މި އަހަރުގެ މިހާތަނަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 905.2 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ހަފުތާގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި ދައުލަތުން ހިލޭ އެހީ ހޯދުމަށް މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ހިލޭ އެހީގެ ގޮތުގައި 905.2 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތު އައިއިރު ރާއްޖެ އަށް ހިލޭ އެހީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ހޯދާފަ އެވެ.
މި އަހަރުގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައިވަނީ 5.2 ބިލިއަން ރުފިޔާ އެވެ.
ހިލޭ އެހީ އިތުރުވީއިރު މި އަހަރުގެ މިހާތަނަށް ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ހިލޭ އެހީއާއެކު 13.6 ބިލިއަން ރުފިޔާ އެވެ.
ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށްވެފައިވާތީ ހިލޭ އެހީ ހޯދުމަށް ފޮރިން މިނިސްޓްރީ އިސްވެ އޮވެގެން ގިނަ މަސައްކަތްތަކެއް ކުރި އެވެ. މިހާތަނަށް ކުރި މަސައްކަތުން ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ވަނީ ހޯދާފަ އެވެ. މިހާތަނަށް ދުނިޔޭގެ މާލީ އިދާރާ ތަކުން ވެސް ހިލޭ އެހީގެ ގޮތުގައި ފައިސާ ދީފައިވެ އެވެ. މީގެ އިތުރުން އެކުވެރި ގައުމުތަކުން ވެސް ދީފައިވެ އެވެ.