ރާއްޖޭން ނަގާފައިވާ ލޯނުތައް ބައެއް ގައުމުތަކުން ފަސްކޮށް ދިން ނަމަވެސް ލޯނުތަކަށް ދެއްކި އަދަދު 1.1 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ލޯނު ދައްކަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް 1.18 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.
މިދިޔަ އަހަރު ބަޖެޓުން ލޯނު ދައްކަން ހޭދަކޮށްފައިވަނީ 1.12 ބިލިއަން ރުފިޔާ އެވެ. އަދި މި އަހަރުގެ ބަޖެޓުގައި ލޯނު ދައްކަން ހޭދަ ކުރަން ފާސްކޮށްފައިވަނީ 1.88 ބިލިއަން ރުފިޔާ އެވެ.
ލޯނުތައް ފަސްކޮށް ދިންއިރު ރާއްޖޭން ބޭރުގެ ގައުމަކުން ނަގާފައިވާ، ދަރަނީގެ 40 ޕަސެންޓް ހިއްސާކުރާ ޗައިނާއިން ވަނީ ލޯނު ދެއްކުން ފަސްކޮށްދީފަ އެވެ. މި ލޯނުތައް ފަސްކޮށް ދީފައިވަނީ ވޯލްޑް ބޭންކުންގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުންނެވެ. މި ބަދަލާއެކު، ރާއްޖޭގެ ގިނަ ލޯނުތައް ދައްކަން ފަށަން ޖެހޭނީ މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގަ އެވެ. މި ބަދަލުގެ ސަބަބުން މި އަހަރު ދައްކަން ޖެހޭ ދަރަނިން 809.1 މިލިއަން ރުފިޔާ ކުޑަ ކުރެވޭނެ ކަމަށް ސަރުކާރުން އަންދާޒާކޮށްފައިވެ އެވެ.
ޗައިނާގެ ލޯނުތަކުގެ އިތުރުން ޖަޕާނުން ނަގާފައިވާ ޖަޕާނުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކުރުމަށް މުހިއްމު އެއްބަސްވުމެއްގައި ވެސް ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ.
މި އަހަރުގެ ބަޖެޓުގައި ދަރަނި ދައްކަން ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރު ދައުލަތުގެ ދަރަނި ހުންނާނީ 70.3 ބިލިއަން ރުފިޔާގަ އެވެ.