އާ ކަމެއް ނޫނެވެ. މިއީ މިއަދަކު އިއްޔެއަކު އުފެދިފައި އޮތް މައްސަލައެއް ވެސް ނޫނެވެ. މަގާމުތައް ގިނަވެ، މުވައްޒަފުންގެ ބޯ އިތުރުވަމުން ދިޔަ ނަމަވެސް ހިދުމަތް ދިނުން އޮންނީ އެންމެ ފަހަތުގަ އެވެ. އެކަމަކު ބަޖެޓުން މުވައްޒަފުންގެ މުސާރައަށް ކުރާ ހޭދަ މިދަނީ ދުނި ޖަހާފައި އަރައިގެން މައްޗަށެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުން ޖުމްލަ ހަރަދަށް 33.2 ބިލިއަން ރުފިޔާ ހޭދަވާއިރު، ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމާއި އޮފީސް އަދި ދައުލަތް ހިންގުމަށް ރިކަރެންޓް ހަރަދުގެ ގޮތުގައި 21.6 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އަންދާޒާ ކޮށްފައި ވެއެވެ. ހަރަދުގެ ދެބައިކުޅަ އެއްބައި ހޭދަ ވަނީ މުވައްޒަފުންނަށް މުސާރަ ދޭށެވެ. ދައުލަތުން އަންނަ އަހަރު މުސާރަ ދޭން ޖެހޭ ބޮލުގެ އަދަދު 43،622 އަށް އަރަ އެވެ. މި އެންމެނަށް މުސާރައިގެ ގޮތުގައި 8.3 ބިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ. މިއީ ޖުމްލަ ރިކަރަންޓް ހަރަދަށް ބަލާއިރު، 39 ޕަސެންޓެވެ. އަދި މުޅި ޖުމުލަ ބަޖެޓުގެ ހަރަދަށް ބަލާނަމަ މި އަދަދު ހުރީ 24 ޕަސެންޓުގަ އެވެ.

އަންނަ އަހަރު ވެސް މުސާރައިގެ ބޮޑު ބައެއް ހޭދަ ކުރަން ޖެހެނީ ސިވިލް ސާވިސް މުވައްޒަފުންނަށެވެ. ދައުލަތުގައި މިހާރު ތިބި 23،034 ސިވިލް ސާވިސް މުވައްޒަފުންނަށް މުސާރަ ދޭން 6.3 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ. އަދި ޔުނިފޯމް ބޮޑީޒްތަކުގައި ހިމެނޭ 9.399 މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ހޭދަ ކުރަން ޖެހެ އެވެ. މީގެ އިތުރުން ދައުލަތުގައި ކޮންޓްރެކްޓް ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ގެންގުޅެ އެވެ. ތިންވަނަ އަށް އެންމެ މުވައްޒަފުން ގިނަ ދާއިރާއަކީ ކޮންޓްރެކްޓް މުވައްޒަފުންނެވެ. ދައުލަތުގައި މިހާރު ތިބި 5،728 ކޮންޓްރެކްޓް މުވައްޒަފުންނަށް މުސާރަ ދޭން އަންނަ އަހަރު 1.3 ބިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

10 އަހަރުން މުސާރަ ދެގުނަ މައްޗަށް

ދައުލަތުގެ ހިންގުމުގެ އޮނިގަނޑަށް ބަލާއިރު، 2011 އިން 2021 އާ ހަމައަށް ވިސްނާލާއިރު، 10 އަހަރުގެ ތެރޭގައި މުވައްޒަފުންނަށް ކުރާ ހަރަދު ބޮޑު ތަނުން މައްޗެވެ. މިގޮތުން 2011 ވަނަ އަހަރު މުވައްޒަފުންނަށް މުސާރަ ދިނުމަށް 4.3 ބިލިއަން ހަރަދު ކުރި ނަމަވެސް މި އަހަރުގެ ނިޔަލަށް މި އަދަދު 8.1 ބިލިއަން ރުފިޔާއަށް އަރައި ގާތްގަނޑަކަށް ދެގުނަ މިވަނީ މަތިވެފަ އެވެ. ފާއިތުވި 10 އަހަރު މުވައްޒަފުންނަށް ހިނގާ ހަރަދު އެވްރެޖު ގޮތެއްގައި ހުރީ ރިކަރަންޓް ހަރަދުގެ 43 ޕަސެންޓުގަ އެވެ.

އެކަށީގެންވާ ގޮތެއްގައި ދައުލަތުން ޕްރޮޑަކްޓިވިޓީއެއް ނުނެރެވުނު ނަމަވެސް އިތުރު ގަޑިއާއި އެލަވަންސުގެ ބަޖެޓު ދަނީ ބޮޑު ވަމުންނެވެ. އަންނަ އަހަރު މުއްޒަފުންގެ މުސާރައަށާއި މުވައްޒަފުންނަށް ދޭ އެލަވަންސަށް ކުރާ ހޭދަ ހުންނާނީ ގާތްގަނޑަކަށް 3.9 ބިލިއަން ރުފިޔާގަ އެވެ. އަދި އިތުރުގަޑީގެ މަސައްކަތަށް ދޭ ފައިސާގެ ގޮތުގައި 566 މިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ.

ހިދުމަތް ރަނގަޅު ނުވިނަމަވެސް އިތުރު ގަޑީގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ދަނީ މަތިވަމުންނެވެ. އެގޮތުން ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި މުވައްޒަފުންގެ އިތުރު ގަޑީގެ ހަރަދު އެވްރެޖު ގޮތެއްގައި އަހަރަކު 7.1 ޕަސެންޓް އިތުރު ވެފައިވެ އެވެ. އަދި ވަކިވަކި ބައިބަޔަށް ބަލައިލާއިރު ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެންމެ ބާރަށް އިތުރު ވެފައި ވަނީ އެލަވަންސް ދިނުމެވެ.

އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ދައުލަތުގެ އޮނިގަނޑުގައި ހުރި މި ވޭސްޓޭޖް ލޯވަޅުތައް ބައްދައިގެން ނޫން ގޮތަކަށް ޓެކްސް ދައްކާ ފަރާތްތަކުން ދޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށެއް ނުދެވޭނެ އެވެ.

"ޒަމާން ބަދަލުވި ނަމަވެސް ޒަމާނީ ހިދުމަތްތައް ނުގެނެސް މުސްކުޅި ގޮތަކަށް ހިދުމަތް އޮތުމަކީ ވޭސްޓް ބޮޑުވާ އެއް ސަބަބު. މިހާރު މޮބައިލް އެޕު ތަކުން ގޭގައި ހުރެގެން ކޮށްލެވޭ ކިތަންމެ ކަމެއް ކުރަން މުވައްޒަފުން އިތުރު ގަޑީގައި ނެރޭ. މިއީ އިގްތިސޯދު މިހާ ހީނަރުވެފައިވާ ދުވަސްވަރެއްގައި ވެސް ބޮޑު އިސްރާފެއް،" އިގްތިސޯދީ މާހިރަކު ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކުގައި 967 މީހުން

އަންނަ އަހަރު ނިމޭއިރު ސިޔާސީ މަގާމުތަކުގައި 967 މީހުން ތިބޭނެ އެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މުވައްޒަފުން ވަޒީފާ އަދާ ކުރަނީ ރައީސް އޮފީހުގަ އެވެ. ދެން ތިބި މީހުން އުޅޭނީ ހެލްތު މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގަ އެވެ. އަދި ދައުލަތުގައި އެންމެ މަތިން މުސާރައަށް ހަރަދު ކުރާ ވުޒާރާއަކީ އެޑިއުކޭޝަން މިނިސްޓްރީ އެވެ. އެ މިނިސްޓްރީން އަންނަ އަހަރު 1.9 ބިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ. އަދި ހެލްތް މިނިސްޓްރީ އަށް 1.1 ބިލިއަން ރުފިޔާ އަދި ފުލުހުންނަށް މުސާރަ ދޭން 955.7 މިލިއަން ރުފިޔާ އަންނަ އަހަރު ހޭދަ ކުރާނެ އެވެ.

ދައުލަތަށް އަންނަ އަހަރު ލިބޭނެ އާމްދަނީ ބޮޑު ތަނުން ހީނަރުވި ނަމަވެސް މުވައްޒަފުން ހޯދުމާއި ނެގުމަށް ހުއްޓުމެއް ނާދެ އެވެ. އަދި މުވައްޒަފުން އިތުރުވީ ނަމަވެސް ހިދުމަތް އެންމެ ތަންފުކެއް ވެސް ރަނގަޅުވާ ތަނެއް ނުފެނެ އެވެ. މުވައްޒަފުން އިތުރުވާނަމަ ހިދުމަތް ރަނގަޅުވާން ޖެހެ އެވެ. މިކަން ނުވާނަމަ ބަޖެޓުން ރިކަރަންޓު ހޭދައިގެ ދެބައިކުޅަ އެއްބައި މުވައްޒަފުންނަށް މުސާރަ ދޭން ހޭދަ ކުރުމުގެ ބޭނުމެއް ނެތެވެ.