ދައުލަތުގައި ހުރި ހަރުމުދާތައް ރަހުނުކޮށްގެން ބޭރުން ލޯނު ނަގަން މި ސަރުކާރަށް މަޖުބޫރުވަނީ، ދައުލަތުން ދެމުން އައި ގެރެންޓީގެ އެއްވެސް އަގެއް މިހާރު ނެތީމާކަމަށް މަހިބަދޫ ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ތޯރިގު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އާމްދަނީ ހޯދަން ބޭރަށް ވިއްކަން ހިމަނާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތް ރަހުނު ކުރަން އުޅޭ ކަމަށް އިއްޔެ ވަނީ ފެންމަތިވެފައި އެވެ.
ނަމަވެސް، ސުކޫކް ވިއްކުމަށް ރާއްޖޭގެ އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލްގެ ބެނެފިޝަލް އޯނާޝިފް ބަދަލު ކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުންވެސް އެ ހޮސްޕިޓަލް އެއްވެސް ފަރާތަކަށް ވިއްކާލުން ނޫން ކަމަށް ބުނެ ފިނޭންސް މިނިސްޓްރީން ވަނީ ރައްދު ދީފައި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ މި ސަރުކާރުން މޮޅެތި ނަންނަން ކިޔައިގެން ލޯނު ނަގަމުންދާ ކަމަށާއި، އެއާއެކު ރާއްޖެ މިހާރު މިސްރާބު ޖަހަމުންދަނީ ބަނގުރޫޓުވުމާ ދިމާލަށް ކަމަށެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ދާދި ފަހުން ފިޗް ކްރެޑިޓް ރޭޓިން އޭޖެންސީން ދަށްކުރި ކުރުމަށް އިޝާރާތް ކުރައްވަމުން، ތޯރިގު ވިދާޅުވީ ދައުލަތުގެ ހަރުމުދާ ރަހުނު ކުރަން ޖެހިފައިވަނީ، ބޭރުގެ ފަރާތްތަކުން މިހާރު ސަރުކާރުން ސިއްކަ ޖަހާފައި ދޭ ސަވަރިން ގެރެންޓީ ބޭނުންނެތް އެއްޗަކަށް ވެފައިވާތީ ކަމަށެވެ.
"މިހާރު ވެގެން މިއުޅޭ ގޮތަކީ ދިވެހި ދައުލަތުން ދޭ ގެރެންޓީއަކީ ބޭނުންނެތް އެއްޗަކަށް ބޭރު ދުނިޔޭގައި ވީ. ނަތީޖާއަކަށް ވަނީ ކުޑަ ކުންފުންޏެއް އެސްޕީވީ ކިޔާ ހަދާ ބަހައްޓާފައި، އެ ކުންފުންޏަކީ ހަމައެކަނި ދަރަނި ނަގާ ކުންފުންޏަކަށް ހަދާފައި. އެއަށް ދަރުމަވަންތަ ހޮސްޕިޓަލު ލާފައި 300 މިލިއަން ޑޮލަރު ނަގަނީ އޭގެ ދަށުން،" އޭނާ ވިދާޅުވި އެވެ.
ބަޖެޓުގައި ޖަހާފައިވާ އަދަދުތައް ދިމާނުވާކަމަށް ތުހުމަތު ކުރައްވަމުން، އިތުރަށް ވިދާޅުވީ ދެކޮޅު ނުޖެހޭ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވަނީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ރައްޔިތުންނަށް ފޮނި ހުވަފެން ދައްކައިގެން އޮޅުވާލަން ކަމަށެވެ.
އެހެންކަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށްޓަކައި، ސިޔާސީ ބޭނުމަށް މި ބަޖެޓު އޮތް ގޮތަށް ފާސް ނުކުރުމަށް ތޯރިގު މިއަދު ވަނީ ގޮވާލައްވައިފަ އެވެ.