ވިޔަފާރި

ޕީއެސްއައިޕީ މަޝްރޫއުތައް އަންނަ އަހަރު ދިވެހި ކުންފުނިތަކަށް ލިބޭނެ: އަމީރު

އިގްތިސޯދު ރަނގަޅު ކުރުމުގެ ގޮތުން، އަންނަ އަހަރު ހިންގާ ޕަބްލިކް ސެންޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް ދިވެހި ކުންފުނިތަކަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ހާލަތާ ގުޅިގެން "ރިލީފް ޕެކޭޖު" ގެ ގޮތުގެ ގޮތުން ގިނަ އެހީ ތަކެއް ދެވިފައިވާ ކަމަށެވެ.

އަންނަ އަހަރު ހިންގާ އަށް ބިލިއަން ރުފިޔާގެ ޕީީއެސްއައިޕީ މަޝްރޫއުގެ ބައެއް ދިވެހި ކުންފުނި ތަކަށް ދޭނެ ކަމަށެވެ. ވިދާޅުވީ ދިވެހި ކުންފުނިތަކަށް ހަމައެކަނި ކުރިމަތިލެވޭ ގޮތަށް ޕްރޮކިއުމެންޓް ޕޮލިސީ އަށް ބަދަލު ގެނެސް، އަދި ކުރިއަށް އޮތްތަނުގައި ވެސް ގެންދާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި މިހާލަތުގައި އިކޮނޮމީ ރަނގަޅު ކުރަން ބޭނުންނަމަ ސަރުކާރުން "އިންޓަވީން" ކުރުމަކީ ކޮންމެހެން ކުރަން ޖެހޭކަމެއްގެ ގޮތުގައި މާހިރުން ދެކެވަޑައިގަންނަވާ ކަމަށެވެ.

"އިގްތިސޯދު ބޫސްޓު ކުރަން މިވަގުތު ފިޔަވަޅު ނާޅައިފިނަމަ ދަށަށް ދާނެ. އިގްތިސޯދީ މާހިރުން ވެސް އައިއެމްއެފް ވެސް ވިދާޅުވަނީ މިއީ ކުރު މުއްދަތުގެ މައްސަލައެއޭ. މިއީ ފަންޑަމެންޓަލް ޕޮލިސީ ލެވަލްގެ މައްސަލައެއް ނޫން. ސަރުކާރުން ބޭނުން ވަނީ ކޮންސެޝަނަލް އާއި ލޯނުގެ ގޮތުގައި ފައިނޭންސް ހޯދައިގެން ނަމަވެސް މި ހާލަތަށް އިންޓަވިން ކުރުން،" އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގަން 8.3 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. މިއީ މި އަހަރާ އަޅާ ބަލާއިރު 49 ޕަސެންޓުގެ އިތުރު އަދަދެކެވެ. ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ހަރަދު ކުރާނީ 3.5 ބިލިއަން ރުފިޔާ އެވެ. އަދި ބޭރު ފަރާތްތަކުން ލޯނު ނަގައިގެން ޕީއެސްއައިޕީ އަށް 3.8 ބިލިއަން ރުފިޔާ ހޭދަ ކުރާނެ އެވެ. ބޭރުގެ ހިލޭ އެހީގެ ގޮތުގައި 561 މިލިއަން ރުފިޔާ ޕީއެސްއައިޕީ އަށް ހޭދަ ކުރާއިރު، ޓްރަސްޓް ފަންޑުން ޕީއެސްއައިޕީއަށް 596.1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.