ހަބަރު

300 މިލިއަންގެ ސުކޫކު ވިއްކަން ދަރުމަވަންތަ ރަހުނު ކުރަނީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އާމްދަނީ ހޯދަން ބޭރަށް ވިއްކަން ހިމަނާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަށް ރާއްޖޭގެ އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް ރަހުނު ކުރަން އުޅޭ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

އަންނަ އަހަރު 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކެއް ވިއްކަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާ ގުޅިގެން ކަމަށާއި، މި ކަމުގެ އެގްރީމަންޓެއް މިހާރު ވެސް އެފަރާތާއެކު ހެދިފައިވާ ކަމަށް އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް މިދިއަ ހަފްތާގައި ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭގޮތުން މިހާރު މަޖިލީހުގައި ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން ފެލިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ، 15 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޑެފިސިޓެއް އަންނަ އަހަރަށް ލަފާ ކޮށްފައިވާއިރު، އެ ފައިސާ ބޭރުގެ ފަރާތްތަކުން ހޯދަން ގަސްދު ކޮށްފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަޅާފައިވާ ތަރައްގީގެ ބިންގާތަކުގެ މަތިން ކަމަށެވެ.

މިގޮތުން، 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު ވިއްކުމަށް ހެލްތު މިނިސްޓްރީގެ ނަމުގައި އޮތް ދަރުމަވަންތަ ހޮސްޕިޓަލު އަޅާފައިވާ ބިން ފިނޭންސް މިނިސްޓްރީގެ ނަމަށް ބަދަލުކޮށް، އެ ތަން ރަހުނު ކުރަން އުޅޭކަމުގެ ސިޓީއެއް ލިބިފައިވާކަމަށް ފަޒުލް ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީކޮށްފައި ހުރި ވަސީލަތްތައް ވިއްކައިގެން އަންނަ އަހަރުގެ ބަޖެޓު މެނޭޖުކުރަން ވިސްނާ ކަމަށް ވަންޏާ މިއީ ގޯހެއް. އަދި ހަރުމުދާތައް ވިއްކައިގެން އަދި ކުންފުނިތަކުގެ ޝެއާތައް ވިއްކައިގެން މިކަން ކުރާކަމުގައިވާނަމަ މިއީ ވަރަށް ބޮޑު ގޯހެއް،" އެއީ ކުރިއަށް އޮތް ތަނުގައި ދައުލަތަށް ލިބޭނެ އާމްދަނީއަށް އެޅޭނެ ހުރަހެއް ކަން ފާހަގަކުރައްވައި، ފަޒުލް ވިދާޅުވި އެވެ.

ފަޒުލް އިޝާރާތް ކުރައްވާ އެ ސިޓީ އަވަސް އަށް ލިބިފައިވާއިރު، ފިނޭންސް މިނިސްޓަރު އަމީރު ސޮއި ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ އައިސީޑީ މެދުވެރިކޮށް ވިއްކަން ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކު ވިއްކުމަށް، އިސްލާމިކް ފައިނޭންސްގެ ހަމަތަކުގެ މަތިން 100 ޕަސަންޓް ސަރުކާރު ހިއްސާވާ ސެޕްޝަލް ޕާފޮސް ވެސެލް (އެސްޕީވީ) އެއް ބޭނުންވާ ކަމަށެވެ.

މިގޮތުން، އެ އެސްޕީވީ ހެދުމަށްޓަކައި، ވިއްކަން ގަސްދުކުރާ ސުކޫކުގެ 51 ޕަސަންޓަށް ވުރެ މަތިން އަގު ކުރެވޭ އެސެޓެއްގެ ބެނިފިޝަލް އޯނާޝިޕް މި އެސްޕީވީ އަށް ޓްރާންސްފާ ކުރަންޖެހޭކަމަށް އެ ސިޓީގައިވެ އެވެ.

އެ ސިޓީގައި އިތުރަށް ބުނީ، އެކަން ކުރުމަށްޓަކައި ސަރުކާރުގެ ހަރު މުދަލަށް ބަލާއިރު، އެކަމަށް އެންމެ އެކަށީގެންވާ އެސެޓަކީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށާއި، ނަމަވެސް، އެ ތަން މިވަގުތު ހުރީ ހެލްތު މިނިސްޓްރީގެ ނަން މަތީގައި ކަމަށެވެ.

ނަމަވެސް، އެ އެސެޓު އޮންނަން ޖެހޭނީ ފިނޭންސް މިނިސްޓްރީގެ ރަޖިސްޓްރީގެ ދަށުގައި ކަމަށްވާއިރު، އެކަން ކޮށް ދިނުމަށް ސިޓީ ކައުންސިލު މެދުވެރިކޮށްދެއްވުމަށް އަމީރު ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައި އެވެ.

ސުކޫކު ވިއްކަން ރަހުނު ކުރަން ނިންމާފައިވާ ދަރުމަވަންތަ ހޮސްޕިޓަލާ ގުޅޭގޮތުން ވެރިކަމަށް އައުމުގެ ކުރިންވެސް މި ސަރުކާރުގެ އިސް ބޭފުޅުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، އެތަނަކީ އިސްރާފެއްގެ ގޮތުގައި ސިފަކޮށްފައި އެވެ.