ރާއްޖޭން ޖަޕާނުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމަށް މުހިއްމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އެވެ.
ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް ރާއްޖޭން ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއަކަށްވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ކޮވިޑުގެ މާލީ ދަތިކަމުގެ ތެރެއިން ދަރަނި މެނޭޖްކުރުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ އެމްއޯޔޫ އެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ބައެއް ގައުމުތަކާއެކު ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ޖަޕާންވެސް ހިމެނެ އެވެ.
އެމްއޯޔޫއަށް ފަހު މިއަދު އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެވި، އަންނަ އަހަރުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީއާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު ސޮއިކުރެވޭ އެއްބަސްވުމާއެކު ރާއްޖެއާއި ޖަޕާނާ ދެމެދު ދަރަނި ދެއްކުން ފަސްކުރުމާ ގުޅޭ އެއްބަސްވުން ގާއިމްކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެއާއެކު ރާއްޖޭން ޖަޕާނުން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކުރެވިގެންދާނެ އެވެ.