ރާއްޖެއަށް އިންވެސްޓްމަންޓް ގެންނަން މަގުތައް ހޯދައި ހުޅުވުމުގެ ގޮތުން 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން ހަދަން ފެށި އެވެ. އެ ރޭޓިންގެ ބޭނުމަކީ ދުނިޔޭގައި މިކަމަށް ގާބިލު އަދި ފަންނީ މީހުން ބޭނުން ކޮށްގެން އިންވެސްޓަރުންނަށް ބޭނުންވާނެ ރާއްޖޭގެ މައުލޫމާތު ފުރިހަމަ ގޮތެއްގައި ދިނުމެވެ. އެ މީހުން ރާއްޖޭގެ އިގްތިސޯދުގައި އެ ވަގުތެއްގެ ހާލަތު ވަޒަންކޮށް އިންވެސްޓަރުންގެ މޭޒުތަކާ ހަމައަށް ގެންގޮސްދޭނެ "ކަރުދާސް" ތައްޔާރު ކުރުމެވެ. މިހާތަނަށް ރާއްޖޭގެ ރޭޓިން ހަދަމުން ދަނީ އެމެރިކާއަށް ނިސްބަތްވާ ދެ އެޖެންސީއެއް ކަމަށްވާ "މޫޑީސް އިންވެސްޓާސް ސާވިސް" ގެ އިތުރުން "ފިޗު ރޭޓިންސް" ގެ ފަރާތުންނެވެ.
ދުނިޔޭގެ ބޮޑެތި ފައިނޭންޝަލް ހަބްތައް ކަމަށްވާ ހޮންގޮންގް އާއި ޗައިނާގައި އޮފީސް ގާއިމްކޮށްފައިވާ ދެ އެޖެންސީން ހަދަމުންދާ މި ރޭޓިންތަކުގެ ސަބަބުން ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ މީހުންނަށް ގިނަ މައުލޫމާތު ތަކެއް ލިބިގެންދެ އެވެ.
މި ދެ އެޖެންސީން ދަނީ ކޮންމެ އަހަރަކު ދެ ފަހަރެއް މަތިން ރޭޓިން އާއްމު ކުރަމުންނެވެ. މި އަހަރު ދެ ފަހަރެއްގެ މަތިން ހޮންގޮންގައި އޮފީސް ހުންނަ ފިޗުން ރާއްޖޭގެ ރޭޓިން ނެރެފި އެވެ. ނަމަވެސް ދިވެހި ސަރުކާރުން ވަނީ އެންމެ ފަހުން ފިޗުން ނެރުނު ރޭޓިންއާ މެދު ހިތްހަމަ ނުޖެހިފަ އެވެ. ފިޗުގެ ރޭޓިން ގަބޫލު ނުކުރާނެ ކަމަށް ބުނެފަ އެވެ.
ސަރުކާރުން ފިޗުގެ ރޭޓިން ގަބޫލު ނުކުރާނެ ކަމަށް ބުނީ ކީއް ވެގެން ހެއްޔެވެ؟ މި ފަހަރު ފިޗުގެ ރޭޓިންގައި ބުނެފައި ވަނީ ކީކޭ ހެއްޔެވެ؟ މިއީ ހަމައެކަނި ރާއްޖެއަށް ދިން ރޭޓިންއެއް ހެއްޔެވެ؟ މި ފަހަރު ރޭޓިން އާއްމު ކުރުމުގައި ގޯސް ތަކެއް އުޅޭ ހެއްޔެވެ؟ މީގެ ކުރިން ފިޗުން ދީފައިވަނީ ރާއްޖެއަށް ކޮން ރޭޓިންއެއް ހެއްޔެވެ؟
ފިޗުން މިއީ ރާއްޖެ ރޭޓް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ފިޗުން ރާއްޖެއަށް އެންމެ ރަނގަޅު ރޭޓިންއެއް މިހާތަނަށް ލިބުނީ މެއި، 2018 އިގަ އެވެ. އެ ފަހަރު ދީފައިވަނީ "ބީ ޕްލަސް" އެވެ. މި ރޭޓިން ދިން ސަބަބަކީ އިގްތިސޯދުގެ ދުވެލި ރަނގަޅުވުމާއި ޓޫރިޒަމް ދާއިރާ ރަނގަޅުވެ، ދައުލަތުގެ އާމްދަނީ އިތުރުވަމުން ދިއުމެވެ. އެ ފަހަރު ފިޗުން ބުނެފައިވާ ގޮތުގައި ދައުލަތުގެ ދަރަނި އަދި ރިޒާވް އޭރުގެ މިންގަނޑުގައި ހިފެހެއްޓޭނެ އެވެ. ނަމަވެސް ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސޯދު ހީނަރުވީ ވަގުތު ނެރުނު ފިޗުގެ ރޭޓިންއާއެކު ރާއްޖެ "ބީ މައިނަސް" އަށް ވެއްޓުނެވެ. އަދި އޭގެ ދެ ހަފުތާ ފަހުން ނެރުނު ރޭޓިންގައި ރާއްޖެ "ސީސީސީ" ނުވަތަ "ތިން ސީ" އަށް ސޮއްސާލި އެވެ. ސަރުކާރުން ހިތްހަމަ ނުޖެހުނު ސަބަބަކީ އެއީ އެވެ. މިހާ ކައިރި ކައިރީގައި "ޖަންޕް" ޖަހައި ފިޗުގެ ރޭޓިން ދަށްވުމަކީ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ގަބޫލު ކުރެ އެވެ. ފިޗުގެ ރޭޓިން މިހާ އަވަހަށް ދަށް ކުރީ ކީއްވެގެން ހެއްޔެވެ؟
ހަގީގީ ސަބަބު: ދަރަންޏާއި ޑޮލަރުގެ ދަތިކަން
ފިޗުގެ ރޭޓިން ދަށް ކުރި ސަބަބާ މެދު ވެރިކަން ކުރާ އެމްޑީޕީގެ ޕެކްޝަން ތަކުގެ މެދުގައި ހަނގުރާމައެއް ފެށިފައިވީ ނަމަވެސް ސަރުކާރާ އެއް ވަރަށް ފިޗަށް ވެސް ރާއްޖޭގެ އިގްތިސޯދު އެނގޭނެ އެވެ. ފިޗުން ރާއްޖެ "ތިން ސީ" އަށް ތިރިކުރި މައިގަނޑު ސަބަބަކީ ބޭރު ފައިސާ ލިބުމުގައި ކުރިމަތިވެފައިވާ ގޮން ޖެހުން ބޮޑުވުމެވެ. ރާއްޖޭގައި ހުރި ބޭރު ފައިސާ "ރާސްލާފައި" ގައުމުގެ އިގްތިސޯދުގެ ތެރެއިން ނުކުމެގެން ދާއިރު އެކަން ނުހުއްޓުވޭނަމަ މި މައްސަލަ ނުކުންނާނެ އެވެ. ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކުގެ މަތިވަމުންދާއިރު، ދަރަނި އަދާ ކުރަން ބޭނުންވާ ވަރަށް ބޭރު ފައިސާ ލިބުމުގައި ދަތި ތަކެއް ކުރިމަތިވެދާނެ ކަމަށް ފިޗުން ލަފާ ކޮށްފައިވެ އެވެ. ފިޗުގެ ރިޕޯޓުގެ ކުރު ހުލާސާއަކީ މިއެވެ.
ފިޗުން ބުނާ އަނެއް ވާހަކައަކީ ރާއްޖޭގެ ޓޫރިޒަމް ހުޅުވި ނަމަވެސް ބޭރު ފައިސާގެ ދަތިކަން ހައްލުވާނެ މާ ގިނަ ގޮތް ތަކެއް ރާއްޖޭގައި ފެންނާކަށް ނެތެވެ. ސަރުކާރުން ދޭދޭ ގައުމުތަކާއި އެހީދޭ ޖަމިއްޔާ ތަކުން ފައިސާ ހޯދި ނަމަވެސް މައިގަނޑު ބޮޑު މައްސަލަ ހައްލު ކުރަން ގޮންޖެހުންތަކާ ކުރިމަތިވެފައިވާއިރު ރާއްޖޭގެ ދަރަނި މަތިވަމުން އެބަ ދެއެވެ.
ރާއްޖެ ޑިފޯލްޓް ނުވާނެކަމުގެ ޔަގީންކަން ދޭ
އާއްމު ގޮތެއްގައި މަތިވާ ދަރަނީގެ މައްސަލަ ފިޗުގެ ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައިވެ އެވެ. މިއީ އާ ވާހަކަ އެއް ނޫނެވެ. ރާއްޖޭގެ ޖުމްލަ ދަރަނި ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާރު ހުރީ 73 ބިލިއަން ރުފިޔާގަ އެވެ. ރާއްޖެ ދަރަނި ނުދެއްކިދާނެ ހާލަތަކަށް ހިނގައިދާނެ ފަދަ ގޮތަކަށް ފިޗުގެ ރިޕޯޓުގައި ބުނެފައިވުމަކީ ސަރުކާރުގެ ރުޅިގަނޑު ފަޅައިގެން ދިޔަ ކަމެކެވެ. މި ހާލަތަށް ނުދާނެކަމުގެ ޔަގީންކަން ސަރުކާރުން އަބަދު ވެސް ދިޔައީ ތަކުރާރުކޮށް ދެމުންނެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގައި ދަރަނި ދެއްކުމުގެ ގާބިލްކަން އެބަހުއްޓެވެ.
"ލޯނު ނުދެއްކި ދަރަނިތައް ޑިފޯލްޓެއް ނުވާނެ. އަޅުގަނޑުމެންނަށް ދަރަނިތައް ދެއްކޭނެ،" އަމީރު ވިދާޅުވި އެވެ
ލޯނު ނުދެއްކި ދަރަނިތައް ޑިފޯލްޓެއް ނުވާނެ. އަޅުގަނޑުމެންނަށް ދަރަނިތައް ދެއްކޭނެއިބްރާހިމް އަމީރު | ފިނޭންސް މިނިސްޓަރު
ރާއްޖެ ދަރަނި ދެއްކުމުގެ ގާބިލްކަން ހުރިކަމުގެ ޔަގީންކަން ދޭއިރު، މަޑުމަޑުން ނަމަވެސް އިގްތިސޯދު ރަނގަޅުވުމުގެ ކުލަވަރު ފެންނަމުން ދިއުމަކީ އޮތް އުފަލެކެވެ. ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޖުލައި މަހު 2،000 ޓޫރިސްޓުން އައިއިރު، އޮކްޓޯބަރު މަހު މި އަދަދު 21،000 އަށް އިތުރު ވެފައިވަ އެވެ.
"ފްލައިޓުތައް ރާއްޖެއަށް އަންނަން ވަނީ ފަށާފައި. ސަރުކާރުގެ މަސައްކަތުން އެންމެ މުހިއްމު ޓޫރިޒަމް މަންޒިލު ތަކުން ރާއްޖެ އައުމަށް މިހާރު ވަނީ ލުއި ތަކެއް ދީފައި،" ފިނޭންސުގެ ބަޔާނުގައިވެ އެވެ.
"ތިން ސީ"ން މައްސަލަތައް ކުރިމަތި ވާނެ
ފިޗުން ދީފައިވާ "ސީސީސީ" ގެ ރޭޓިންގެ ސަބަބުން ކުރިމަތިވާނެ މައްސަލަ ތަކަކީ ކޮބައި ހެއްޔެވެ؟ ރޭޓިން "ތިން ސީ" އަށް ބަދަލު ކުރުމުން އަންގައި ދެނީ ރާއްޖޭގައި އިންވެސްޓް ކުރަން ތިބި ފަރާތްތަކަށް އޮތް ރިސްކް ބޮޑު ކަމެވެ. މިއީ ނުރައްކާތެރި އިންޑިކޭޓަރެކެވެ.
އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި މި ރޭޓިންގެ ސަބަބުން ޕްރައިވެޓް ސެކްޓާއަށް ވެސް މައްސަލަތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ގަވަމެންޓް ފަންޑިން އާއި އިންވެސްޓްމަންޓަށް އެކަންޏެއް ނޫން ދަތިވާނީ މީގެން. މީގެން ރާއްޖޭގެ ޕާޓީތަކާއެކު އިންވެސްޓް ކުރަން އަންނަން ތިބި މީހުން ވެސް ފަހަތަށް ޖެހޭނެ. މިއީ ބޮޑު މައްސަލައެއް. ޕްރައިވެޓް ސެކްޓާއަށް ވެސް ބޭރުން ފައިނޭންސް ހޯދުމުގައި ދަތިތަކެއް ކުރިމަތިވާނެ،" އިގްތިސޯދީ މާހިރަކު ވިދާޅުވި އެވެ.
ފިޗުގެ ރޭޓިން ދަށް ކުރިއިރު، މޫޑީސް އިންވެސްޓާސް ސާވިސަސް އިން ވެސް ވަނީ ރާއްޖެއަށް ދީފައިވާ، ކްރެޑިޓް ރޭޓިން ބީ2 އިން ބީ3 އަށް މެއި މަހުގެ ތެރޭގައި ދަށްކޮށްފަ އެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިން ނެރުނު ދުނިޔޭގެ ފުރަތަމަ ރޭޓިން އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ3 އަށް ދަށްކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ބޮޑުތަނުން ދަށްވާނެ ކަމަށް ބަލައިގެނެވެ. އެފަހަރު ސަރުކާރުން ބުނި ގޮތުގައި ރޭޓިން ދަށް ކުރި ނަމަވެސް މައްސަލައެއް ނެތެވެ.
ރޭޓިން އައި ގޮތާމެދު ސުވާލު އެބަހުރި
ފިޗުގެ ރޭޓިން "ބީ ޕްލަސް" އިން "ބީ- މައިނަސް" އަށް "ސީސީސީ" އަށް އަދި ކުރު މުއްދަތެއްގެ ތެރޭގައި އައި ގޮތާމެދު ބައެއް ތަޖުރިބާކާރުން ސުވާލު އުފައްދަވަ އެވެ. ސަބަބަކީ ކޮވިޑް-19 ގެ މި ހާލަތަކީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވެފައިވާ ހާލަތެއް ނޫނެވެ. މި ހާލަތުގެ ސަބަބުން ފިޗުން ޖުލައި މަހު 40 ގައުމެއްގެ ރޭޓިން ޑައުންގްރޭޑް ކުރި އެވެ. އެކަމަކު މި ދަރަޖައަށް އެއްވެސް ގައުމެއް ވައްޓައެއް ނުލަ އެވެ. މީގެ ސަބަބަކީ ކޮބައި ހެއްޔެވެ؟
ފައިނޭންޝަލް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި ކުރު މުއްދަތެއްގައި މި ބަދަލު އައިގޮތާމެދު ސުވާލު ތަކެއް އެބަހުރި ކަމަށެވެ.
"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މީގަ އެބަ އުޅޭ އޮންނަންވާ ވަރަށް ގުޅުން ނުބޭއްވުމުގެ މައްސަލަ ތަކެއް ވެސް. ހުރިހާ ރޭޓިން އެޖެންސީތައް ނިސްބަތް ވަނީ އެމެރިކާ އަށް. މިއަށް ވުރެ ގައުމުގެ ފެންވަރުގައި ވެސް ކައިރިން މަސައްކަތްކޮށް ރަނގަޅު މައުލޫމާތު ދޭން ޖެހޭ. ވަރަށް ގާތް ގުޅުމެއް އެ މީހުންނާ ބާއްވަން ޖެހޭ. އެ ގުޅުން ނެތްތަން ވެސް އެބަ ފެނޭ،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
ކޮންމެއަކަސް ދުނިޔޭގެ އެންމެ ބޮޑު ރޭޓިން އެޖެންސީއިން މިވަނީ ރާއްޖެ ރޭޓްކޮށްފަ އެވެ. މިފަހަރު ދީފައިވަނީ "ތިން ސީ" އެވެ. އެކަމަކު އުންމީދަކީ އިގްތިސޯދު ރަނގަޅުވަމުންދާ ވަރަކަށް ރޭޓިން ރަނގަޅުވުމެވެ. އެކަންވާނީ ރާއްޖޭގައި ބޭރު ފައިސާ ވެސް ހިފެހެއްޓިގެންނެވެ. އަދި މަތިވަމުންދާ ދަރަނިވެސް "މައިތިރި" ކުރެވިގެންނެވެ.