ދައުލަތުގެ ބަޖެޓް

އަންނަ އަހަރު ބައެއް މިނިސްޓްރީތަކުގެ ބަޖެޓު ބޮޑުވާ ސަބަބު ސާފުކޮށްދީފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ބައެއް މިނިސްޓްރީތަކަށް ކަނޑައަޅާފައިވާ ބަޖެޓު ކުރީ އަހަރުތަކަށްވުރެ ބޮޑުވެފައިވާތީ، އުފައްދަމުން ގެންދާ ސުވާލުތަކަށް ފިނޭންސް މިނިސްޓްރީން މިއަދު ޖަވާބު ދީފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

ބަޖެޓާ ގުޅޭގޮތުން، މަޖިލީހުގައި ކުރި ބަހުސްގެ ތެރެއިންވެސް ބައެއް މިނިސްޓްރީތަކުގެ ބަޖެޓު ކުރީ އަހަރުތަކާ އަޅާބަލާއިރު އެތައް ގުނައެއް ބޮޑުކޮށްފައިވާތީ ބައެއް މެންބަރުން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މިގޮތުން، އެ މެންބަރުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ އިތުރުން ފޮރިން މިނިސްޓްރީގެ ބަޖެޓު ބޮޑުވެފައިވާ މައްސަލަ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތައް ނުހިމަނައި، އިކޮނޮމިކް މިނިސްޓްރީ އަށް މިއަހަރު 105 މިލިއަނެއްހާ ރުފިޔާ ކަނޑައަޅާފައިވާއިރު، އަންނަ އަހަރު 340 އަށް މިލިއަން ރުފިޔާއަށް ބޮޑު އަދަދެއް އެ މިނިސްޓްރީންއަށް ދިނުމަށް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން، މި އަހަރާ އަޅާބަލާއިރު، ފޮރިން މިނިސްޓްރީއަށް 40 މިލިއަން ރުފިޔާ އިތުރަށް ދޭއިރު، ހޯމް މިނިސްޓްރީއަށް މި އަހަރު ދިން 29 މިލިއަން ރުފިޔާގެ ދެ ގުނަ އާ ގާތްކުރާ އަދަދަކަށް ބަޖެޓު ވަނީ ބޮޑުކޮށް ހިމަނައިފަ އެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައިވެސް އެކަމާ ގުޅިގެން ބައެއް މެންބަރުންގެ ސުވާލުތައް އަމާޒުވުމުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއެކު ވަޑައިގެން އިންނެވި އެ މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވީ ބައެއް މިނިސްޓްރީތަކުގެ ބަޖެޓު ބޮޑުކުރަން މައިގަނޑު ގޮތެއްގައި ޖެހިފައިވަނީ އަލަށް ވުޖޫދުވި ގާނޫނުތަކާއެކު އިތުރަށް ކުރަންޖެހިފައިވާ ހަރަދުތަކުގެ ސަބަބުން ކަމަށެވެ.

އަދި އެ ގާނޫނުތަކުގެ ދަށުން ބައެއް އިދާރާތައް އުފެއްދުމާއި އާ ޕްރޮގްރާމްތައް ހިންގުމަށްޓަކައިވެސް ބައެއް މިނިސްޓްރީގެ ހަރަދު އިތުރު ވެގެން ދާނެތީ، ބަޖެޓު ބޮޑުކޮށްދޭން ޖެހިފައިވާކަން ސަރުވަޝް ފާހަގަކުރެއްވި އެވެ.

މިގޮތުން، ދާދި ފަހުން ވުޖޫދުވި ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީން ގާއިމުކުރަންޖެހޭ ރީހެބިލިޓޭޝަން ސެންޓަރަކާއި ކްރިމިނަލް ޑޭޓާބޭހެއްގެ މަސައްކަތަށް 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅާފައިވާކަން މިސާލެއްގެ ގޮތުގައި އޭނާ ނެންގެވި އެވެ.

އަދި ދަނޑުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދާދި ފަހުން އުފެއްދި އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ މަސައްކަތް ފުޅާކުރުމަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ 84 މިލިއަން ރުފިޔާވެސް ހިމެނެނީ އިކޮނޮމިކް މިނިސްޓްރީގެ ބަޖެޓުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް އެ މިނިސްޓްރީގެ ބަޖެޓުގައި އިންވެސްޓް މޯލްޑިވްސްގެ ހަރަކާތްތަކަށް 39 މިލިއަން ރުފިޔާ އާއި ނެޝަނަލް ވަން-ސްޓޮޕް ޝޮޕްގެ ހިދުމަތް ގާއިމުކުރަން 42 މިލިއަން ރުފިޔާ ހިމެނޭކަމަށް ސަރުވަޝް ފާހަގަކުރެއްވި އެވެ.

އޮފީސްތަކުގެ ބަޖެޓާ ގުޅޭގޮތުން، މިނިސްޓަރު އަމީރު މިއަދު ވިދާޅުވީ، ހުރިހާ އޮފީސްތަކެއް ބަޖެޓުވެސް ކަނޑައަޅާފައިވަނީ ވީ އެންމެ ކުޑައެއް ކޮށް، ރައްޔިތުންނަށް ދެމުންދާ ހިދުމަތްތަކަށް ބުރޫނާރާނެފަދަ ގޮތަކަށް ވިސްނައިގެން ކަމަށެވެ.

ބަޖެޓު ދިރާސާ ކޮމިޓީގެ މަސައްކަތް އަވަސް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު މިއަދު އެދިވަޑައިގެންނެވުމާއެކު، މިރޭ ބަޖެޓު ދިރާސާކޮށް ތަޅުމަށް ފޮނުވާނެކަމަށް ބެލެވެ އެވެ.

ބަޖެޓު ބަހުސްގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް މެންބަރުން ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވާފައިވީ ނަމަވެސް، ކޮމިޓީން ބަޖެޓަށް މާބޮޑު ބަދަލެއް ގެންނާނެކަމަކަށް ނުބެލެވެ އެވެ.

އޭގެ ފަހުން ކޮމިޓީގެ ރިޕޯޓަށް އިސްލާހު ހުށަހެޅުމަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށްފަހު، ކޮމިޓީގެ ރިޕޯޓުގެ ބަހުސަށް ކޮންމެ މެންބަރަކަށް ހަތް މިނެއްޓުގެ ފުރުސަތެއް ވަނީ ކަނޑައަޅާފައި އެވެ.

އެ މަރުހަލާ ނިންމުމަށްފަހު، މި މަހުގެ ނިޔަލަށް ބަޖެޓަށް ވޯޓަށް އަހައި ފާސްކުރާނެ ކަމަށް ބެލެވެ އެވެ.