ދަރަނީގެ މައްސަލާގައި މާލީ އިދާރާ ތަކުން ކަންބޮޑުވުން އޮތް ވަގުތެއްގައި، ރާއްޖެ ދަރަނި ނެގުމުގެ ޖާގަ ކުޑަވަމުންދާ ކަމުގެ އިޝާރާތެއް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ދެއްވައިފި އެވެ.
ރާއްޖޭގައި ދަރަނީގެ ގާބިލްކަން ހުރިކަމަށް ކުރިން ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައިނަމަވެސް، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ކޮވިޑުގެ ސަބަބުން ޓެކްސްތައް ހިމެނޭ ގޮތަށް އާމްދަނީ އިން ބޮޑު ބައެއް ގެއްލިގެން ގޮސްފައިވާ ކަމަށާ، ދަރަންޏަށް ނަގާނެ ޖާގަ ވެސް ކުޑަވަމުންދާ ކަމަށެވެ.
"އަޅުގަނޑުމެންގެ ރެވެނިއު މިވަނީ އެތައް ގުނައެއް ދައްވެފައި. އެކަމަކު ސްޕެންޑިން އެބަ އިތުރު ކުރަން ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އާދައިގެ އަންދާޒާއަކުން ދަންނަވާނަމަ ކޮވިޑުގެ ހާލަތުގެ ސަބަބުން މިއަދާ ހަމައަށް ދައުލަތުގެ އާމްދަނީން ޓޫރިޒަމް އެރައިވަލްސް އާއި ޓެކްސް ހިމެނޭ ގޮތަށް 45 ބިލިއަން ރުފިޔާވަރު ގެއްލިގެން ގޮސްފައިވާ ކަމަށެވެ.
"އަނެއްކޮޅުން މިވަނީ ރައްޔިތުންގެ ބައިވަރު އެކި ކަންކަމަށް އެހީތެރިކަން ފޯރުކޮށް ދޭން ޖެހިފައި. [ހަމައެއާއެކު] އަނެއްކޮޅުން ދަރަނި މައްޗަށް އެބަދޭ،" ފައްޔާޒު ވިދާޅުވި އެވެ.
ސަރުކާރުގެ ހަރަދު ކުޑަ ކުރުމާބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން ސަރުކާރުގެ ހަރަދު ކުޑަކޮށްފައިވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެހެންނަމަވެސް ރެވެނިއު ބޭނުންވާ ވަރަށް ނުލިބޭތީ ތިބީ ބޭނުންވާ ވަރަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ ހާލަތުގައެއް ނޫން ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި 79.8 ބިލިއަން ރުފިޔާ އަށް ވަނީ އަރާފަ އެވެ. އަދި ބޭރުގެ ދަރަނީގެ ނިސްބަތަކީ 38 ބިލިއަން ރުފިޔާ އެވެ. އަދި އެތެރޭގެ ދަރަނި އުޅެނީ 41 ބިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ޖުމްލަ ދަރަނި ޖީޑީޕީގެ ނިސްބަތުން ބަލާނަމަ މިހާރު ވަނީ 138 ޕަސެންޓަށް އަރާފަ އެވެ. ޖީޑީޕީގެ ނިސްބަތުން ބޭރުގެ ދަރަނި ހުރީ 66 ޕަސެންޓުގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 72 ޕަސެންޓުގަ އެވެ.
ރާއްޖޭގެ ދަރަނި މަތިވެގެން ގޮސްފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ކާރިސާ އިން އަރައިގަތުމަށްޓަކައި ސަރުކާރުން ދަނީ ލޯނު ނަގަމުންނެވެ. މި ކަމަށް ނަގާ ލޯނުގެ ސަބަބުން ދަރަނި ދަނީ މަތިވަމުންނެވެ. އެއް ގައުމަކަށް ބަލާއިރު ރާއްޖޭގެ ދަރަނި އެންމެ މަތިއެއް ގައުމަކީ އިންޑިއާ އެވެ.