ވިޔަފާރި

ހަރަދު މިދިޔަ އަހަރާ އެއްވަރު، އާމްދަނީ އަށް 12 ބިލިއަން

Dec 5, 2020

ދައުލަތުން މިހާތަނަށް ކުރި ހަރަދު މިދިޔަ އަހަރާ އެއްވަރުވީއިރު، އާމްދަނީގެ ގޮތުގައި މިހާތަނަށް ލިބިފައިވަނީ 12 ބިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މިހާތަނަށް ދައުލަތުން 24 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތާ ހަމަ އަށް ބަލާނަމަ އާމްދަނީ އުޅެނީ ގާތްގަނޑަކަށް 24,6 ބިލިއަން ރުފިޔާގަ އެވެ.

ހަރަދުގެ ތެރެއިން ސަރުކާރު މުވައްޒަފުންނަށް މުސާރަ ދޭން 8.9 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރު ހޭދައަކީ ނުވަ ބިލިއަން ރުފިޔާ އެވެ. އަދި އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަން އެކްސްޕެންސްގެ ގޮތުގައި މިހާތަނަށް 7.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިދިޔަ އަހަރު 8.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ރިކަރަންޓު ހަރަދުގެ ޖުމްލައަކީ 16.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ރިކަރަންޓު ހަރަދު 18 ބިލިއަން ރުފިޔާއަށް އަރަ އެވެ.

މި ރިޕޯޓުގައިވާ ގޮތުން ދައުލަތަށް މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.7 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ލިބުނު އާމްދަނީ 27.7 ބިލިއަން ރުފިޔާ އަށް އަރަ އެވެ. މި އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 9.7 ބިލިއަން ރުފިޔާ އާމްދަނީއަށް ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް 14 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ހިލޭ އެހީގެ ގޮތުގައި މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ މިހާތަނަށް ލިބުނީ 859.9 މިލިއަން ރުފިޔާ އެވެ.

މި އަހަރު ހަރަދު ކުރަމުންދާ ބަޖެޓުގެ ޖުމްލައަކީ 37 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދު ވާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަކީ 35 ބިލިއަން ރުފިޔާ އެވެ. އަދި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަކީ ހިލޭ އެހީއާއި އާމްދަނީ ހިމެނޭ ގޮތަށް 30 ބިލިއަން ރުފިޔާ އެވެ.