މޫޑީސް އިންވެސްޓާސް ސާވިސަސް އިން ރާއްޖެއަށް ދީފައިވާ، ކްރެޑިޓް ރޭޓިން ބީ2 އިން ބީ3 އަށް ދަށްކޮށްފި އެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ނެރުނު ދުނިޔޭގެ ފުރަތަމަ ރޭޓިން އެޖެންސީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ބީ3 އަށް ދަށްކުރީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ބޮޑުތަނުން ދަށްވާނެ ކަމަށް ބަލާފައި ކަމަށެވެ. އަދި މި ސިނާއަތް ހުއްޓިފައި އޮތުމުން ރާއްޖޭގައި އިގްތިސޯދީ ހަރަކާތްތައް ހިންގުމަށް ދަތިތައް ކުރިމަތިވެ ބޭރު ފައިސާ ލިބުން ދަތިވާނެ ކަމަށް އެ އެޖެންސީ އިން އަންދާޒާ ވެސް ކޮށްފައިވެ އެވެ.
މޫޑީސް އިން ބުނެފައިވާ ގޮތުގައި މިހާރުގެ މާލީ ދަތިތަކުގެ ސަބަބުން ރާއްޖޭން ބޭރުގެ މާކެޓުގައި ބޮންޑު ވިއްކަން ކުރާ މަސައްކަތްތަކަށް ވެސް އިތުރު ދަތިތަކާ ކުރިމަތިވާނެ އެވެ.
ސަރުކާރުން ކުރިން އޮތީ މި އަހަރު ފަސް ބިލިއަން ރުފިޔާގެ ބޮންޑެއް ޖަޕާނުގެ ބާޒާރުގައި ވިއްކަން ޕްލޭން ކޮށްފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން ފުރަތަމަ ފަހަރަށް މޫޑީސް އިން ހަދާފައި ވަނީ 2017 ވަނަ އަހަރު އެވެ. އެއީ ރާއްޖޭގެ ތާރީހުގައި ވެސް ރާއްޖެ ކްރެޑިޓް ރޭޓިން ހެދި ފުރަތަމަ ފަހަރެވެ. އެ ފަހަރު ރާއްޖެ އަށް މޫޑީސް އިން ދީފައިވަނީ ބީ2 އެވެ. ނަމަވެސް 2018 ވަނަ އަހަރު މޫޑީސްގެ ރޭޓިން ވަނީ ބީ2 ނެގެޓިވް އަށް ބަދަލު ކޮށްފަ އެވެ. އެ ފަހަރު ރާއްޖޭގެ ރޭޓިން ދަށްކުރީ ގިނަ މަޝްރޫއު ތަކެއް ހިންގުމަށްޓަކައި ލޯނު ނެގުމުގެ ސަބަބުން ދަރަނި ބޮޑުވާނެ ކަމަށް ބަލައިފަ އެވެ. އަދި މިދިޔަ އަހަރު ވެސް މޫޑީސް އިން ރާއްޖޭގެ ރޭޓިން ދެމެހެއްޓީ "ބީ ނެގެޓިވް" ގަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ދަށްވެފައި ވަނިކޮށް ފިޗުން ވެސް ރާއްޖޭގެ ރޭޓިން މި އަހަރު ވަނީ ދަށްކޮށްފަ އެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ވަނީ ބޮޑު ގެއްލުމެއްވެފަ އެވެ. މި އަހަރު ޖުލައި މަހު ޓޫރިޒަމް ފެށުނު ނަމަވެސް ޓޫރިޒަމް 50 ޕަސެންޓް ދަށްވާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ. އަދި މި އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނީ 15 ބިލިއަން ރުފިޔާ ކަމަށް ސަރުކާރުން ވަނީ. ބުނެފައެވެ.