ރިޕޯޓް

އާމްދަނީ ހޯދުމުގެ އާ ނަމްބަރުތައް ދިމާވާނެ ތަ؟

ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް އަލަށް އާމްދަނީ ހޯދަން ގިނަ ކަންކައް ތަކެއް ހިމަނަ އެވެ. އެހެންވެ ބަޖެޓުގެ އެންމެ ފޮނި ސޮފުހާއަކީ އާމްދަނީ ހޯދަން އަލަށް ހުށަހަޅާ ބަ އެވެ. ނުވަތަ ކުރިއަށް ލަފާކޮށް އާމްދަނީ އިތުރުވާނެ ކަމަށް ހިމަނާފައި އޮންނަ ލަފާކުރުމެވެ. އާމްދަނީ އިތުރު ކުރަން ގެންނަ ބަދަލާއި އަލަށް ފަށާނެ މަޝްރޫއުތަކުގެ ވާހަކަ އެވެ. އެންމެ ކައިރިން ބަލާނަމަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަންވީ މިގޮތަށް އާމްދަނީ ލިބޭނެ ކަމަށް އެންމެ ގިނަ ކަންކަން ލަފާކޮށް ބަޖެޓުގައި ޖެހިއެއް ވެރިކަމަށެވެ. އެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައީ މި ކަންކަން ކޮންމެ އަހަރަކު ބަޖެޓަށް ހިޖުރަކުރާ ނަމްބަރުތަކެއްގެ ގޮތުގައި ބާއްވައިގެންނެވެ. ދެން އައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރެވެ.

މި ސަރުކާރު ވެރިކަމަށް އައިސް މިހާތަނަށް ހުށަހެޅި ބަޖެޓުގައި ވެސް އާމްދަނީ އިތުރު ކުރަން ޖެހި ކަންކަމުގައި "ހަގީގީ ކުލަ" ޖެހޭނެ ގޮތެއް މިހާތަނަށް އޮތީ ނުވެފަ އެވެ. އަންނަ އަހަރަށް ލަފާކޮށް މި ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ވެސް އަލަށް އާމްދަނީ ހޯދަން ގިނަ ކަންތައް ތަކެއް ވަނީ ހިމަނާފަ އެވެ. މި ފަހަރު އާމްދަނީ އާ "ހުވަފެން" ތައް ކާމިޔާބު ވާނެ ހެއްޔެވެ ؟ އާމްދަނީ ހޯދަން ޖެހި އާ ނަމްބަރުތައް ދިމާވާނެ ހެއްޔެވެ؟

އާމްދަނީ ހޯދުމަށް ލަފާކޮށް ބޮޑެތި ނަމްބަރުތަކެއް ޖެހުމުގެ އެންމެ ކުރީގައި އުޅުއްވި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިފަދަ ގިނަ މަޝްރޫއުތަކެއް ހިމެނި އެވެ. ރާއްޖޭގެ ތާރީހުގައި އިގްތިސޯދީ ހަރަކާތްތައް އެންމެ ގިނަވި އެ އަހަރުގެ ފަސް އަހަރުގެ ވެރިކަމުގެ ކޮންމެ އަހަރަކު ވެސް ބަޖެޓަށް ހިޖުރަ ކުރާ ބޮޑެތި އަދަދު ތަކެއް ހިމެނެ އެވެ. އެ ވެރިކަމުގެ ފިނޭންސް މިނިސްޓަރުން ކޮންމެ އަހަރެއްގެ ބަޖެޓު ހުށަހަޅުއްވާއިރު ވެސް މި އަދަދު އަންނަ އަހަރުގެ ބަޖެޓަށް ގެންދެ އެވެ. އަދި ލިބޭނެ ކަމަށް ލަފާ ކުރި އެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އިހަވަން ދިއްޕޮޅުގައި ތަރައްގީ ކުރަން މަސައްކަރް ކުރެއްވި އައި-ހެވަން މަަޝްރޫއުގެ އެސްއީޒެޑުން ލިބޭނެ ކަމަށް ލަދާ ކުރެއްވި 500 މިލިއަން ރުފިޔާ އަކާއި ބިންވެރިކޮށްގެން ހޯދަން ހުށަޅުއްވާ 500 މިލިއަން ރުފިޔާ އަދި ކޮންސެޝަން ޗާޖުގެ ގޮތުގައި ނަގަން ހިމެނި 261 މިލިއަން ރުފިޔާއެއް ހިމެނެ އެވެ. ނަމަވެސް ތިން އަހަރު ޖައްސަ ޖައްސައިގެން ބަޖެޓަށް މި މަޝްރޫއުތައް ބަޖެޓަށް ބަދަލު ކުރެއްވި ނަމަވެސް މި ހުވަފެނުގައި ހަގީގީ ކުލަ ޖެއްސިފައެއް ނުވެ އެވެ. ދެން އޮތީ މި ސަރުކާރެވެ.

މި ސަރުކާރު އާ ހުވަފެން: 1.6 ބިލިއަން ހޯދުން

އަންނަ އަހަރަށް މި ސަރުކާރުން ހުށަހެޅި ބަޖެޓުގައި އަލަށް އާމްދަނީ ހޯދަން ހުށަހަޅާ ކަންކަމުން 1.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ. އަންނަ އަހަރަށް ލަދާކޮށްފައިވާ އެއް ކަމަކީ ޓެލެކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއެންސީ ސްޕެކްޓަމް ޗާޖުން 300 މިލިއަން ރުފިޔާ ހޯދުމެވެ. ބެލެވޭ ގޮތުގައި މި ކަމަކީ އެންމެ އަވަހަށް މި ސަަރުކާރުން ކުރާނެ އެއް ކަމެވެ. ސަބަބަކީ މިކަމަކީ ޓެލެކޮމް ހަރަދުތައް ކުޑަ ކުރުމަކީ މި ސަރުކާރުގެ ވައުދަަށްވުމެވެ. އެ ވައުދާ ސިންކުކޮށް، އަލަށް ޓެލެކޮމް ކުންފުންޏެއް ގެންނަން ސަރުކާރުން އަވަސް ވެ ގަންނާނެ އެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ގެންނަން އުޅެނީ އިންޑިއާ ކުންފުންޏެކެވެ. އެކަމުގެ "ޑީލް" އޮތީ ފުރިހަމަވެފަ އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ޓެލެކޮމް އާ ކުންފުނި ގެންނަން ވަރަށް އަވަހަށް ބިޑަށް ހުޅުވާލާނެ ކަމަަށެވެ.

އަންނަ އަހަރު ބަޖެޓުގައި އާމްދަނީ ހޯދުމަށް ހުށަހަޅާފައިވާ އަނެއް ކަމަކީ "ރިއަލް އެސްޓޭޓް ޓޫރިޒަމް" ރާއްޖެ އަށް ތައާރަފު ކުރުމެވެ. މިކަން ތައާރަފުކޮށްގެން 154 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ. މިއީ ޓޫރިޒަމް ވިޔަފާރީގެ މަހުޖަނުންނަށް ހާއްސަކޮށް ދޫކުރަން ރާވާފައިވާ "ސެކަންޑް ހޯމް" މަޝްރޫއުގެ ބައެކެވެ. މިކަން ކުރަން ސަރުކާރުން ރާވަމުން ދާ އެއް ރަށަކީ ހއ. އަތޮޅު ދައްޕަރުވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވި ގޮތުގައި ބަޖެޓުގައި އާމްދަނީ ހޯދަން ހިމަނާފައިވާ ކަންކަން އަވަސް ކުރަން މަސައްކަތް ތަކެއް ކުރައްވަމުންދާ ކަމަށެވެ. އަލަަށް ހިމަނާފައިވާ ކަންކަމުގެ ތެރެއިން "ޓޫރިޒަމް ރިއަލްއެސްޓް" ފަދަ ކަންކަމަށް ގާނޫނުތައް ހަދަން ޖެހޭތީ އެކަމާމެދު ވެސް މަޝްވަރާ ކުރައްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އާމްދަނީ ހޯދަން ރިސޯޓު ހަދަން ރަށް ދޫކުރުން ވެސް އެބައޮތް. މި އަހަރު 20 ރަށެއް ދޫކުރަން ކުރިން ނިންމީ. ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ނުވީ. ނަމަވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ވަރަށް އަވަހަށް ޓޫރިޒަމް މިނިސްޓްރީން މީގެ ތެރެއިން ބައެއް ބިޑަށް ހުޅުވާލާނެ،" ފައްޔާޒު ވިދާޅުވި އެވެ.

އަންނަ އަހަރަށް އާމްދަނީ ހޯދަން އަލަށް ބަޖެޓުކޮށްގައިވާ އަނެއް ކަމަކީ މާލެ ސަރަހައްދުން ކޮންޖެކްޝަން ޗާޖެއް ނަގައި ޕާކިން ފީއިންގެ ގޮތުގައި 37 މިލިއަން ރުފިޔާ ހޯދުމެވެ. މި މަސައްކަތް ކުރަން ސަރުކާރުން ރާވާފައިވަނީ މާލޭގައި ހުރި ހުސް ބިންތަކުގައި ޕާކިން އިމާރާތް ތަކެއް އަޅައި އެ ތަންތަން ޕާކިން އަށް ދޫކުރުމެވެ. މިހާރު ޕާކިންގެ ގޮތުގައި މަގުމަތީގައި ހުރި ވެހިކަލްތައް އެ ތަންތަނުގައި ޕާކު ކުރެވޭނެ ގޮތް ހެދުމެވެ. މިދިޔަ ސަރުކާރުންވެސް ޕާކިންއާ ގުޅުވައިގެން މި މަސައްކަތް ކުރި އެވެ. އެކަަމަކު ދަގަނޑު ބޮޑެތި ފުނިވަރުތަކެއް ޖެހި މިކަން ދިޔައީ ފަނު ފުލުންނެވެ.

އަންނަ އަހަރަށް އާމްދަނީ ހޯދަން ހިމަނާފައިވާ އާ އަނެއް "ހުވަފެނަކީ" ދިވެހިންނަށް ބިން ވިއްކުމެވެ. ދިވެހިންނަށް ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ހޯދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. މިކަން ކުރަން ސަރުކާރުން ޕްލޭން ކުރަމުން ދަނީ ރަށްރަށުގެ ބިން ހިއްކައި އެ ރަށްރަން ގޯތި ބޭނުންވާ މީހުންނަށް ގޯތި ދިނުމަށްފަހު ބާނީ އޮތްބައި ވިޔަފާރި އުސޫލުން ދޫކުރުމެވެ. ދިވެހިންނަށް ބިން ވިއްކައިގެން މި އަދަދު ހޯދޭނެ ހެއްޔެވެ؟ އިގްތިސޯދު މިހާރު އޮތް ހާލަތަށް ބަލާއިރު މިފަދަ ބިންތަކުން އެވަރުގެ ޑިމާންޑެއް އަތުވެދާނެ ހެއްޔެވެ؟ ސުވާލަކީ މި އެވެ. މިކަން ކާމިޔާބު ވެއްޖެނަމަ ބޮޑު އަދަދެއް ލިބޭނެ އެވެ.

މީގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ރޭޓްތައް ބަދަލުކޮށްގެން 273 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. މިއީ މި ހިނގާ އަހަރުގެ ބަޖެޓުން އަންނަ އަހަރުގެ ބަޖެޓަށް ހިޖުރަކުރާނެ ނަމްބަރެކެވެ. ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މި އަހަރު މި ބަދަލު ގެނެވޭނެ ގޮތެއް ސަރުކާރަށް ނުވި އެވެ. އެހެންވެ މި ނަމްބަރު އަންނަ އަހަރަށް ހިޖުރަ ކުރީ އެވެ.

އާމްދަނީ ހޯދާ އާ ކަންކަން ކުރުކޮށް:

  • ޓެލްކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއެންސީ ސްޕެކްޓަމް ޗާޖުން 300 މިލިއަން ރުފިޔާ
  • ޓޫރިޒަމަށް ބިން ދޫކޮށްގެން: 154 މިލިއަން ރުފިޔާ
  • މާލެ ސަރަހައްދުން ކޮންޖެކްޝަން ޗާޖެއް / ޕާކިން ފީއިން: 37 މިލިއަން ރުފިޔާ
  • ދިވެހިންނަށް ބިން ވިއްކައިގެން: 300 މިލިއަން ރުފިޔާ
  • ރިއަލް އެސްޓޭޓް ޓޫރިޒަމުން: 154 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ރޭޓްތައް ބަދަލުކޮށްގެން: 273 މިލިއަން ރުފިޔާ

ޓެކްސް ރޭޓް ބަދަލު ނުވުން: ހިތްހަމަ ޖެހުމެއް

އާމްދަނީ އިތުރު ކުރަން "ޓެކްސް ނިޒާމާ" ކުޅުމަކީ މި ފަހުން އައި ކޮންމެ ސަރުކާރަކުން ކުރި ކަމެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރު އިންކަމް ޓެކްސް ތައާރަފު ކުރި އެވެ. އަދި ބައެއް ޓެކްސް ރޭޓްތައް ބަދަލު ކުރި އެވެ. ނަމަވެސް އިންވެސްޓަރުންނާއި ވިޔަފާރިވެރިންނަށް އޮތް އުފަލަކީ އަންނަ އަހަރު އެއްވެސް ޓެކްސް ރޭޓް އަކަށް ބަދަލު ގެންނަން ބަޖެޓުގައި ނެތުމެވެ. މިއީ އިގްތިސޯދީ މާހިރުން އެންމެ ކަންބޮޑު ވުމެވެ.

ކޮންމެ އަހަރަކު ޓެކްސް ރޭޓަށް ބަދަލު ގެންނަމުން ދިއުމުގެ ސަބަބުން އިންވެސްޓަރުންނަށް ހިސާބެއް ހަދާލަން ވެސް މި ހާތަނަށް އޮތީ ދަތިވާ ހިސާބުގަ އެވެ. ކޮންމެ އަހަރެއްގެ ބަޖެޓާއެކު އާ ޓެކުހެއް ތައާރަފު ވުމަކީ ބޮޑު މައްސަލަ އެކެވެ. ނަމަވެސް އަންނަ އަހަރު މި ބަދަލު ގެންނަ ބަޖެޓުގައި މިހާތަނަށް ނެތުމަކީ އިންވެސްޓަރުންނަށް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށް ބުނެވިދާނެ އެވެ.

އަންނަ އަހަރު އާމްދަނީ ހޯދަން ޖެހި ކަންކަން ކާމިޔާބުވާނެކަން އެނގޭނީ އަހަރު ފެށުމުންނެވެ. މިކަން ބިނާވާނީ މިހާރު ދުނިޔެ ބަލިކޮށްލާފައިވާ ކޮވިޑް-19 ގެ ހާލަތު ދާ ގޮތަކުންނެވެ. އެނގޭ ކަމަކީ އާމްދަނީ ހޯދަން ބަޖެޓުގައި ސަރުކާރުން ޖެހި ނަމްބަރުތައް ދިމާނުވެއްޖެނަމަ ސަރުކާރަށް އިތުރު ދަތިތަކާ ކުރިމަތިވާނެ ކަމެވެ. ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އާމްދަނީ ހޯދުމުގެ ނަމްބަރުތައް މި އަހަރު ދިމާ ކުރަން މަޖުބޫރުވެ އެވެ.